(އާދިއްތަ ދުވަހާ ގުޅޭ) އެއީ މަރުގެ އެތިފަހަރެކެވެ. ވަޔާ މަކުނުވާގަނޑު ހެލެން ފެށުމުން ރާއިދުގެ ބޯ އަނބުރައެވެ. ހޮޑުލަވައެވެ. ހީވަނީ ކަނޑުގަދަ ދުވަހެއްގައި ރިޔާނެގި ދޯންޏެއްގައި އޮށޯވެގެން އޮންނަހެންނެވެ. ރާއިދު ހީކުރީ އެއީ ވާތާވާތީ ވާ ގޮތެއްކަމަށެވެ. ބައެއް ފަހަރު ކަޅު ހިޔަނިތަކެއް ލޯ ކުރިމަތީގައި އުޅޭހެން ވެސް ރާއިދަށް ހީވެއެވެ. ތަންތަން ފުސްވާހެން ވެސް ހީވެއެވެ. ސިހުރުގެ އަލާމާތްތައް ރާއިދަށް ނޭނގެނީއެވެ. ކަޅު ހިޔަނިތަކުގެ ހަގީގަތާއި މަގުސަދު ވެސް ނޭނގެނީއެވެ. ކޮންމެ ގޮތެއް ވިޔަސް ދޫދޭކަށް ރާއިދު ބޭނުމެއް ނޫނެވެ. ތޫބާއަށް ޓަކައި ހައިހޫނުކަމުގެ ހަޅުތާލުކުރުމަކީ ރާއިދަށް ލިބޭ ޝަރަފެކެވެ. އެ ލޯބީގައި ފުރާނަ އާއި ހަށިގަނޑު ދެތަން ކުރަން ޖެހުނަސް ރާއިދަށް ވަރިހަމައެވެ. ތޫބާގެ ލޯބީގައި ރާއިދު ހައްޔަރު ކޮށްފައިވަނީ ސަލާމަތްވެވޭ ގޮތަކަށް ނޫނެވެ.
29 ޖެނުއަރީ 2025
(އާދިއްތަ ދުވަހާ ގުޅޭ) އެއީ މަރުގެ އެތިފަހަރެކެވެ. ވަޔާ މަކުނުވާގަނޑު ހެލެން ފެށުމުން ރާއިދުގެ ބޯ އަނބުރައެވެ. ހޮޑުލަވައެވެ. ހީވަނީ ކަނޑުގަދަ ދުވަހެއްގައި ރިޔާނެގި ދޯންޏެއްގައި އޮށޯވެގެން އޮންނަހެންނެވެ. ރާއިދު ހީކުރީ އެއީ ވާތާވާތީ ވާ ގޮތެއްކަމަށެވެ. ބައެއް ފަހަރު ކަޅު ހިޔަނިތަކެއް ލޯ ކުރިމަތީގައި އުޅޭހެން ވެސް ރާއިދަށް ހީވެއެވެ. ތަންތަން ފުސްވާހެން ވެސް ހީވެއެވެ. ސިހުރުގެ އަލާމާތްތައް ރާއިދަށް ނޭނގެނީއެވެ. ކަޅު ހިޔަނިތަކުގެ ހަގީގަތާއި މަގުސަދު ވެސް ނޭނގެނީއެވެ. ކޮންމެ ގޮތެއް ވިޔަސް ދޫދޭކަށް ރާއިދު ބޭނުމެއް ނޫނެވެ. ތޫބާއަށް ޓަކައި ހައިހޫނުކަމުގެ ހަޅުތާލުކުރުމަކީ ރާއިދަށް ލިބޭ ޝަރަފެކެވެ. އެ ލޯބީގައި ފުރާނަ އާއި ހަށިގަނޑު ދެތަން ކުރަން ޖެހުނަސް ރާއިދަށް ވަރިހަމައެވެ. ތޫބާގެ ލޯބީގައި ރާއިދު ހައްޔަރު ކޮށްފައިވަނީ ސަލާމަތްވެވޭ ގޮތަކަށް ނޫނެވެ.
ދަރިފުޅު ތޫބާއާ ދެވާކަށް ރާއިދުގެ މައިބަފައިން ބޭނުމެއް ނޫނެވެ. ރާއިދުއާ ވަކިވުމަކީ، އެ އަށް ވުރެ ބޮޑަށް ބޭނުންނުވާ ކަމެކެވެ. ވަމުންދާ ގޮތް ސަލްވާއާއި ހާޝިމަކަށް ނޯޅެއެވެ. ރާއިދު ޖެހިފައިވަނީ ސިހުރުގެ ދަންތުރައެއްގައެވެ. ހިތާމައަކީ ރާއިދު ގާތުގައި އެހެން ބުނަން އެކަކަށް ވެސް ނުކެރުމެވެ. ހެއްކެއް ނެތުމުން އެކަންޏެއް ނޫނެވެ. ދެން ނަގާ ރާޅު މާ ބޮޑުވާނެތީއެވެ.
އެއްޗެއް ނުކައި ރާއިދު އޮންނަތާ ދެވަނަ ދުވަހުގެ އިރުއޮއްސުމަށް ތައްޔާރުވެފައި ވަނިކޮށް ތޫބާ އައެވެ. ތޫބާއަކީ ކެރޭ ކުއްޖެކެވެ. ބޭނުންވާ ކޮންމެ ކަމެއް، ކުރެވެން އޮތް ގޮތަކަށް ކުރާ ކުއްޖެކެވެ. ގޭގެ ދޮރު ހުޅުވީ ހާޝިމެވެ. އޭރު ވެސް ސަލްވާ އިނީ ކާއެއްޗެހި ހިފައިގެން ރާއިދު ގާތުގައި އިށީނދެގެންނެވެ. ހުއްޓައި ނުލައި އާދޭސްކުރިއެވެ. ރާއިދު އިވޭ ކަމަށް ވެސް ނަހަދައި އޮތެވެ. އެ މޫނަކު އިހުސާސެއް ނެތެވެ. އުފަލެއް، ތާޒާކަމެއް، އުންމީދެއް ވެސް ނެތެވެ. ހީވާ ކަހަލައެވެ. ރާއިދަކީ ދިރޭ ގަބުރެކެވެ. ކުއްލިއަކަށް ރާއިދުގެ މޫނުމައްޗަށް ދިރުން އައެވެ. ތާޒާކަން ވެރިވިއެވެ.
"ތޫބާ.." އަޑު ނުކުތުމުގެ ބަދަލުގައި ރާއިދުގެ ހަރަކާތްކުރީ ތުންފަތް އެކަންޏެވެ.
ސަލްވާ ފަހަތް ބަލައިލި އިރު ދޮރުމަތީގައި ތޫބާ ހުއްޓެވެ. ގާތުގައި ހާޝިމް ވެސް ހުއްޓެވެ. ސަލްވާއަށް ތެދުވެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ތޫބާ ކޮޓަރިއަށް ވަނެވެ. އަރިމަތީ ކަފޭރާ މަތީގައި ހުރި ކުރުނބާފެން ތަށި ނަގައިގެން އެނދުގައި އިށީނުމާ އެކު ރާއިދު ތެދުވެ ފަޑީގައި ލެނގިލިއެވެ. ތޫބާ ކުރުނބާފެން ތަށި ޖެއްސުމާ އެކު ބޯން ފެށިއެވެ. ހީވަނީ ދެތިން ދުވަސް ވަންދެން ފެން ނުބޮއި ހުރި މީހެއްގެ ތުންފަތުގައި ފެންތަށްޓެއް ޖެއްސިހެންނެވެ. ތުންޖެހި ގޮތަށް ކުރުނބާފެން ތަށި އެކުގައި ބޯލައިފައި ދެތިން ފަހަރަކު ކެއްސައިލިއެވެ. ގާތުގައި ހުރި ސަލްވާ، ބޭއިހުތިޔާރުގައި ރާއިދުގެ ބުރަކަށީގައި ފިރުމައިލިއެވެ.
"އެއްޗެއް ކާންވީނު؟" ތޫބާ ވަރަށް ލޯތްބާ އެކު އެހިއެވެ.
ކުޑަކުއްޖެއްހެން ރާއިދު ބޯޖަހައިލިއެވެ. ސަލްވާ ހަރުކޮށް ހިނގައިފައި ގޮސް ބަތްޕެން ތަށްޓެއް ހިފައިގެން އައެވެ. ރާއިދު ބޮލުގެ އިޝާރަތުން ތޫބާ އަތަށް ތަށި ދޭށޭ ބުންޏެވެ. ތޫބާ ބަތްޕެން ދޭން ފެށުމާ އެކު، އެއްވެސް ޝަކުވާއެއް ނެތި ބޯން ފެށިއެވެ. ހީވާ ކަހަލައެވެ. ތޫބާ ޒަހަރު ތަށްޓެއް ދިން ނަމަވެސް ރާއިދު އެއީ ކޯޗެއްތޯ ވެސް ނާހާނެއެވެ.
"ސަލްވާ!" ދޮރުމަތީގައި ކުޅިބަލަން ހުރި ހާޝިމް ގޮވައިލިއެވެ.
ސަލްވާ އައުމުން ހާޝިމް ދޮރުލެއްޕިއެވެ. ދެމަފިރިން އެކުގައި ގޮސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނެވެ. އެކަކު ވެސް އަލަކަށް ދައްކާނެ ވާހަކައެއް ނެތެވެ. ދަރިފުޅު ތޫބާއާ ދެވާކަށް ބޭނުމެއް ނޫނެވެ. އެހެނަސް، ދަރިފުޅު ސަލާމަތް ކުރެވޭނީ ތޫބާއަށް އެކަންޏެވެ. އެ މަންޒަރު ލޮލަށް ފެނިއްޖެއެވެ.
"ހާޝިމްތަ އޭނައަށް ގުޅީ؟" ސަލްވާ އެހިއެވެ.
"އާނ ދެން އެހެން ކޮން ގޮތެއް އޮތީ؟" ގޮތް ހުސްވެފައިވާ ހާޝިމް މަޑުމަޑުން ބުންޏެވެ. "އަހަންނަކަށް ނުކެރޭނެ ދަރިފުޅުގެ ކަރުގަ ހިފާކަށް. ހިނގާ އެއްބަސްވަމާ!"
"އޭރުން ވެސް ދަރިފުޅުގެ ކަރުގައޭ އެ ހިފުނީ،" ސިއްރުސިއްރުން ސަލްވާ ބުންޏެވެ. "އޭނަ އެ އުޅެނީ ސިހުރު.."
"އެނގެޔޭ!" ހާޝިމް އަޑަށް ބާރުލައިފައި އެކަމަކު މަޑުމަޑުން ބުންޏެވެ. "ކާކަށްތަ ތި ކަން ނޭނގިގެން އުޅެނީ؟ އެ ވެސް މަރު މި ވެސް މަރު. އެކަމަކު މިހެން މަރުވީމަ އަހަރުމެން މަރުވަންދެން ކިޔާނީ ކީކޭ؟ އަޅެ ހުއްދަދެވުނު ނަމަ ދަރިފުޅު ދުނިޔޭގަ ހުރީހޭ. ނޫންތަ؟"
ދެކޮޅަށް ސަލްވާ ބުނާނެ އެއްޗެއް ނެތެވެ. ދެން އިވުނީ ދޮރު ހުޅުވައިލި އަޑެވެ. ރާއިދު ގޮވައިގެން ތޫބާ ނުކުތެވެ. އެއީ ސަލްވާ އެންމެ ދެކެން ބޭނުންވި މަންޒަރެވެ. އެނދުން ތެދުވެގެން ރާއިދު ހިނގައިލާ މަންޒަރު ދެކެން ސަލްވާގެ ދެލޯ ފެންބޮވައިތާ އެތައް ގަޑިއިރެއް ވެއްޖެއެވެ. ތޫބާގެ އަތުގައި ހިފައިގެން ރާއިދު އައިސް ސޯފާގައި އިށީންނަން އުޅުމުން ހާޝިމް ތަން ދެއްކިއެވެ. ތޫބާ އުޅުނީ އެ ތަނުގައި ނީށީންނާށެވެ. ރާއިދު ގަދަކަމުން ތޫބާ ބޭންދިއެވެ. އެކެއްގެ މޫނަށް ބަލާކަށް ވެސް ތޫބާއަކަށް ނުކެރުނެވެ. ނުވަތަ ނުކެރުނުކަމަށް ހެދުނެވެ.
"ތޫބާ ދެން ހުންނާނީ މި ގޭގަ." އަޑުގައި ކުޑަ ވަރުބަލިކަމެއް ހުރި ރާއިދު ބުންޏެވެ.
ސަލްވާގެ މޫނަށް ހާޝިމް ބަލައިލިއެވެ. ސަލްވާއެކޭ ބުދެކޭ އެއްގޮތެވެ.
"މައްސަލައެއް ނެތް." ހާޝިމް އެއްބަސްވިއެވެ.
"އަހަންނަށް މައްސަލަ އެބަ އޮތް،" ތޫބާ ވަރަށް އިހުތިރާމާ އެކުގައި ބުންޏެވެ. "އަހަންނަށް މި ގޭގަ ހުރެވޭނީ ހުންނަ ގޮތަށް ގެނައީމަ. އެ ނޫން ގޮތަކަށް ބައްޕައެއް މަންމައެއް ވެސް އެއްބަހެއް ނުވާނެ. ރާއިދު އެއްޗެއް ނުކައިގެން ރާއިދު ބައްޕަ ގުޅާފަ ބުނީމަ އަހަރެން މި އައީ. ދެން ދަނީ."
ތޫބާ ތެދުވުމުން ވެސް ތޫބާގެ އަތަކުން ރާއިދު ދުލެއް ނުކުރިއެވެ.
"ދެން ތި ކަން ނިންމަމާ ހިނގާ!" އެހެން ބުނެފައި ސަލްވާ ތެދުވެގެން ދިޔައެވެ.
"ދަރިފުޅު ނުކައިގެން މަންމަ ވަަރަށް ކަންބޮޑުވެފަ އެހެރީ،" އަލިފާނަށް ފެންޖަހަމުން ހާޝިމް ބުންޏެވެ. "އެ ކަމާ ހިތްބަރު ކުރާނެ ކަމެއް ނެތް. ތޫބާ ދީބަލަ ބައްޕަގެ ނަންބަރު. މިއަދު ބައްޕައަށް ގުޅަން ނިންމައިގެނޭ މިހިރީ. ރާއިދު އަތަކު ވެސް ބައްޕަގެ ނަންބަރެއް ނެތް."
އާދަންމަނިކަށް ދެ ފަހަރަކު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. ތޫބާ ވެސް ގުޅިއެވެ. ޖެހުނީ އެއްތާކުއެވެ.
"ތޫބާ ގެއަށް ގޮސް ބައްޕަ ލައްވާ އަހަންނަށް ގުޅުވާ!" ހާޝިމް އެދުނެވެ. "އެ ނޫން ގޮތެއް ނެތް. އަހަރެން ބޭނުން ވީހާ ވެސް އަވަހަކަށް ކައިވެނީގެ ކަންތައް ނިންމަން."
ރާއިދުގެ ރުހުމާ އެކު ތޫބާ ގެއަށް ދިޔައެވެ. ފޯނާ ދުރުގައި އުޅެވުމުން އާދަން މަނިކަށް ފޯނު ނުނެގުނީއެވެ. އޭނަ ދެއްކި ބަހަނާއަކީ އެއީ އެވެ. ތޫބާ ބުނުމާ އެކު އާދަން މަނިކު ގުޅިއެވެ. ކައިވެނި ހަމަޖެހުނެވެ. އާދަން މަނިކު ރޭވި ގޮތަށް ހުރިހައި ކަމެއް ހަމަޖެހި ނިމުނީއެވެ. ހާޝިމާއި ސަލްވާ ތިބީ ނޯށުންރޯލަރޯލައެވެ. ރެނދު އަޅާފައިވާ ހިތެއް އެކަކަށް ވެސް ނުދައްކައެވެ. ގެ އަށް މި ގެނެވެނީ ކިހައި ވަރެއްގެ އަންހެނެއް ކަމާއި، ދެން ވާނެ ގޮތާއި، ނުވާނެ ގޮތް ވެސް އެ ދެމަފިރިންނަށް ރަނގަޅަށް އެނގެއެވެ.
ރާއިދު މީހަކާ އިންނަން އުޅޭ ޚަބަރު ނަޖާތުއަށް ދިނީ ހާމިދާއެވެ. ވަގުތުން ނަޖާތު ރޯން ފެށިއެވެ. ހާމިދާއަށް މުޅި މަންޒަރު ފެނުނީ އެ ހިސާބުންނެވެ. ވަރަށް ގިނަ ތުހުމަތު ހާމިދާ ބޮލުގަ އަޅަން ޖެހުނެވެ. ތިމާގެ ކަމުގެ އެއްވެސް ގުޅުމެއް ނެތީސް ކޮއްކޮ ބޭބެ ކިއުއްވި މައްސަލައެވެ. ގާތްތިމާގެކަމާއި ރައްޓެހިކަން މަސްހުނިކުރި މައްސަލައެވެ. އެ ދުވަހު ހާމިދާ ހިތަށް އެރިއެވެ. ދުނިޔެ ނުވަތަށް އެނބުރޭނެ ނަމައެވެ. ޔަގީނުން ވެސް ދެނެއް ހާމިދާ އެ ކުށެއް ތަކުރާރެއް ނުކުރާނެއެވެ.
ހާޝިމް ކިތަންމެ ހިތްދަތިވިޔަސް ރާއިދުގެ ކައިވެނި ހަފުލާ ބޭއްވީ ކުލަގަދަކޮށެވެ. އެންމެ އުންމީދެއްގައެވެ. ތޫބާ އެ ކަން ދަނޭތޯއެވެ. ހެޔޮކަމެއްގެ ބަދަލު ހެޔޮކަމަކުން ދޭތޯއެވެ. ހަފުލާއަށް ހާމިދާ އައެވެ. ނަޖާތު ވެސް ގެނައެވެ. ކުށްހީތަކާއި ޝައްކުތަކުން ހަފުލާގެ ކުލަ ފަނޑުވިޔަ ނުދިނުމަށް ޓަކައެވެ. ހިތްސާފު، އާފެށުމަކުން އެ ދަތުރު ފަށައިދިނުމުގައި ރާއިދަށް އެހީތެރިވުމަށް ޓަކައެވެ. އެއީ މަންމައަށް ޓަކައި ނަޖާތު ކޮށްދިން ކަމެކެވެ. އެހެނަސް ނަޖާތުގެ ހިތުގައި ޝަކުވާތައް އުތުރި އެރިއެވެ. ސުވާލުތައް ހުރީ ފުނިޖެހިފައެވެ. އެހައި ކުއްލި ގޮތަކަށް، ނަޖާތުއަށް އަންގައި ވެސް ނުލައި ތޫބާއާ ދިމާއަށް ރާއިދުގެ ހިތް އެނބުރުނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނި ކުރަން ޖެހުނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟ ކުޑަމިނުން އެ ވަރު ބުނެލި ނަމަވެސް ނަޖާތުއަށް ފުދުނީހެވެ. ނަޖާތު ދެކެ ލޯބިވުމާއި ކައިވެނިކުރަން ވެސް ނިންމީ ރާއިދެވެ. ކިހައި ލޯބިވިކަމާއި، އިންނަން ކިހައި ބޭނުންވިކަން ނަޖާތުއަށް އެނގެއެވެ. ނޭނގެނީ ހަމަ ކުއްލިއަކަށް ހުރިހައި ކަމެއް ބަދަލުވި ގޮތެކެވެ.
ހަފުލާގެ ކޮންމެ ކަނެއްގައި ނަޖާތު ހުއްޓަސް ނަޖާތުއަށް ހުރެވެނީ ކުރިމަތީގައި ރާއިދު ބަހައްޓައިގެންނެވެ. އެ ސުވާލުތައް ތަކުރާރުކޮށްލަކޮށްލައެވެ. އެއްޗެއް ކެއުމެއް، ފޮޓޯއެއް ނެގުމެއް، އެހެން މީހަކާ ވާހަކަ ދެއްކުމެއް ވެސް ނެތެވެ. އެތައް ފަހަރަކު ރާއިދު މަންމަގެ ކުރިމައްޗަށް ވެސް ނަޖާތުއަށް ނުކުމެވުނެވެ. ނަޖާތު ހުންނާނީ ކިހައި ދެރަވެފައިކަން އެނގޭތީ ހިނިތުންވެލާކަށް ވެސް ސަލްވާއަކަށް ނުކެރެއެވެ.
ހަފުލާގައި ތޫބާ އަބަދުމެ ހުންނަނީ ރާއިދު ކައިރީގައެވެ. ސިކުންތަކަށް ވެސް ތޫބާގެ ލޯ މަތިން ރާއިދު ގެއްލުނަކަ ނުދެއެވެ. މަތިއޮމާން ކިތައް މޫނު އެ ހަފުލާގައި ބަލަހައްޓައިގެން ތިބިކަން ތޫބާ ހަނދާނެއް ނުނެތެއެވެ. މުޅި މާހައުލުގައި ރަސްކަންކުރި ބޮޑުސިއްރަކީ ރާއިދުއާ ތޫބާ ނުގުޅޭ ކަމެވެ. ކަމެއް ވާން ވެއްޖެއްޔާ ވާނެ ކަމާއި އޭގެ ހަގީގަތް ނޭނގޭނެ ކަމެވެ. ތޫބާގެ ހިތް ރާއިދުގެ ހިޔަންޏަށް ފައިން އަރައިގެން ހުރި ނަމަވެސް، ތޫބާގެ ލޯ ފާރަލީ ރާއިދުގެ މަންމައަށެވެ. އިރުއިރުކޮޅާ ނަޖާތު ގާތަށް ސަލްވާ ދަނީ ކީއްވެގެން ހެއްޔެވެ؟ ރާއިދުގެ އަންހެން ކޮއްކޮ ޒަފާ ހީނހީނފައި ނަޖާތުއާ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ތޫބާއަށް މަލާމާތް ކުރަނީއެވެ. އެ ޝައްކު ޔަގީނަށް ބަދަލުކޮށްލަން އެއްވެސް ހެއްކެއް ތޫބާ ބޭނުމެއް ނުވިއެވެ. ރާއިދުއާ އެއްކޮށް ޒަފާ ފޮޓޯ ނަގަންޏާ ރާއިދުއާ ތޫބާގެ ދެމެދަށް ޒަފާ ވަންނަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ވެސް ކަށްޓެއްހެން ތޫބާގެ އަރުގައި ތާށިވި ސުވާލެކެވެ. ތޫބާ ހިތަށް އެރިއެވެ. ޒަފާ އެ ދެނީ އިންޒާރެކެވެ. ތޫބާއަށް ވުރެ ރާއިދަށް މުހިންމު ވާނީ ޒަފާއެވެ. ކައިވެނީގެ ހަފުލާގައި ހުރެފައި ތޫބާ ނިންމުމެއް ނިންމިއެވެ. ޒަފާ ޖެހޭނީ ދުރުކުރާށެވެ. (ނުނިމޭ)