Roadha Mihaaru
ދިޔަމިގިލީ ކައުންސިލްގެ އޮޑިޓް ނުކުރާތާ 25 އަހަރު

ހަ ލައްކަ ރުފިޔާ ގެއްލުނުކަން އެނގުނީ 25 އަހަރުގެ ތެރޭގައި ހެދި ފުރަތަމަ އޮޑިޓުން

25 އޯގަސްޓް 2024

ތ. ދިޔަމިގިލީ ކައުންސިލު އިދާރާގެ ތިޖޫރިން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން އޮޑިޓު ރިޕޯޓުން ދައްކާފައިވާއިރު، މިއީ އެ ރަށު ކައުންސިލާ ގުޅިގެން ހެދި ފުރަތަމަ އޮޑިޓު ކަމަށް ކައުންސިލުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތ. ދިޔަމިގިލީ ކައުންސިލު އިދާރާގެ ތިޖޫރިން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން އޮޑިޓު ރިޕޯޓުން ދައްކާފައިވާއިރު، މިއީ އެ ރަށު ކައުންސިލާ ގުޅިގެން ހެދި ފުރަތަމަ އޮޑިޓު ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި މިދިޔަ 25 އަހަރުގެ ތެރޭގައި ރަށު ކައުންސިލާ ގުޅިގެން ފުރަތަމަ ފަހަރަށް އޮޑިޓެއް ހަދާފައި ވަނީ 2022 ވަނަ އަހަރު އެވެ.

އެ ރިޕޯޓުގައި ވާ ގޮތުން، އެ ކައުންސިލުގެ އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438 ރުފިޔާ ވަނީ ގެއްލިފަ އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި މިއީ އާ ކައުންސިލު އިންތިހާބުވުމުގެ ކުރިން ހިންގާފައިވާ ކަންތައްތަކެކެވެ. މިހާރު ރަށު ކައުންސިލުގައި ތިބީ 2021 ގައި އިންތިހާބު ކުރި މެމްބަރުންނެވެ.

އޭނާ ވިދާޅުވީ އޮޑިޓު ހަދާފައި ވަނީ 2020-2021 ގައި ކައުންސިލުގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާތަކެއް ނެތިގެން ކަމަށެވެ.

"އެ ފައިސާ ގެއްލިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ޖަހާފައި ވަނީ މީގެ ލިޔެކިޔުންތައް ފެންނަން ނެތިގެން. މިދިޔަ 25 އަހަރު ނެތޭ ދިޔަމިގިލީ ކައުންސިލުގެ އޮޑިޓެއް ހެދިފައި. އެހެންވީމާ މައްސަލަ ހުންނާނެ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ފަރާތުން ކަމާ ގުޅޭ އިދާރާތަކަށް ދޭންޖެހޭ އެއްބާރުލުމެއް ދޭނަން. އަޅުގަނޑުމެން މި ހަވާލުވި މުއްދަތުގެ ތެރޭގައި ފައިސާގެ އެއްވެސް ނުރަނގަޅު މުއާމަލާތެއް ކޮށްފައި ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

"މައްސަލަ ބަލައި އިންޓާނަލީ އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން."

އޮޑިޓު ރިޕޯޓުގައި ބުނީ 2020 ވަނަ އަހަރު ފެށިއިރު ހުރި 468،004ރ. އާއި ކައުންސިލަށް ނަގުދު ފައިސާގެ ގޮތުގައި ބަލައިގެންފައިވާ 397،052ރ. ގެ އިތުރުން ބޭންކް އެކައުންޓުތަކުން ނަގާފައިވާ 1.9 މިލިއަން ރުފިޔާގެ ނަގުދު ފައިސާއާ އެކު ޖުމްލަ 2.8 މިލިއަން ރުފިޔާ ކައުންސިލުގެ އިދާރާގައި ބަހައްޓައިގެން ރޯލް ކޮށްފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 455،174ރ އެކައުންޓަށް އަނބުރާ ޖަމާކުރުމަށް ފަހު، ނަގުދު ފައިސާ އިން 1.7 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ވެ އެވެ.

އެ ރިޕޯޓުގައި ވާ ގޮތުން ކައުންސިލުން ހަރަދުކުރި ކަމަށް ބެލެވޭ 1.7 މިލިއަން ރުފިޔާގެ ތެރެއިން ކައުންސިލުން ބޭނުންކުރިކަން ކަށަވަރު ކުރެވުނީ 1.4 މިލިއަން ރުފިޔާ އެވެ. ބާކީ ފައިސާގެ ޕޭމަންޓް ވައުޗަރާއި އިތުރު ލިޔުންތަކެއް ނެތެވެ.

އެހެންވެ، މައްސަލަ ބަލައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ރިޕޯޓުގައި އަންގާފައި ވެ އެވެ.