Roadha Mihaaru

އެލްއޭގެ އަލިފާން: މަރުވި އަދަދު 25 އަށް، ވައި ގަދަވެ ނުރައްކާ ބޮޑުވަނީ

އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

އެލްއޭ އަލިފާން: މަރުވި އަދަދު 25 އަށް އަރައިފި

އެމެރިކާގެ ލޮސް އެންޖެލިސްގައި އަނދަމުންދާ އަލިފާނުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

މަރުވި މީހުންގެ އަދަދު މަތިވެފައި ވާއިރު ވައި ގަދަވުމުގެ ސަބަބުން އަލިފާނުގެ ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު ވެސް އަނެއްކާ ވަނީ ބޮޑުވެފަ އެވެ.

އަލިފާން ރޯވިތާ ހަފްތާއެއް ވެފައި ވާއިރު އަލިފާން ކޮންޓްރޯލްކުރުމުގައި އަދިވެސް ކުރިއެރުމެއް ނުލިބެ އެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހު ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް މޫސުން ލަފާކުރާ އިދާރާތަކުން ވަނީ ބުނެފަ އެވެ.

"ވަށައިގެން ހިނގަމުންދާ ކަންކަމާ މެދު ސަމާލުވެ ތިބޭތި. ތަން ދޫކޮށް ދާން ޖެހިދާނެ ކަމަށް އަބަދުވެސް ތައްޔާރަށް ތިބޭތި. އަލިފާން ރޯވެދާނެ އެއްވެސް ކަމެއް ނުކުރާތި،" ބުދަ ދުވަހު 70 މޭލު (110 ކިލޯމީޓަރު) ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ނެޝަނަލް ވެދަ ސާވިސް އިން ނެރުނު އިންޒާރުގައި ބުނެފައިވެ އެވެ.

ލޮސް އެންޖެލިސް ކައުންޓީގެ ބޮޑު ބަޔަކާއި ވެންޗޫރާ ކައުންޓީގެ ހާލަތު އިތުރަށް ގޯސް ކަމަށް އެންޑަބްލިޔުއެސް އިން ބުންޏެވެ.

"ގަސްތައް ހުރި ވަރަށް ބޮޑަށް ހިކި، ކޮންމެ ވަގުތަކު ވެސް ރޯވެދާނެ ހާލަތެއްގައި ... ވަރަށް ހަލުވިކަމާ އެކު އަލިފާން ފެތުރިގެންދާނެ،" މިޓިއޮރޮލޮޖިސްޓެއް ކަމަށްވާ ރަޔަން ކިޓެލް އޭއެފްޕީއަށް ވިދާޅުވި އެވެ.

ކިޓެލް ވިދާޅުވި ގޮތުގައި ޕެލިސޭޑްޒް އާއި އީޓަންގައި ރޯވެފައިވާ އަލިފާން އަދިވެސް ނުނިވި ހުރި އިރު ގަދަ ވަޔާ އެކު ބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އޮފިޝަލުން ބުނަމުން ދަނީ ކުރިން ރޯވި ހިސާބުތަކުގައި އަލިފާން ނިއްވަން ކުރި މަސައްކަތުގައި ހައިޑްރަންޓްތަކުން ފެން ހުސްވެފައިވާ ކަމަށާއި އެހެންވެ އެ ސަރަހައްދުތަކުގައި އަލުން ރޯވާން ފަށައިފި ނަމަ ގޮންޖެހުން ބޮޑުވާނެ ކަމަށެވެ. އެކަމަކު މިހާރު ވަނީ ހާލަތަށް ތައްޔާރުވެފައި ކަމަށް ބުންޏެވެ.

"ލޮސް އެންޖެލިސް ކައުންޓީ ސަރަހައްދު އޮތީ ތައްޔާރީ ހާލަތުގައިކަން ކަށަވަރުކޮށްދެން،" ފަޔާ ޗީފް އެންތަނީ މެރޯން ވިދާޅުވި އެވެ.

"އީޓަންގައި ރޯވި އޭރިއާގެ ފެނުގެ ނިޒާމް މިހާރު ވަނީ ޗެކްކޮށްފައި. އެ ސިސްޓަމް މަސައްކަތްކުރޭ. އޭގެ މާނައަކީ ފެން އެބަހުއްޓޭ، ޕްރެޝަރު ވެސް ލިބެޔޭ."

ޕެސިފިކް ޕެލިސޭޑްގެ 24،000 އޭކަރު (9،700 ހެކްޓަރު) އާއި އަލްޓަޑެނާގެ 14،000 އޭކަރު (5،700 ހެކްޓަރު) މިހާރުވެސް އަނދައި ހުލިވެފައި ވާއިރު ގަދަ ވަޔާ އެކު ދުމާއި އަޅިތައް ބުރައިގެން ގޮސް މުޅި ޖައްވު ވަނީ ތަޣައްޔަރު ވެފަ އެވެ. އެހެންވެ ސިއްހީ މާހިރުން ވަނީ މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުންނަން އަންގައިފަ އެވެ.

ލިބުނު ގެއްލުންތަކުގައި 88،000 މީހެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ. ގެދޮރު ސަލާމަތްވި މީހުން ވެސް އަލުން ގޭގައި އުޅެން ހުއްދަ ނުލިބޭތީ އެކަމާ ތިބީ ހިތްހަމަނުޖެހިފަ އެވެ.