Roadha Mihaaru

ވަކިވި މެންބަރުންނާ މައްސަލައެއް ނެތް، ޕާޓީ ފެއިލް ނުވާނެ: ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީ އާ ގުޅުނު މެންބަރުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މެންބަރުން ވަކިވިޔަސް އެ ޕާޓީ ފެއިލް ނުވާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.

"މެންބަރުން ވަކިވިޔަސް ޕާޓީ ފެއިލް ނުވާނެ"
މޫސާ ރަޝީދު
މޫސާ ރަޝީދު

12 ޖެނުއަރީ 2025

ދަ ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީ އާ ގުޅުނު މެންބަރުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ މެންބަރުން ވަކިވިޔަސް އެ ޕާޓީ ފެއިލް ނުވާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.

އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރުންތަކެއް އިއްޔެ ވަނީ އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް ހުސެއިން ފިރުޝާން ވިދާޅުވި ގޮތުގައި ޕާޓީން ވަކިވި މެންބަރުންނާ އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މައްސަލައެއް ޖެހޭނެހެން ހީނުވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.

އެހެން ނަމަވެސް ސިޔާސީ ކަމަކަށް ވާތީ ސިޔާސީ ހިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ޕާޓީން ވަކިވި މެންބަރުން ވަކިވުމަކީ އެ ބޭފުޅުން އަމިއްލަ އަށް ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ޕާޓީ ފެއިލް ވެދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީ ފެއިލް ވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ނުފެނޭ. ޕާޓީއަކީ ޒުވާން ކުޑަ ޕާޓީއެއް. މިހާރު ވެސް ކުރިއަށް ނުކުންނަވައިގެން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އަލިކޮށް." ވައްޑޭ ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން ވަކިވި މެންބަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާ މަޝްވަރާ ކުރެއްވިތޯ ސުވާލު ކުރުމުން ވައްޑޭ ވިދާޅުވީ އެ ފަރާތްތަކުގެ މެދުގައި ވާހަކަތަކެއް ދެކެވިފައި އޮތް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރާނެ އެވެ. އެގޮތުން މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކާއި ހަރަކާތްތައް ބޭއްވުމުގެ ކަންކަން ކުރަމުން ގެންދާނެ ކަމަށް އިންތި ވިދާޅުވި އެވެ.