Roadha Mihaaru
ކްރެޑިޓް ކާޑުން ކެނޑޭވަރު 100 ޑޮލަރަށް ލިމިޓުކޮށްފި

ކްރެޑިޓް ކާޑުން ކެނޑޭވަރު 100 ޑޮލަރަށް ލިމިޓުކޮށްފި

25 އޯގަސްޓް 2024

ކްރެޑިޓް ކާޑުން ކެނޑޭ ލިމިޓު 90 ޕަސެންޓަށް ކުޑަކުރަން ބީއެމްއެލް އިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކްރެޑިޓް ކާޑުން ކެނޑޭ ލިމިޓު 90 ޕަސެންޓަށް ކުޑަކުރަން ބީއެމްއެލް އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ، ލިމިޓު އެހާ ބޮޑަށް ކުޑަކުރަނީ، ބޭންކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށެވެ. މި ގެނައި ބަދަލާ އެކު މިހާރު ކްރެޑިޓް ކާޑުން ކޮންމެ މަހަކު ކެނޑޭނީ 100 ޑޮލަރެވެ. ކުރިން މަހަކު ކްރެޑިޓް ކާޑުން 750 ޑޮލަރު ކެނޑެ އެވެ.

ކްރެޑިޓް ކާޑުގެ ލިމިޓު 90 ޕަސެންޓަށް ކަނޑާލި އިރު ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު އިގްތިސާދަށް އައި ހީނަރުކަމާ އެކު، އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު، ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތް ކުރެވޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށާއި އެކަމަކު މި ވަގުތު އެކަން އޮތީ ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ.

"ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ނޫން ގޮތަކަށް އެކަން ކޮންޓްރޯލެއް ނުވާނެ،" ވިދާޅުވި އެވެ.