Roadha Mihaaru
ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި

ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި

11 ސެޕްޓެމްބަރ 2024

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށައިފި އެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ބިދޭސީން ދިރިއުޅޭ ގެއެއްގައި މީހަކު ނިދާ އެނދެއްގެ މަތީގައި ގޭސްފުޅިއެއް ބަހައްޓައިފައި.-- ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ދިރިއުޅޭ ގެއެއްގައި މީހަކު ނިދާ އެނދެއްގެ މަތީގައި ގޭސްފުޅިއެއް ބަހައްޓައިފައި.-- ފޮޓޯ: އިމިގްރޭޝަން

ވަކި ތަންތަނަށް ހާއްސަ ކޮށްގެން ފެށި އެ އޮޕަރޭޝަންގައި އިއްޔެ މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއަކު ހިފަހައްޓާފައި ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

"މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ،" އިމިގްރޭޝަންގެ ބަޔާނުގައި ބުންޏެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ކަހަލަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައި ވެސް ފިޔަވަޅު އަޅާނެ އެވެ.

އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރަނީ.-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރަނީ.-- ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަން ބަލައި ފާސްކުރަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފެށިއިރު، މިދިޔަ ހޯމަ ދުވަހު މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި، ހެންވޭރުގައި ހުންނަ ގާމަގު ކެފޭގެ މަތީގައި 50 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅުނުކަން ވަނީ އެނގިފަ އެވެ. ތިން ފްލޯއަށް ހުރި އެ ތަނުގެ މަތީ ދެ ފްލޯ ހަދައިފައި ހުރީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެންނެވެ. އަލިފާނުގެ ހާދިސާގައި އެ އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި، އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް އެމީހުންނަށް ކަންކަން ހަމަޖައްސައިދޭ ނަމަ، އެ ބަޔަކާ މެދުގައި އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، ނުގަވައިދުން އުޅޭ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، ނުގަވައިދުން އުޅޭ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން

މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ހުރިހާ ގެއެއް ނުވަތަ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތުގައި މިހާތަނަށް ވަނީ 3،000 އެއްހާ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.