Roadha Mihaaru
ލޯބިވާ މީހާ ދޫކޮށް މޫވް އޮން ކުރާނީ ކިހިނެއް؟

ލޯބިވާ މީހާ ދޫކޮށް މޫވް އޮން ކުރާނީ ކިހިނެއް؟

18 އެޕްރީލް 2024

ލޯބިވާ މީހަކާ ދުރުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ ބައެއް ފަހަރު ތިމާ ބޭނުންވަނީ ކޮން ގޮތެއްކަން އަމިއްލަ މީހާ އަށް ވެސް ޔަގީން ނުވާތީ އެވެ. ކުރިއަށް އަޅަންވީ ކޮން ފިޔަވަޅެއް ކަން ނޭނގޭތީ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ލޯބިވާ މީހަކާ ދުރުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ ބައެއް ފަހަރު ތިމާ ބޭނުންވަނީ ކޮން ގޮތެއްކަން އަމިއްލަ މީހާ އަށް ވެސް ޔަގީން ނުވާތީ އެވެ. ކުރިއަށް އަޅަންވީ ކޮން ފިޔަވަޅެއް ކަން ނޭނގޭތީ އެވެ.

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި، މީހަކު ދެކެ އިންތިހާ އަށް ލޯބިވުމަކީ ބޭއިހުތިޔާރުގައި ވެސް ކުރެވޭ ކަމެކެވެ.

ބައެއް ފަހަރު ތިމާ ލޯބިވާ މީހާ، ތިމާ ދެކެ ލޯބި ނުވެދާނެ އެވެ. އަދި ދެމީހުން އެކަކުއަނެކަކު ދެކެ ލޯބި ވިޔަސް، ދެމީހުންގެ ވިސްނުމާއި އުޅުމުގައި ތަފާތުތަކެއް ހުރެދާނެ އެވެ.

މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ލޯތްބަކީ ވަރަށް ތަފާތު ޖަޒުބާތެކެވެ. ބޭނުން ނުވާ އެތައް ކަމެއް ލޯބިވާ މީހާގެ ފަރާތުން ފެނުނު ނަމަވެސް އެކަން ގަބޫލު ކުރަން އުނދަގޫވެ އެވެ. އޭނާއާ ދުރުވާން ބޭނުން ނުވެ އެވެ.

ހާލަތު ދެނެގަތުން

ކަމަކަށް އުއްމީދު ކުރުމަކީ ގޯހެއް ނޫނެވެ. ކަމަކަށް އެދި އެކަމަށް އުއްމީދު ކުރުމަކީ މީހާ އަށް ލިބޭ ހިތްވަރެކެވެ. ނަމަވެސް ގުޅުމެއް ކުރިއަށް ގެންދިއުމަށް މިހާރުގެ ހާލަތު ދެނެގަތުން ވަރަށް މުހިންމެވެ. ތިމާ ލޯބިވާ މީހަކީ ތިމާ ދެކެ ލޯބިވާ މީހާ ކަމުގައި ނުވެދާނެ އެވެ. ބައެއް ގަޑިތަކުގައި އޭނާ އަކީ ތިމާ ދެކެ އެންމެ ލޯބިވާ މީހާ ކަމަށް ހީވިޔަސް، ގިނަ ކަންކަމުގައި ދެމީހުން ދެބަސްވާން ޖެހޭ ހާލަތު އާދެ އެވެ.

އެންމެ ދުވަހަކުން ހުރިހާ ގުޅުމެއް ކަނޑާނުލެވި ދާނެ އެވެ. ނަމަވެސް ގުޅުން ހީނަރުވާކަން އިހުސާސްވާ ހިސާބުން ފެށިގެން ވެސް އަމިއްލަ ނަފުސާ ސުވާލުކޮށްލުން މުހިންމެވެ.

ގުޅުމުގެ ބޭނުންތައް ދެނެގަތުން

ތިމާ ބޭނުންވަނީ ކޮން ގޮތެއްކަން އެނގޭފަދައިން ބޭނުން ނުވަނީ ކޮން ކަމެއްކަން ވެސް ވަރަށް ރަނގަޅަށް އެނގެން ޖެހެ އެވެ. އޭރުން ދެމީހުންގެ ހުންނަ އެއްގޮތް ކަންކަން ފާހަގަކުރަން ފަސޭހަ ވާނެ އެވެ. ދެމީހުން އެކުގައި ވަގުތު ހޭދަ ކުރާ ވަރަކަށް ދެމީހުންގެ ހުރި ތަފާތު ސިފަތައް ފާހަގަވާން ފަށާނެ އެވެ.

ލޯބިވާ މީހާ އަށް ތިމާ ދޭ ސަމާލުކަން އޭނާ ފަރާތުން ތިމާ އަށް ނުލިބޭކަން އިހުސާސްވާން ފަށާ ހިސާބުން ދުރުވާން މަސައްކަތް ކުރާށެވެ.