Roadha Mihaaru

ގެއެއް ގަންނަން ފައިސާ ހޯދި ގޮތް ބުނެނުދެވުމުން ރާޖަޕަކްސްގެ ދަރިއަކު ފުރުން މަނާކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިއަކު ގެއެއް ގަންނަން ފައިސާ ހޯދި ގޮތް ބުނެ ނުދެވުމުން އޭނާ ގައުމުން ބޭރަށް ދިއުން މަނާކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

ރާޖަޕަކްސަގެ ދަރި ގެ ގަތީ "ބޮޑުދައިތަގެ ޖަވާހިރުން"

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިއަކު ގެއެއް ގަންނަން ފައިސާ ހޯދި ގޮތް ބުނެ ނުދެވުމުން އޭނާ ގައުމުން ބޭރަށް ދިއުން މަނާކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

ޔޮޝިތާ ރާޖަޕަކްސަގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ މި ތުހުމަތާ ގުޅޭ މި މައްސަލައަކީ ވަރަށް ކުރީގެ މައްސަލައެއް ނަމަވެސް އަލުން ބަލަން ފަށާފައި މި ވަނީ އަނޫރާ ކުމާރާ ޑިސަނަޔަކަ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވެ ވަޑައިގަތް ވައުދާ އެކު ރައީސްކަމަށް އިންތިހާބުވުމާ އެކުގަ އެވެ.

ރާޖަޕަކްސަގެ އާއިލާގެ ބައެއް ބޭފުޅުންނާއި ގާތް ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނާއި މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ކޯޓުތަކުގައި އެ މައްސަލަ ހުރީ ނުނިމި އެވެ.

ކުރީގެ ޖޫނިއާ ނޭވަލް އޮފިސަރެއް ކަމަށްވާ ޔޮޝިތާ ރާޖަޕަކްސަ، 36، ފުރުން މަނާކުރީ އޭނާގެ ބައްޕަ 2005 އިން 2015 އަށް ވެރިކަމުގައި ހުންނެވި އިރު ގެއެއް ގަތުމަށް ފައިސާ ހޯދީ ކިހިނެއްކަން ބުނެ ނުދެވުމުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ފުރުން މަނާކޮށް ދޫކޮށްލީ ހައްޔަރުކޮށް ބަންދުގައި ދެ ދުވަހު ބެހެއްޓި ފަހުން 100 މިލިއަން ރުޕީސް (344،000 ޑޮލަރު) ގެ ކަފާލާތެއްގެ ދަށުންނެވެ.

ފުލުހުން ބުނި ގޮތުގައި ފައިސާ ހޯދީ ބޮޑުދައިތައެއް ދިން ކުޑަ ޖަވާހިރު ކޮތަޅެއް ވިއްކާލައިގެން ކަމަށް ޔޮޝިތާ ވަނީ ތަހުގީގުގައި ބުނެފަ އެވެ. އެކަމަކު ބޮޑުދައިތައާ ސުވާލުކުރުމުން، އެއީ ކިހިނެއް ހޯދި ޖަވާހިރުތަކެއް ކަމެއް ހަނދާން ނުވި ކަމަށްވެ އެވެ.

ޔޮޝިތާ ވަނީ 2016 ވަނަ އަހަރު ވެސް މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެއީ ޓީވީ ނެޓްވޯކެއް ގަތުމަށް ފައިސާ ހޯދި ގޮތް ސާފުކޮށްނުދީގެންނެވެ. ކުރީގެ މައްސަލަ އާއި މިހާރު ހައްޔަރުކުރި މައްސަލަ ވެސް ކޯޓުގައި އޮތީ ކުރިއަށް ނުގޮހެވެ.

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔޮޝިތާގެ ދޮށީ ބޭބެ ނަމާލްގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެދައުވާތަކެއް އުފުލާފައިވާއިރު، އެ ދައުވާތައް އަދި ޝަރީއަތާ ހިސާބަކަށް ނުދެ އެވެ.