މީގެ ތިން ވަރަކަށް އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވީ 480 ކުދިންނެވެ. އެކަމަކު މި އަހަރު އެކަނިވެސް އެ އަދަދު ވަނީ 1،500 އަށް އަރައިފަ އެވެ. ތިން ގުނަ މައްޗަށް ދިޔައީ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ އިން ވެސް ދައްކަނީ ނެގެޓިވް މަންޒަރެކެވެ. އާބާދީގެ 41 ޕަސެންޓު މާލޭގައި ދިރިއުޅެމުން އަންނައިރު 37 ޕަސެންޓު މީހުން މާލެ ހިޖުރަކުރީ ތައުލީމު ހޯދުމަށެވެ.
19 ނޮވެމްބަރ 2024
މީގެ ތިން ވަރަކަށް އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވީ 480 ކުދިންނެވެ. އެކަމަކު މި އަހަރު އެކަނިވެސް އެ އަދަދު ވަނީ 1،500 އަށް އަރައިފަ އެވެ. ތިން ގުނަ މައްޗަށް ދިޔައީ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ އިން ވެސް ދައްކަނީ ނެގެޓިވް މަންޒަރެކެވެ. އާބާދީގެ 41 ޕަސެންޓު މާލޭގައި ދިރިއުޅެމުން އަންނައިރު 37 ޕަސެންޓު މީހުން މާލެ ހިޖުރަކުރީ ތައުލީމު ހޯދުމަށެވެ.
ރަށްރަށުގައި ވެސް ވަސީލަތްތައް ގާއިމް ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ބޮޑު ހޭދައެއް ކުރަމުން އަންނައިރު މި ނަމްބަރުތައް މައްޗަށް ދާ ނަމަ އެއީ ވިސްނާލަންޖެހޭ ކަމެކެވެ. ރަށްރަށުގައި ސްކޫލްތައް ގާއިމްކޮށް، ފެންވަރު މަތިކުރުމަށް އެތައް ކަމެއް ކުރާ އެއް ސަބަބަކީ މާލެ އަށް ހިޖުރަ ކުރުން މަދުކުރުމެވެ.
ކުރިއާ ބަލާއިރު، ރަށްރަށުގެ ތަރައްގީ އަށް ކޮންމެ ސަރުކާރަކުން ވެސް ހާއްސަ އިސްކަމެއް ދޭއިރު، ކިޔެވުމަށް މާލެ އަންނަ ކުދިންގެ އަަދަދު މައްޗަށް ދާ ނަމަ އެއީ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ސަބަބު ދެނެގަންނަން ޖެހޭ ކަމެވެ. ރާއްޖޭގެ ތަރައްގީގެ ނިޒާމުގައި ދޯހަޅި ކަންތައްތަކެއް އެބަހުއްޓެވެ. ސިޔާސަތުތައް ގޯހެވެ. ހުރިހާ ކަމެއް ވަށައިޖެހޭ ގޮތަކަށް އަދިވެސް ކަންކަން ބައްޓަން ނުކުރެވެ އެވެ. އެއް މިސްރާބަކަށް ދަތުރުކުރާ ތަނެއް ނުފެނެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެ ފިޔަވައި ވަރަށް ރަނގަޅަށް ކިޔަވައިދޭ ސްކޫލްތައް ބައެއް ރަށްރަށުގައި އެބަހުއްޓެވެ. މަތީ އިމްތިހާންތަކުގެ ނަތީޖާ އިން އެކަން ދައްކަ އެވެ. އެއްވެސް ވަރަކަށް މާލެ ނައިސް ސްކޫލް ނިންމާއިރު މޮޅެތި ވަނަތައް ހޯދާ ކުދިން ރަށްރަށުގައި ވެސް މިހާރު މަދެކޭ ނުބުނެވޭނެ އެވެ. މާލޭގެ ބައެއް ސްކޫލްތަކަށް ގޮންޖަހާލެވޭ ވަރުގެ ސްކޫލްތައް ރަށްރަށުގައި އެބަހުއްޓެވެ. މީގައި ބަލަން ޖެހޭނީ އޯލެވެލް/ އޭލެވެލް އަދި އެކިއެކި މުބާރާތްތަކުގެ ވަނަތަކަށެވެ. ތައުލީމީ ނަތީޖާ އިން ބޭރުން ބާއްވާ މުބާރާރްތަކަށް ބެލިޔަސް ރަށްރަށުގެ ކުދިންގެ ހުނަރު ތަފާތެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު ފެންނަނީ ކަންބޮޑުވުންތަކެވެ. އެއްދަންފަޅި އަށް ކިޔަވައިދިނުމުގެ ސިޔާސަތު ވެސް ފެއިލްވެ، ރަށްރަށުން މާލެ އަންނަ ކުދިންގެ އަދަދު ނުކަތާ ވަރަށް މައްޗަށް ގޮސް އިތުރު ދަންފަޅިތަކަށް މާލޭގެ ސްކޫލްތައް ބަދަލު ކުރަމުން ދިއުމުގެ ރަތް ސިގްނަލެވެ. މިހާރު ވެސް އުޅެނީ ހުޅުމާލޭގައި ސްކޫލްތައް އިމާރާތް ކުރާނެ ބިންތައް ނެތިގެންނެވެ. މާލެ އޮތީ އެއްކޮށް ފުރިފަ އެވެ.
"ރެހެންދި ސްކޫލު ފެށީ އެއް ދަންފަޅި އަށް. އެކަމަކު، މިހާރު މި ކިޔަވައިދެނީ ދެ ދަންފަޅިއަށް. ހުރަވީ ސްކޫލު ފެށީ އެއް ދަނފަޅި އަށް. ސަލާހުއްދީން ސްކޫލު ފެށީ އެއް ދަންފަޅި އަށް، މިހާރު ދެ ސްކޫލު ވެސް ދެ ސެޝަނަށް ބަދަލު ވެއްޖެ. ސަލާހުއްދީނަށް ވަނުމަށް މިހާރު ވެސް އެ އަންނަ ރިކުއެސްޓުތައް ހިފަހައްޓައިގެން މި އިންނަނީ،" މައްސަލައިގެ ސީރިއަސްކަމުގެ ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވި އެވެ.
ޖާގައިގެ ދަތިކަން ބޮޑު ނަމަވެސް މާލެ ބަދަލުވާ ގިނަ ކުދިންނަށް ފުރުސަތު ދިނުމަށް ބައެއް ފަހަރު ކްލާހަކަށް 35 ކުދިން ވެސް ލާފައި އެބަހުއްޓެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިސާލަކަށް ބަލަމާ ދަރުމަވަންތަ ސްކޫލް. މިހާރު މި ހުރީ އެއް ސެޝަނަށް. އަޅުގަނޑު ކިރިޔާ ވެސް ގޮތެއް އޮވެއްޖެ ނަމަ އެއް ސެޝަނަށް ބާއްވާނީ. އެކަމަކު މި އަންނަ މައިގްރޭޝަން ގައުމީ ލެވެލް އެއްގައި މެނޭޖް ނުކުރެވޭ ކަމުގައި ވާ ނަމަ އިތުރު ގޮތެއް ނޯންނާނެ،" ދަރުމަވަންތަ ސްކޫލްގައި ވެސް ދެ ދަންފަޅި އަށް ކިޔަވައިދޭން ޖެހިދާނެ ކަން އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ
ކިޔެވުމަށްޓަކައި މާލެ އަށް އަންނަ އެންމެ ކުއްޖަކަށް ވެސް ޖާގަ ނުދީ ފޮނުވާލެވޭނެ ގޮތެއް ސަރުކާރަކަށް ނެތެވެ. ހިޖުރަ ކުރުމާ ގުޅިފައިވާ ބައިވަރު ކަންކަން ހުރުމުން އެ ކުދިން ބާކީ ކޮށްލުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިން ވެސް މިހާރު ވެސް އޮތީ ހަމަ އެ އުސޫލެވެ. މައްސަލައިގެ އަސްލު ގުޅިފައި ވަނީ ތަރައްގީގެ ސިޔާސަތާ އެވެ.
"ރާއްޖޭގައި މި އޮތް މައިގްރޭޝަން ޓްރެންޑަށް މި އޮތް ގޮތުން މާލެ އަށް ކުދިންތަކެއް ކިޔަވަން އައީ. އަޅުގަނޑަށް ބުނެވޭނެތޯ ނޫނެކޭ، ޖާގައެއް ނުދޭނަމޭ. ނުބުނެވޭނެ ކުއްޖަކު ސްކޫލަށް ނުފޮނުވާ ބަހައްޓާކަށް،" މައްސަލައިގެ އުނދަގޫކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.
ހަގީގަތަކީ ކޮންމެ ދިރާސީ އަހަރެއް ފެށޭއިރު މާލޭގެ ސްކޫލްތަކުގެ ޖާގަ އޮންނަނީ ފުލްވެފަ އެވެ. ކިތަންމެ ގިނަ ސްކޫލެއް މާލެ ސަރަހައްދުގައި އިމާރާތްކުރިޔަސް އެ ނޫން ވަރެއް ނުވެ އެވެ. ދެން އެޑިއުކޭޝަން މިނިސްޓްރީން ހިސާބުތައް ނެރޭއިރު ފެންނަނީ ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދިފައިވާ އަދަދެވެ. އެއީ ސިއްސައިގެންދާ އަދަދެކެވެ.
ރަށްރަށުން މާލެ ސްކޫލުތަކަށް ވެއްދުމަށް މި އަހަރު އެދިފައިވާ ދަރިވަރުންގެ ތަފާސް ހިސާބު.-- ގްރެފިކްސް: މިހާރު\އެޑިޝަން
ރަށްރަށުން މާލެ ސްކޫލުތަކަށް ވަންނަން އެދުނު އަދަދު:
- 2020/2021: 480 ދަރިވަރުން
- 2021/2022: 716 ދަރިވަރުން
- 2022/2023: 780 ދަރިވަރުން
- 2023/2024: 1،500 ދަރިވަރުން
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު މަހު ފެށި 2024 ވަނަ އަހަރުގެ ދިރާސީ އަހަރާ އެކު، 967 ކުދިން މާލެ ބަދަލުވި އެވެ. މާލެ ބަދަލުވެފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު އެއީ މާލެ ބަދަލުވި އަދަދަކީ ޖުމްލަ 3،663 ދަރިވަރުންނެވެ.
ރަށްރަށުން މާލެ ސްކޫލުތަކަށް ވެއްދުމަށް މި އަހަރު އެދިފައިވާ ގްރޭޑްތަކުގެ ތަފާސް ހިސާބު.-- ގްރެފިކްސް: މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުން ނަމަ އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް މި އަހަރު ބަދަލުވި ކުދިންގެ އަދަދު 1،100 އަށް ވުރެ ގިނަ އެވެ.
"އަންނަ ދިރާސީ އާ އަހަރު މާލެ ބަދަލުވާނެ ދަރިވަރުންގެ އަދަދު، ޓްރެންޑަށް ބަލަންޏާ 1،500 އަށް ވުރެ ގިނަވާނެ،" ކަންބޮޑުވުން ފާޅު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކިޔަވާ އުމުރުފުރައިގެ އާބާދީއަކީ 80،930 އެވެ. އޭގެ ތެރެއިން 53،533 ކުދިން ކިޔަވަނީ މާލެ ފިޔަވައި އެހެން އަތޮޅުތަކުގަ އެވެ. އެއީ 27،437 ފިރިހެން ކުދިންނާއި 26،096 އަންހެން ކުދިންނެވެ. އެންމެ އެންމެ ގިނަ ކުދިން ކިޔަވަން އަންނަނީ މާލެއަށެވެ.
ކިޔެވުމުގެ ބޭނުމުގައި މާލެ އަށް ހިޖުރަކުރާ ކުދިންގެ އަަދަދު ގިނަވާ މައްސަލާގައި ޕްރިންސިޕަލުން އެކިއެކި މައްސަލަތައް ފާހަގަކުރައްވަ އެވެ. ސިޔާސަތުތައް އެއްގޮތެއްގައި ހިފަހައްޓާނުލުމާއި ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް ނެތުމެވެ. މޮނީޓަ ނުކުރެވުމެވެ. ރަށްރަށުގެ ސްކޫލްތަކަށް އިސްކަން ނުދެވުމެވެ. ކިޔަވައި ނިންމައިގެން ރަށުގައި ހުރެ ވަޒީފާ އަދާކުރެވޭނެ ގޮތެއް ނެތެވެ. ރަށުން ވަޒީފާ ލިބެން ނެތުމުންނެވެ.
ސްކޫލެއްގެ ދަރިވަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ކޮންމެ ސަރުކާރަކުން، ކޮންމެ ރައީސެއް ވެސް ވެރިކަމަށް އަންނަން މި ވާ ވައުދުތަކުގައި އޮންނަނެ ރަނގަޅު ތައުލީމެއް ރަށުގައި ހުރެގެން ކިޔެވޭނެ ގޮތް ހޯދައިދޭނެ ކަމަށް. އެގޮތަށް ކަންތައްވާ ނަމަ މިއަދު މި ހާލަތަކަށް ނުދާނެ،" ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އެހެން ޕްރިންސިޕަލަކު ފާހަގަކުރެއްވީ ރަށްރަށުގެ ސްކޫލުތަކާއި މާލެ ސްކޫލުތަކުގެ މެދުގައި ޒަމާނުއްސުރެ ގެންގުޅޭ ތަފާތު ކުރުމެވެ. މާލެ ފިޔަވައި އެހެން ރަށްރަށް ކަމަށް ވިޔަސް އެއްވެސް ކަމެއްގައި ހަމަހަމަ ކަމެއް ނެތެވެ. ހުރިހާ ރަށަކަށް އެއް ފެންވަރެއްގެ ހިދުމަތް ނުދީ، މާލެ އަންނަން މަޖުބޫރު ކުރުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަ އެކަނި ތައުލީމާ ގުޅޭ ކަމެއް ނޫން. ރަށުގަ އެހެން ވަސީލަތެއް ނެތް، ވަޒީފާއެއް ނެތް، ސްކޫލު ހުރިއްޔާ ޕްރިންސިޕަލެއް ނެތް، ޓީޗަރުން ހަމައެއް ނުވޭ. މިއީ އަބަދު ވެސް ވާ ކަންކަން. އަނެއް ކަމަކީ ރަށުގައި މި އޮންނަނީ ސައިންސް ސްޓްރީމް، އެކަމަކު ލެބެއް ނުހުރޭ. މިކަހަލަ އެތައް ކަމެއް ވާތީ މާލެ ހިޖުރަ ކުރަނީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ޗުއްޓީއަށް ފަހު ރަށަށް އެނބުރި ދިއުމަށް ޓަކައި ބަޔަކު ލޯންޗަކަށް އަރަނީ --.ފޮޓޯ: ނިޝާން އަލީ/މިހާރު
މިނިސްޓަރު ވިދާޅުވީ ތައުލީމު ހޯދުމަށް މާލެ ހިޖުކުރުމަކީ ހަމަ އެކަނި އެ މިނިސްޓްރީން މަސައްކަތް ކޮށްގެން ނިިންމާލެވޭ ވަރަށް ވުރެ، ބޮޑު މައްސަލައެއް ކަމަށެވެ. ގައުމީ ފެންވަރުގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ގާނޫނުގައި ލިބިދީފައި އޮތް ހައްގެއް އެއީ، ހިޖުރަ ކުރެވޭނެ ކަމަށް. އަޅުގަނޑުމެންނަކަށް ނުބުނެވޭނެ މާލެ ނާންނާށެކޭ. މާލެ އަންނަ ކޮންމެ ކުއްޖަކަށް އަޅުގަނޑު ހުރިހާ ހިނދަކު ތައުލީމު ފޯރުކޮށްދޭނަން. އެއީ އަޅުގަނޑުގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު މި ބުނާ ވާހަކަ އަކީ ސަރުކާރުގެ މުޅި މެޝިނަރީ މީގެ ތެރެއަށް ވަދެގެން މަޝްވަރާ ކުރަން ޖެހޭ ވަރުގެ މައްސަލައެކޭ މިއީ. ރަށްރަށުގެ ތައުލީމީ ހާލަތު."
މި ގޮތަށް ވާހަކަ ދައްކަދައްކައި ކިތަންމެ އަހަރެއް ވަންދެން ވެސް ތިބެވިދާނެ އެވެ. މައްސަލަ ހައްލު ކުރުމަށްޓަކައި އޮތީ ތަރައްގީގެ ދުރުރާސްތާގެ ޕްލޭނަކާއިގެން ކުރިއަށް ދިއުމެވެ. މިހާރުގެ ސަރުކާރުން ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވައިލަން އެ އަށް ގާނޫނީ ބުރަދަނެއް ދޭން ނިންމާފައި ވުމަކީ ހިތްހަމަޖެހުމެކެވެ. އެކަމަކު، އެ ކަމަށް ވެސް އަދި ވަގުތު ނަގާނެ އެވެ. އެހެންވެ، މައްސަލަ ހައްލު ވުމުގެ އިންތިޒާރުގައި ތިބުން ނޫން ގޮތެއް ނެތެވެ.
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
އިނގިރޭސިން ދިވެހި ކުދިންނަށް ދުނިޔޭގެ ވަނަތަކެއް
ދަރިވަރަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ ޕޮލިހަށް
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ބަންދުގައި އިތުރު ހަރަކާތް ނުބާއްވަން އަލުން އަންގައިފި
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ
ތިނަދު އާއި ރަކީދޫ ސެޓެލައިޓް ސްކޫލު ހުހަށް!