Roadha Mihaaru

އޭސީސީގެ ތަހުގީގަށް ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ: އޭސީސީ

ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ނަމަވެސް އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ތިނަދޫ ކައުންސިލުން ތަހުގީގަށް އެއްބާރުލުން ނުދޭ:އޭސީސީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 ޖެނުއަރީ 2025

ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށާއި ނަމަވެސް އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ ނަމުގައި ބަޔަކު ތިނަދޫ ސިޓީ ކައުންސިލަށް ވަދެ، ގިނަ އަދަދެއްގެ ތަކެތި "ވަގަށް ނަގާފައިވާ" ކަމަށް ބުނެ އެ ކައުންސިލުން ކުރާ ތުހުމަތާ ގުޅިގެން، އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.

ނަމަވެސް، އެކަމުގައި ތިނަދޫ ސިޓީ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭސީސީން ބުންޏެވެ.

އެކަމަކު، ގާނޫނުއަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މިކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް،" އެ ބަޔާނުގައިވެ އެވެ.

އޭސީސީން ލިޔުންތައް ގެންގޮސްފައި ވަނިކޮށް، ތިނަދޫ ކައުންސިލުން ވަނީ އޭސީސީގެ ނަމުގައި ބަޔަކު އެތަނުން ވައްކަންކުރި ކަމަށް ބުނެ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

އޭސީސީގެ ބަޔާނުގައިވަނީ އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރާ ދޮގު ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށާއި އަދި އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ތިނަދޫ ކައުންސިލާ ގުޅޭގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލެއް އޭސީސީން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ. އަދި ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެފައިވަނީ ހެކި ނައްތާލުމުގެ ބިރު އޮތުމުންކަން ވެސް އެނގިފައިވެ އެވެ.