Roadha Mihaaru

ޕާޓީތަކަށް މެންބަރުން ވައްދާ ޕޯޓަލް ބޭނުންކުރުން ހުއްޓާލަނީ

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޕާޓީތަކަށް މީހުން ވައްދަން މިހާރު ބޭނުންކުރާ ޕޯޓަލް ބޭނުންކުރުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ޕާޓީތަކަށް މީހުން ވައްދާ ޕޯޓަލް ބޭނުންކުރުން ހުއްޓާލަނީ

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް، ޕާޓީތަކަށް މީހުން ވައްދަން މިހާރު ބޭނުންކުރާ ޕޯޓަލް ބޭނުންކުރުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި ޕީއެންސީއަށް އޭނާ ބަދަލު ކޮށްފައިވާ މައްސަލަ ފެންމަތިވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތްތަކުގައި އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް ފަށައިފަ އެވެ.

އިލެކްޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕާޓީތަކަށް މީހުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަން މިހާރު ބޭނުން ކުރަމުންދާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތް މެދުކަނޑާލި ނަމަވެސް، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުން ވަކިވުމުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ ހަމައެކަނި އީ ފާސް މެދުވެރިކޮށް ހުށަހަޅައިގެން ޕާޓީތަކަށް ވަންނަ ގޮތް ބަދަލު ކުރުމަށެވެ.

މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

މި ފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.