މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން މީހާއަކީ ޖަލު އަދަބު ލުއިކޮށް، މީގެ ދެ އަހަރު ކުރިން ދޫކޮށްލާފައިވާ މީހެއް ކަން އެނގިއްޖެ އެވެ.
30 އޯގަސްޓް 2024
މާލޭގައި ރޭ އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން މީހާއަކީ ޖަލު އަދަބު ލުއިކޮށް، މީގެ ދެ އަހަރު ކުރިން ދޫކޮށްލާފައިވާ މީހެއް ކަން އެނގިއްޖެ އެވެ.
އަންހެނަކު ރަހީނުކުރި މައްސަލާގައި ރޭ ހައްޔަރުކުރީ އާދަމް އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އެވެ. އޭނާއަކީ މީގެކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ.
ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަހްތަރުގެ ހުކުމް ލުއިކޮށް އޭނާ ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
ފުލުހުން ބުނި ގޮތުގައި އަތުހަރު ވަނީ، އަންހެމީހާ މާފަންނު ގެއެއްގައި ރަހީނުކޮށްގެން އަނިޔާކޮށްފަ އެވެ. އޭނާ ސަލާމަތް ކުރަން ފުލުހުން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދެމުން ދިޔަ ކަމަށެވެ.
އޭގެ ފަހުން، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ އޭނާ ސައިކަލަށް އަރުވައިގެން ފިލަން ވެސް މަސައްކަތް ކުރި އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އެ މީހާ ފުލުހުންނާ ވާހަކަތަކެއް ދައްކާ މަންޒަރު ފެނެ އެވެ. އެކަމަކު ދެއްކި ވާހަކައެއް ވީޑިއޯއަކަށް ސާފެއް ނުވެ އެވެ. އޭގެ އިރުކޮޅެއް ފަހުން، ރަހީނުކޮށްފައިވާ އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލީ އެވެ.
އޭނާ ހުއްޓުވަން ޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ދެ މީހުންނަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ޖަލުން ދޫކޮށްލާފައިވާ އަތުހަރު ބޮޑު ކުށަކަށް އަރައިގަތް އިރު، ޕެރޯލް އާއި ކްލެމެންސީގެ ފުރުސަތުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ އަދަދެއްގެ ކުށްވެރިން ދޫކުރި އެވެ. އެ މީހުންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ، އެ ފުރުސަތު ދެވޭ އުސޫލު ހަރުކަށި ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މި އަހަރުގެ ފުރަތަމަ ހަތަރު މަހު 13 މީހަކަށް މާފުދީ އަދި އަދަބު ލުއިކޮށްދިނެވެ. ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން އެ މުއްދަތުގައި ރައީސް މުއިއްޒު މާފު ދެއްވާފައިވަނީ އެންމެ ކުށްވެރިއަކަށެވެ.
ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފަ އެވެ. މީގެ ތެރޭގައި ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު، އެ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 274 މީހުންނަށް މާފު ދެއްވި އެވެ. އެއީ ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން މާފު ދިން ދިން 18 މީހަކާއި ރައީސް އިބޫގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މާފު ދެއްވި 256 މީހެކެވެ.
ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ފޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވަނީ މާލޭގައި ކުށްކުރުން އިތުރުވެފައިވަނީ މިދިޔަ އަހަރު 434 ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލާފައިވާތީ ކަމަށެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރު ކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދޭ ދިނުމަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެއް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްވެރިން އަބަދުވެސް ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ދެކުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ނިޒާމުގެ ތެރޭގެ ބައެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޒިންމާދާރުކަމާ އެކު ތަންފީޒު ކުރަން ޖެހޭނެ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
ޒުވާބު ހޫނުވެ ރަހީނުކުރީ ގޭގެ ކުލީގެ މައްސަލައެއްގައި
ކުރީގެ ލޯބިވެރިޔާ ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި