Roadha Mihaaru
ދަގަނޑޭ އަށް މަޖިލިސް ރައީސްގެ ގެކޮޅުގެ އިސް މަގާމެއް

ދަގަނޑޭ އަށް މަޖިލިހުގެ ރައީސްގެ ގެކޮޅުގެ ޑިރެކްޓަ ޖެނެރަލްކަން ދީފި

03 ސެޕްޓެމްބަރ 2024

ރައްޔިތުންގެ މަޖިލިހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސަވާފައިވާ ގެކޮޅު މ. މުރައިދޫ ގޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސާފައިވާކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސަވާފައިވާ ގެކޮޅު މ. މުރައިދޫ ގޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސާފައިވާކަން އެނގިއްޖެ އެވެ.

"މިހާރު" އަށް އެނފިފައިވާ ގޮތުގައި ދަގަނޑޭ އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ޖުލައި މަހު އެވެ.

ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލާފައި ނުވީ ނަމަވެސް މިވަގުތު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައިވާތީ ދަގަނޑޭ ހުރީ ފުޓްބޯޅައާ ދުރުގަ އެވެ. އެކަމަކު މާލެ އާއި ރަށްރަށުގައި ބާއްވާ ކުދިކުދި މުބާރާތްތަކުގައި އޭނާ ކުޅެ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ދަގަނޑޭ އަކީ، ގައުމީ ޓީމާއި ކްލަބް ލެވެލްގައި ވެސް ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ.

ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅު ދަގަނޑޭ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ވަޒީފާ އަދާކުރި އެވެ. ނަމަވެސް ފަހުން އޭނާ އެއްކޮށް ހުރީ ފުޓްބޯޅަ އަށް ހުސްވެގެންނެވެ. ދަގަނޑޭ އަކީ ފުޓްބޯޅަ ކުޅެގެން ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ކުޅުންތެރިޔާ އެވެ.

މުރައިދޫގޭ ޑިރެކްޓަ ޖެނެރަލްގެ ހައިސިއްޔަތުން ދަގަނޑޭގެ މައިގަނޑު ޒިންމާތަކުގެ ގޮތުގައި އޮންނާނީ ބެލެވޭ ގޮތުގައި އިދާރީ ހިންގުމާއި ޕްރޮޓޮކޯލްގެ ކަންކަމާއި ލޭޒަންގެ މަސައްކަތްތަކެވެ. މުރައިދޫގޭގެ އެންމެ އިސް ވެރިޔަކީ ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. އޭނާ އަށް ދީފައިވަނީ ޗީފް އޮފް ސްޓާފްގެ މަގާމެވެ. އެއީ އެ ގެކޮޅުގެ އެންމެ އިސް މަގާމެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ޑިރެކްޓަ ޖެނެރަލް ކަމަށް ދަގަނޑޭ ހަމަޖެއްސިއިރު، އޭނާ ފާހަގަކުރެވެނީ އަބްދުއްރަހީމްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގަ އެވެ. ފައިސަލާ އެކު ދަގަނޑޭ ބައެއް ދަތުރުތަކުގައި ބައިވެރިވެ އެވެ.

މުރައިދޫގެ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަމަޖައްސާފައިވާ ގެއެކެވެ. އެގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.