Roadha Mihaaru
މައުމޫން ކުރެއްވި ޕޯސްޓަށް ރަޝިޔާ ސަފީރުގެ ނުރުހުން

ރަޝިޔާއާ ގުޅުވައިގެން މައުމޫން ކުރެއްވި ޕޯސްޓަށް ސަފީރުގެ ނުރުހުން

29 އޯގަސްޓް 2024

ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަށް ރާއްޖޭގައި ހުންނަވާ ރަޝިޔާގެ ސަފީރު ނުރުހުން އަމާޒުވެއްޖެ އެވެ.

މައުމޫން އެކްސްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވަނީ ރަޝިޔާ އިން ޔުކްރެއިނަށް ދެމުންދާ ވައިގެ ހަމަލާތައް ނޫސްތަކުން ރިޕޯޓު ކުރަމުންދާއިރު، އދ. ގެ ސަލާމަތީ މަޖިލީހުން އެކަމާ އަޅާނުލާތީ، ސަލާމަތީ މަޖިލިސް ވުޖޫދުގައި އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ.

އެ ޕޯސްޓަށް ރައްދު ދެއްވައި، ރަޝިޔާ އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ސަފީރު ލިވަން އެސް ޖަގަރްޔަން ވަނީ ރަޝިޔާ އިން ޔުކްރެއިނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށަން ޖެހުނު ސަބަބު މައުމޫނަށް ހަނދާން ކޮށްދެއްވައިފަ އެވެ.

"ޔޫކްރެއިންގެ ރައީސްގެ ސަބަބުން އެ ގައުމުގެ ޑޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެދިޔަކަން މައުމޫނަށް ހަނދާން ކޮށްދެން،" އެކަމާ މައުމޫން ކަންބޮޑުވެވަޑައިނުގަންނަވާތީ ސުވާލު އުފައްދަވައި ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރަޝިޔާ އިން އިސްވެ ވަނީ ސުލްހަ ގާއިމުކުރުމަށް ހުށަހަޅައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އިންތިހާބެއްގައި ވޯޓު ލެއްވުމަށް ފަހު، އިނގިލީގައި ޖަހާފައިވާ ނިޝާން ދައްކާލައްވަނީ.

ކުރީގެ ރައީސް މައުމޫން އިންތިހާބެއްގައި ވޯޓު ލެއްވުމަށް ފަހު، އިނގިލީގައި ޖަހާފައިވާ ނިޝާން ދައްކާލައްވަނީ.

ނަމަވެސް، ކޮންމެ ފަހަރަކު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި، ހަނގުރާމަ ހުއްޓާނުލަން ޔުކްރެއިންގެ ރައީސް ވްލަޑްމިއާ ޒެލެންސްކީއަށް ހިތްވަރުދީފައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ތަފާތުކުރުމުގެ ސަގާފަތަށް ތާއީދު ނުކުރަން އަޅުގަނޑު މައުމޫނަށް ގޮވާލަން،" ސަފީރު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި، އެންމެ ގައުމެއްގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމަށް ނިމުމެއް ގެންނަން އދ. ގެ ސަލާމަތީ މަޖިލީހުގެ ނުކުޅެދިފައިވާ ކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވުމަށް އޭނާ މައުމޫނަށް ގޮވާލެއްވި އެވެ.