Roadha Mihaaru

މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެ މީހަކު ޑީޕޯޓްކުރަނީ

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ސްރީ ލަންކާގެ ދެ މީހުން ޑިޕޯޓްކުރަން ނިންމައިފި އެވެ.

މާލޭގައި ބަނގުރާ ވިއްކާ ލަންކާގެ ދެމީހަކު ޑީޕޯޓްކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ޑިސެމްބަރ 2024

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކާ ސްރީ ލަންކާގެ ދެ މީހުން ޑިޕޯޓްކުރަން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގެ ގެއެއް ބަލައިފާސްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއީ ލަންކާގެ ދެ މީހުން ކަމަށްވާ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ، 27، އާއި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ، 21، އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ގެއިން ވަނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 116 ފުޅި އާއި ފަސް ލީޓަރުގެ ހަ ފުޅި ފެނިފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ވެސް ވަނީ ބަނގުރާ ވިއްކުމުގެ މައްސަލަތަކުގައި މާލެއިން ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފަ އެވެ.