Roadha Mihaaru

ވައި ގަދަވެ އެލްއޭގެ އަލިފާން އެހެން ހިސާބުތަކަށް ފެތުރުމުގެ ބިރު ބޮޑުވެއްޖެ

އެމެރިކާގެ ލޮސް އެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދާއިރު އަނެއްކާވެސް ވައި ގަދަވެ، ކުރިން އަލިފާން ނުފެތުރޭ ހިސާބުތަކަށް ވެސް ނުރައްކާ ބޮޑުވެއްޖެ އެވެ.

އެލްއޭގެ އަލިފާން އެހެން ހިސާބުތަކަށް ފެތުރިދާނެ!

އެމެރިކާގެ ލޮސް އެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދާއިރު އަނެއްކާވެސް ވައި ގަދަވެ، ކުރިން އަލިފާން ނުފެތުރޭ ހިސާބުތަކަށް ވެސް ނުރައްކާ ބޮޑުވެއްޖެ އެވެ.

އެލްއޭގެ އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް 16 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އެ ސިޓީގެ އެތައް ނެއިބަހުޑްތަކެއް ވަނީ އަނދައި އަޅިއަށް ވެފަ އެވެ. އަލިފާން ނިއްވުމުގައި އުޅޭ އެތައް ހާސް މީހުންނާއި އާންމުންގެ އެތައް މިލިއަން ބަޔަކު ތިބީ މި ބިރުވެރިކަމާ ކުރިމަތިލާން ޖެހިފަ އެވެ.

ޕެލިސޭޑްޒްގެ އަލިފާން ހޮނިހިރު ދުވަހު ވެސް ވަނީ އިތުރަށް ފެތުރިފަ އެވެ. އަލިފާން ނިއްވަން ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުން ދާއިރު ވެސް ގެޓީ ސެންޓަރުގެ އާޓް މިއުޒިއަމްގެ އަގުބޮޑު ކަލެކްޝަންތަކާއި، އުތުރުން އާބާދީ ބޮޑު ސަން ފެނާންޑޯ ވެލީއާ ދިމާލަށް ވަނީ އަލިފާން ފެތުރިފަ އެވެ.

ގަދަ ވަޔާ އެކު ހަލުވިކޮށް ފެތުރެމުން ދިޔަ އަލިފާންގަނޑުތައް، ވައި މަޑުވުމާ އެކު ކުޑަކޮށް މަޑުޖެހިލި ނަމަވެސް މޫސުން ލަފާކުރާ އިދާރާއިން ބުނީ ކުރިއަށް އޮތް ވައި ގަދަވާނެ ދުވަސްތަކެއް ކަމަށާއި އެހެންވެ ހާލަތު އަނެއްކާ އިތުރަށް ގޯސްވެދާނެ ކަމަށެވެ.

ލޮސް އެންޖެލިސްގެ ނެއިބަހުޑެއް އަލިފާނުގައި އަނދާފައި. -- ފޮޓޯ: އޭއެފްޕީ

ލޮސް އެންޖެލިސްގެ ނެއިބަހުޑެއް އަލިފާނުގައި އަނދާފައި. -- ފޮޓޯ: އޭއެފްޕީ

"ކެލިފޯނިއާގެ ދެކުނުގެ ސަރަހައްދުތަކަށް އަލިފާނުގެ ނުރައްކާ މިއަދު އަނެއްކާވެސް އިތުރުވެ، އަންނަ ހަފުތާގެ ކުރީކޮޅު ވެސް މި ހާލަތު ދެމިއޮންނާނެ،" ނެޝަނަލް ވެދަ ސާވިސް އިން ބުންޏެވެ.

"މިކަމުގެ ސަބަބުން، މިހާރު ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ފެތުރުމާއި އަލަށް އެހެން ހިސާބުތަކުގައި ރޯވުމުގެ ފުރުސަތު ވެސް އޮންނާނެ."

ޕެލިސޭޑްޒްގައި ރޯވެފައިވާ އަލިފާންގަނޑުގެ 11 ޕަސެންޓް ހޮނިހިރު ދުވަހު ކޮންޓްރޯލްކޮށްފައި ވިޔަސް 23،600 އޭކަރު (9،500 ހެކްޓަރު) އަށް ވަނީ އަލިފާން ފެތުރިފަ އެވެ. އީޓަންގެ އަލިފާންގަނޑު 14،000 އޭކަރަށް ފެތުރިފައި ވާއިރު މިހާރު ވަނީ 15 ޕަސެންޓް ކޮންޓްރޯލްކޮށްފަ އެވެ.

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 12،000 އަށް ވުރެ ގިނަ އިމާރާތް ވަނީ އަލިފާނުގައި އަނދައިފަ އެވެ. ކެލް ފަޔާގެ ޓޮޑް ހޮޕްކިންސް އިން ބުނީ ހުރިހާ ތަންތަނަކީ ގެތައް ނޫން ކަމަށާއި އެ އަދަދުގައި ގެތަކާ ވަކިން ހަދާފައި ހުންނަ އިމާރާތްތަކާއި މުނިފޫހިފިލުވުމުގެ އުޅަނދުތަކާއި ޝެޑްތައް ވެސް ހިމެނޭނެ ކަމަށެވެ.

ލޮސް އެންޖެލިސްގައި އަލިފާން ފެތުރި ދުން އަރަމުންދާ ހިސާބެއް. -- ފޮޓޯ: އޭއެފްޕީ

ލޮސް އެންޖެލިސްގައި އަލިފާން ފެތުރި ދުން އަރަމުންދާ ހިސާބެއް. -- ފޮޓޯ: އޭއެފްޕީ

އަލިފާނުގެ ސަބަބުން އެތައް ހާސް ބައެއްގެ ގެދޮރު ގެއްލުމާ އެކު ކުއްލިއަކަށް އެ އެންމެންނަށްހެން ވަނީ އުޅޭނެ ތަނެއް ހޯދުމުގެ މަސައްކަތް ފަށަން ޖެހިފަ އެވެ. މިއީ މިހާރު ވެސް ގެދޮރު ހޯދުން ދަތިވެފައިވާ އެ ސަރަހައްދުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.

ހާދިސާ ހިނގި ސަރަހައްދުތަކުގައި ފޭރުން އާންމުވެ ފުލުހުންނާއި ނޭޝަނަލް ގާޑުން ވަނީ ޗެކްޕޮއިންޓްތައް ބަހައްޓައި މީހުން ވަނުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އެ ހިސާބުތަކުގައި ރޭގަނޑު ވަނީ ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ.

އެމެރިކާ ހާސްކަމުގެ ތެރެއަށް ވައްޓާލި އަލިފާނުގެ އަސްލު ދެނެގަތުމަށް މިހާރު ވަނީ އެފްބީއައި އާއި ބިއުރޯ އޮފް އަލްކޮހޮލް، ޓޮބޭކޯ، ފަޔައާމްސް އެންޑް އެކްސްޕްލޯސިވްސް (އޭޓީއެފް) ގުޅިގެން ބޮޑު ތަހުގީގެއް ފަށައިފަ އެވެ.

"މިކަމުގައި ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނަން،" ލޮސް އެންޖެލިސް ކައުންޓީގެ ޝެރިފް ރޮބަޓް ލޫނާ ވިދާޅުވި އެވެ.

"މިއީ ޖިނާއީ އަމަލެއް ކަމަށް ވަންޏާ - އަޅުގަނޑު މި ދަންނަވަނީ އެހެން ވާނެއެކޭ ނޫން - އެހެން ކަމަށްވާ ނަމަ، އެކަން ކުރި ކޮންމެ މީހަކު، ނުވަތަ ބަޔަކު ޒިންމާވާން ޖެހޭ،" ހާދިސާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެ ކަމެއް ހިއްސާކުރުމަށް އިލްތިމާސްކުރައްވަމުން ލޫނާ ވިދާޅުވި އެވެ.

ޖަންގަލިތަކާއި ގަސްތަކުގެ ތެރޭގައި ގަސްތުގައި ވެސް ރޯކުރެ އެވެ. އެކަމަކު ގުދުރަތީ އެކި ހާދިސާތަކުގައި ވެސް ރޯވެ އެވެ.