Roadha Mihaaru
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

06 އޯގަސްޓް 2024

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރާއްޖޭގެ ނޭޝަނަލް އިމަޖެންސީ ސާވިސްގެ ހިދުމަތް ފުޅާކުރުމަށްޓަކާ އަދި ޓޫރިޒަމްގެ ދާއިރާގެ ބޭނުމަށްޓަކައި، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައިވެ އެވެ. އެއީ؛

• ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން.

• ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން.

• ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލުމަށްޓަކައި ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް ޓޫރިޒަމްގެ ބޭނުމަށް ފަސިންޖަރުން އުފުލުމަށްޓަކައި 10 އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެހެން އެއްވެސް ބަޔަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ނުދޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުންވަނީ ރާއްޖޭގެ ރަށްރަށުގެ ނާޒުކުރު ވެށި ރަނގަޅަށް ދަންނަ، މި ހިދުމަތް ދިނުމުގައި ތަޖުރިބާކާރު ބައެއް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އީއޯއައި މަރުހަލާއަށް ފަހު، ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާ ފަށާނެ ކަމަށެވެ. އަދި އެ ޕްރޮޕޯސަލް ހަދަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އީއޯއައި ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 19 ވަނަ ދުވަހެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމަށްޓަކައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ މާޗު މަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރަން މި އަހަރު ވަނީ ފަށައިފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު، އެ ގައުމުގެ މަދަނީ މީހުންނާ އެކު އެ ބޯޓުތަކުގެ ދަތުރުތައް ވެސް ކުރިއެކޭ އެއްގޮތަށް މިދިޔަ މަހު ވަނީ ފަށައިފަ އެވެ.