Roadha Mihaaru

މާލޭގެ ބޮޑު 6 މަގެއްގައި ނުގަވައިދުން ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން އަނެއްކާވެސް ފަށައިފި

މާލެ ސަރަހައްދުގެ ބޮޑެތި މަގުތަކުގައި ނުގަވައިދުން ވެހިކަލް ޕާކްކުރުމުގެ މައްސަލަ ބޮޑުވުމުން އުޅަނދުތައް ޓޯ ކުރަން ފުލުހުން ނިންމައިފި އެވެ.

ނުގަވައިދުން ޕާކުކުރާ ވެހިކަލްތައް އަނެއްކާވެސް ޓޯކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 ޑިސެމްބަރ 2024

މާލެ ސަރަހައްދުގެ ބޮޑެތި މަގުތަކުގައި ނުގަވައިދުން ވެހިކަލް ޕާކްކުރުމުގެ މައްސަލަ ބޮޑުވުމުން އުޅަނދުތައް ޓޯ ކުރަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލޭގެ ބައެއް މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދުތަކަށް، ހާއްސަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް އުޅަނދު ޕާކްކުރަމުންދާ ކަމަށެވެ.

ގަވައިދާ ހިލާފަށް ޕާކު ކުރުމުން ޓޯ ކުރާނެ މަގުތައް:

- ބޮޑުތަކުރުފާނު މަގު

- މަޖީދީ މަގު

- އަމީނީ މަގު

- ސޯސަން މަގު

- އޯކިޑު މަގު

- އަމީރު އަހުމަދު މަގު

ނުގަވައިދުން ޕާކު ކުރާ މައްސަލަ ބޮއްސުންލައި މިދިޔަ މާޗް މަހު ވެސް ޕޮލިހުން ވަނީ އުޅަނދުތައް ޓޯ ކުރަން ފަށައިފަ އެވެ.

އެންގުންތަކާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅި އަޅަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. ގައިވާ ގޮތުން އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެ އެވެ.

އަދި އެ މީހާގެ ހާއްސަ އުޅަނދުތައް ފިޔަވައި އެނޫން އުޅަނދުތައް، އެތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.

އެއްގަމު އުޅަނދު ޕާކްކުރުމުގެ 14 ވަނަ މާއްދާގެ ށ. ގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، އެ ގަވާއިދާ ހިލާފުވާ މީހުން 750ރ. އިން ޖޫރިމަނާކުރާނެ ކަމަށެވެ.

މި ސަރުކާރުން ވަނީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ މަގުތައް، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ޕާކިންގެ މައްސަލަ ވަނީ ބޮއްސުންލައިގެން ގޮސްފަ އެވެ. ބޮޑުތަކުރުފާނު މަގަކީ ޕާކް ކުރުން މަނާ މަގެއް ނަމަވެސް، އެ މަގުގެ ދެ ފަރާތުގައި ވެސް ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، މަގުގައި ދުއްވާ މީހުންނަށް ވެސް އޭގެ ސަބަބުން ވަނީ ދަތިވެފަ އެވެ.