Roadha Mihaaru
ބިދޭސީން ހިންގާ ތަންތަން ހޯދަން ކައުންސިލް ނުކުމެއްޖެ

ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ތަންތަން ހުއްޓުވަން މާލޭ ސިޓީ ކައުންސިލުން ވެސް ނުކުމެއްޖެ

29 އޯގަސްޓް 2024

މާލޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުއްޓުވަން މާލޭ ސިޓީ ކައުންސިލުން ވެސް ނުކުމެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުއްޓުވަން މާލޭ ސިޓީ ކައުންސިލުން ވެސް ނުކުމެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމަންޓް އޮފިސަރުން އިއްޔެ ވަނީ މާލޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ބައެއް ތަންތަން ހޯދައިފަ އެވެ. އަދި އެ ތަންތަނުގެ މައްސަލަ މޯލްޑިވްސް އިމިގްރޭޝަނަށް ސިޓީ ކައުންސިލުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓުތަކަށް ބަލާއިރު، މއ. އަންނާރުގޭގައި ބިދޭސީން ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ކާބޯތަކެތި ވިއްކަމުން ދާ ތަނެއް ވަނީ ހޯދައިފަ އެވެ.

ހުރަވީ ގޯޅިތެރޭގައި ގަވާއިދާ ހިލާފަށް ގެސްޓް ހައުސް ވިޔަފާރި ކުރަމުންދާ ތަނެއް ވެސް ސިޓީ ކައުންސިލުން ވަނީ ހޯދައިފަ އެވެ. އެތަނުގައި ސިގިރޭޓާއި އެނާޖީ ޑްރިންކްސް ވިއްކާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިއްދޮށުގައި އޮންނަ ސިއްކަ ގޯޅީގައި ހުރި ގެއެއްގައި ބަދިގެއެއް ހަދައިގެން ހުއްދަ ނެތި, ގަވާއިދަށް ހިލާފަށް ކާބޯތަކެތި ތައްޔާރުކުރާ ބިދޭސީންތަކެއް ވެސް ވަނީ ހޯދައިފަ އެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެތަނުގައި ތައްޔާރުކުރާ ތަކެތި ވިއްކަން ގެންދަނީ ސޯސަން މަގުގައި ހުންނަ ނެޗުރަލް ކެފޭއަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުންނާ އެކު އިއްޔެ މާލޭގައި ބޮޑު އޮޕަރޭޝަނެއް ވެސް ފެށި އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ވެސް ގިނަ ބަޔަކު ހުއްޓުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަން ދިން އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށް އަދި 200 އަށް ވުރެ ގިނަ ތަންތަން އިމިގްރޭޝަނުން ވަނީ ރެއިޑްކޮށްފަ އެވެ.