Roadha Mihaaru
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަންހެނަކު ރަހީނުކުރި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

31 އޯގަސްޓް 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި މައްސަލާގައި އާދަމް އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި މައްސަލާގައި އާދަމް އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، އެ އަންހެން މިހާ ރަހީނުކުރުމުން، އޭނާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެެރެއިން އަތުހަރަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ފަހު އޭޑީކޭ އިން އޭނާ ދޫކޮށްލީ އިއްޔެ އެވެ. އޭގެ ފަހުން ވެސް ހާލު ގޯސްވުމުން، ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދިނެވެ.

އެކަމަކު އޭނާގެ ހާލަތު ރަނގަޅުވުމުން މިއަދު ހެނދުނު ވަނީ ހޮސްޕިޓަލުން އޭނާ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރު ކޮށްފައި ވަނީ އޭނާގެ އައިރު ހާޒިރުގައި މިއަދު ހަވީރެވެ.

އަތުހަރުގެ ހާލު ގޯސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އޭނާ ޑޮކްޓަރަށް ދައްކައި މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭންގެ ނަތީޖާ ވެސް ނޯމަލް ކަމަށެވެ. އަދި ނަފްސާނީ ޑޮކްޓަރާއި ނާރުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުން ވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ށ. މިލަންދޫ، ހެޕީސައިޑް އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާ ރަހީނުކޮށް އަނިޔާކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުން، އޭނާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައިގެން ހުރެ ގެއިން ނެރެ، ސައިކަލަށް އަރައިގެން ފިލަން މަސައްކަތްކުރި އެވެ. އެކަމަކު އޭނާ ސައިކަލު މަޑުކޮށްލި ދަނޑިވަޅުގައި ފުލުހަކު ވަނީ އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި އަންހެން މީހާ ސަލާމަތްކޮށްފަ އެެވެ.

އެ ހާދިސާގައި އަންހެން މީހާއަށް މާބޮޑު އަނިޔާއެއް ނުވެ އެވެ.