Roadha Mihaaru

ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް، 46 މިލިއަން ހަރަދުވާނެ

ކުރިއަށް އޮތް ރޯދަމަހު ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

11 ޖެނުއަރީ 2025

ކުރިއަށް އޮތް ރޯދަމަހު ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.

މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.

މިފްކޯ އިން ބުނީ އެހެންވެ، އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުފައްދަން ޖެހޭ ކަމަށާއި އެކަމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ސަރުކަރުގެ މަސް ކުންފުނިން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ދޫކުރާށެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދޫކޮށްފައިވެ އެވެ.

ބާޒާރުގައި މިވަގުތު އެންމެ އާދައިގެ ތެޔޮ މަސްދަޅު ކޭހެއް ލިބެން ހުރީ 560ރ. އަށެވެ. އެއީ މަސްދަޅެއް 16ރ. އަށެވެ. އެހެންވެ، މާކެޓް ރޭޓަށް ބަލައިގެން 82،000 ގޭބީސީއަށް މަސްދަޅު ކޭސް ދޫކުރާ ނަމަ ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ އެވެ.

މިފްކޯއިން ބުނީ، އެ ޕްރޮޑަކްޝަނަކީ އެސްޓީއޯއާ ގުޅިގެން މިފްކޯއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މި ސަރުކާރަށް އެއް އަހަރުވުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައ ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރޯދަމަހަށް ކާޑުގެ ބަދަލުގައި ގޭގެ އަށް ދޫކުރާނީ މަސްދަޅު ކޭސް ކަމަށެވެ.

މިފްކޯ އިން ބުނީ، އަންނަ މަހުގެ ތެރޭގައި އެ ޕްރޮޑަކްޝަން ނިމި، ގޭބީސީތަކަށް މަސް ކޭސްތައް ދޫކުރާނެ ކަމަށެވެ. މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.