Roadha Mihaaru

ހިލޭ ބަހާ މަސްދަޅުގެ ސައިޒަށް ބަދަލެއް ނާންނާނެ: މިފްކޯ

މިފްކޯ އިން 140 ގްރާމުގެ މަސް ދަޅު ކޭސް ބާޒާރަށް ނެރުނަސް، ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ގޭގެ އަށް ހިލޭ ބަހަނީ 180 ގްރާމްގެ 48 ދަޅު މަސް ކޭސް ކަމަށާއި އެ އަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ހިލޭ ބަހާ މަސްދަޅުގެ ސައިޒަށް ބަދަލެއް ނާންނާނެ:މިފްކޯ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

19 ޖެނުއަރީ 2025

މިފްކޯ އިން 140 ގްރާމުގެ މަސް ދަޅު ކޭސް ބާޒާރަށް ނެރުނަސް، ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ގޭގެ އަށް ހިލޭ ބަހަނީ 180 ގްރާމްގެ 48 ދަޅު މަސް ކޭސް ކަމަށާއި އެ އަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯ އިން ބުނީ، މަސްދަޅުގެ 140 ގްރާމް ކޭސްތަކަކީ އިކޮނޮމީ ޕެކް ކޭސްތަކެއް ކަމަށާއި އެއީ މަދުން މީހުން ދިރިއުޅޭ ގެތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މަސްދަޅު ކަމަށެވެ. އެފަދަ ކޭސްތައް ބާޒާރަށް ނެރުނީ މަސްދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ، އެކަމަށް ހިތްވަރު ނުދޭން ކަމަށް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ވިއްކާ 48 ދަޅުގެ މަސް ކޭހުގެ އަގު އުޅެނީ 700ރ. އާއި 800ރ. އަށެވެ. އެހެންވެ، އެ އަދަދަށް ބަލައިގެން 80،000 ގޭބީސީ އަށް މަސްދަޅު ދޫކުރާ ނަމަ އެކަމަށް ކުރާ ހޭދަ 56 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

މިފްކޯ އިން ބުނިގޮތުގައި އެހެންވެ، އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށް ވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ފަހަރުގެ ރޯދަމަހާ ދިމާކޮށް އުފައްދަން ޖެހެ އެވެ. އަދި އެކަމަށް އެ ކުންފުނިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިފްކޯ އިން ބުނީ، އަންނަ މަހުގެ ތެރޭގައި އެ ޕްރޮޑަކްޝަން ނިމި، ގޭގެ އަށް މަސް ކޭސްތައް ދޫކުރާނެ ކަމަށެވެ. މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސަރުކާރަށް އެއް އަހަރުވުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ފަހަރުގެ ރޯދަމަހަށް ކާޑުގެ ބަދަލުގައި ގޭގެ އަށް ދޫކުރާނީ މަސްދަޅު ކޭސް ކަމަށެވެ.

މި އަހަރުގެ ރޯދަ މަހު މަސް ދަޅު ކޭސް ގޭގެއަށް ބަހާ އިރު މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.