Roadha Mihaaru
ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށްފި

ބިދޭސީން ގެންނަ ތިން ކުންފުންޏަކަށް ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށް، ތަހުގީގު ކުރަނީ

26 ޑިސެމްބަރ 2019

ރާއްޖެ އަށް ބިދޭސީން ގެންނަ ތިން ކުންފުންޏަކުން ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް ބިދޭސީން ގެންނަ ތިން ކުންފުންޏަކުން ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިތަކާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިމިގްރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީން ގެނައުމުގައި މަކަރުވެރި އަމަލުތައް ހިންގައި އަދި ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅާފަައިވާ ކަމަށް ތުހުމަތު ކުރެވޭ ތިން ކުންފުންޏެއް މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅީ މި މަހުގެ 11 ގައި ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ކޮށްފައިވާ މުއާމަލާތްތަކާއި މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ހުރިހާ މައުލޫމާތުތަކާ އެކު ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ހިއުމަން ޓްރެފިކިންގެ ތުހުމަތު ކުރި މި ތިން ކުންފުނީގެ ހިއްސާދާރުންނާއި މައްސަލަތަކާ ގުޅުން ހުރި ފަރާތްތަކަށް ބިދޭސީންނާ ގުޅޭ ޚިދުމަތްތައް ދިނުން އިމިގްރޭޝަނުން މިހާރުު ވަނީ ހުއްޓާލާފަ އެވެ. އެކަމަކު، އެ ކުންފުނިތަކުގެ މައުލޫމާތު އިމިގްރޭޝަނުން އަދި އާންމެއް ނުކުރެ އެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، ހިއުމަން ޓްރެފިކިން އަށް ތުހުމަތު ކުރެވޭ 27 މައްސަލައެއް މިހާތަނަށް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

"...އިންސާނީ ވަގުފާރި އަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވަމެވެ،" އިމިގްރޭޝަންގެ ބަޔާނުގައި ވެ އެވެ.