Roadha Mihaaru

ކަޅު ހަރުފަ

(ބުދަ ދުވަހާ ގުޅޭ)

ކަޅު ހަރުފަ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

09 ފެބުރުއަރީ 2025

(ބުދަ ދުވަހާ ގުޅޭ)

ނަޖާތަށް ކުރަނީ އޭގެ އަސަރެވެ. ފޮތިކޮޅު އެނބުރެން ފެށުމުން ނަޖާތުގެ ބޯ އަނބުރައެވެ. އެ އަށް އަވިދިނުމުން ހޫނުވެއެވެ. ވާރޭވެހުމުން ހީކަރުވައެވެ. ތުނި ފޮތިކޮޅެއްގައި ލިޔެފައި، އެ ފަދަ ތަނެއްގައި، އެ ގޮތަށް އެލުވުމުގެ ބޭނުމަކީ އެއީ އެވެ. އާދަންމަނިކު ފިޔަވައި އެ ކަން ދެނަހުރި މީހަކު ނެތެވެ. ވީމާ އެ ފޮތިކޮޅަކީ ކޯޗެއްް ކަމާއި އެލުވާފައި ހުރި ތަން އެނގޭ މީހެއް، އެއާ ކުޅޭނެ މީހަކު ނުހުންނާނެއެވެ. ފޮތިކޮޅު ވީރާނާވަންދެން ނުވަތަ ސިހުރު ޖެހިފައިވާ މީހާ މަރުވަންދެން އެ ކަން އެ ގޮތަށް ހިނގާނެއެވެ.

ލޯބިވެރިންގެ ލިސްޓެއް ރާއިދު ނުގެންގުޅެއެވެ. ގެންގުޅޭ ނަމަ ވެސް އެ ލިސްޓުން ނަޖާތުގެ ނަން އޮތީހީ ކަނޑައިލާފައެވެ. ރާއިދުގެ ވުޖޫދަކީ ތޫބާއެވެ. ހެނދުނާއި ހަވީރަކީ ވެސް ތޫބާއެވެ. އެހެނަސް ބައެއް ފަހަރު މަގުމަތީން ނަޖާތު ފެނެއެވެ. އޭނަޔާ ދިމާއަށް ބަލައިލެވެއެވެ. ދުނިޔެއަކީ ކުޑަ ތަނަކަށްވެފައި މާލެއަކީ އަދި މާ ކުޑަ ތަނަކަށް ވީތީއެވެ. ވާހަކަ ނުދެއްކިޔަސް ރާއިދުގެ ހިތަށް އަރައެވެ. ނަޖާތުގެ މޫނުގައި ހުރި އޮމާންކަމާއި، ތުނިކަމަށް ވީ ކިހިނެއް ހެއްޔެވެ؟ ކުރީގެ އުފާވެރިކަމާއި ރީތިކަން ކޮބައި ހެއްޔެވެ؟ ކުރިން ނަމަ، ރާއިދު އިސްވެ ވާހަކަ ދެއްކީހެވެ. އެ ސުވާލުތައް ވެސް ކުރީހެވެ. އެހެނަސް އެ ކަހަލަ ޝައުގުވެރިކަމެއް ނުހުރެއެވެ. އެއީ ރާއިދުގެ އަމިއްލަ ނަފުސް ވެސް ހައިރާން ކޮށްލާ ކަމެކެވެ.

ތޫބާގެ މުށުތެރެއަށް ލައި ފޮރުވައިގެން ރާއިދު ގެންގުޅެން ފެށުމުން، އާއިލާގެ އެހެން މީހުން ރާއިދުއާ ދުރުވާން ފެށިއެވެ. ރާއިދާއި ތޫބާގެ އެއްވެސް ކަމަކަށް އެހެން މީހަކު ފާޑެއް ނުކިޔައެވެ. ބޮޑުރިޔަލުގައި ލޯބި ފައްސިޔައަށް ދުއްވަމުން ދިޔައެވެ. އެހެން ދަނިކޮށް ތޫބާ ބަނޑުބޮޑުވިއެވެ. ރާއިދުގެ ލޯބި ދެ ގުނައަށް އިތުރުވިއެވެ. ތޫބާގެ ނުފޫޒާއި ބާރު އިތުރަށް ގަދަކުރިއެވެ. ތޫބާގެ ހުއްދައާ ނުލައި ރާއިދަށް އިނގިއްޔެއް ވެސް ހަލުވައެއް ނުލެވެއެވެ. ނުބުނެ ކިނބިއްސެއް އެޅިޔަސް ތޫބާއަށް ރޮވެއެވެ. ރޯން ފަށައިފިއްޔާ ހުއްޓުވަން އެހައި އުނދަގުލެވެ. ކުރިން ތޫބާއަށް މީރު ހުރިހައި އެއްޗަކަށް މޭނުބައިކުރެއެވެ. ކާން ދޭނެ އެއްޗެއް ރާއިދަކަށް ނޭނގެއެވެ. ކާ ހިތްވާ އެއްޗެއް ތޫބާއަކަށް ނޭނގެއެވެ. ރާއިދު ހުންނަނީ ގޮތް ހުސްވެފައެވެ.

"މިއަދު މިހާރު ކިތައް ވަނަ ތަށި ދަރިފުޅާ؟" ތިންވަނަ ފަހަރަށް ރާއިދު ކުރުނބާފަނި ގިރަނިކޮށް ސަލްވާ އެހިއެވެ. "ތި ކަން ކުރަން މި ގޭގަ ތިބޭނެ މީހުން. ނޫނީ ގެނޭ މަންމަ އަތަށް."

ރާއިދެއް ނުދިނެވެ. ތޫބާއަށް ކަންކަން ކޮށްދޭން ރާއިދު ހުންނަނީ އަމަށަކު ވަރެއް ނޫނެވެ. ރާއިދު ދެކޭ ގޮތުގައި އެއީ ލޯތްބެވެ. ސަލްވާގެ ނަޒަރުގައި އެއީ ތަންކޮޅެއް ބޮޑުވަރެވެ. މަންމަ ދެކެ ނުވި ލޯތްބެއް އަނބިމީހާ ދެކެ ވާކަށް ނުޖެހެއެވެ. ރާއިދަކަށް އެހެން ގޮތެއް ނޯންނާނެ ކަމެއް ސަލްވާއަކަށް ނޭނގެއެވެ.

"މަންމަ ވެސް ދެ ކުދިން ވިހައިފިން،" ސަލްވާ ބުންޏެވެ. "އަތްފަޔަށް އަންގި ލައްވައިގެނެއް ނޯންނަން. ފީކުކުޅަކަށް ވެސް ނުވަން. ގޭތެރޭގަ ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން އުޅުނީ. ތޫބާއަކަށް އެއްވެސް ކަމެއް ނުޖެހޭނެ. ކަމެއް ކުރާށެކޭ ވެސް ނޫން. އެކަމަކު ދަރިފުޅު ތީ އަޅެ މެއިޑެއްތަ؟"

"މަންމާ! ޕްރެގްވީމަ ކުޑަކޮށް އީމޯވާނެ،" ރާއިދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ފަހުން އޯކޭވާނެ."

"ކޮން މޯމޯއެއް ވާކަށް؟ ކަންނެތީ!" މަޑުމަޑުން ސަލްވާ ބުނެލިއެވެ. "ހައްތާ ވެސް އެއްޗެއް ނުބުނެވޭތޯ މި ބަލަނީ. ހޫނހޫނ! ގިރާ އެއްޗެއް ގިރައިގެން ގެންގޮސް ތުނބުގަ ޖައްސާ! ބޭބީ ސަމުސަލެއް ވެސް ހިފައިގެން ވަންނާތި."

ރާއިދު ކުރުނބާފަނި ތަށި ހިފައިގެން ވަނެވެ. ކޮޓަރި ތެރެއިން ދޮރުގައި ކަންފަތްޖަހައިގެން ސަލްވާ ދެއްކި ހުރިހައި ވާހަކައެއް ތޫބާ އަޑުއެހިއެވެ. ރާއިދު އަންނަން ފެށުމުން އަވަހަށް ގޮސް އެނދުގައި އޮށޯތެވެ.

"މަންމަ ކޮން ޗުކުޗުކުއެއް ލައްވާ ދުވަހެއް؟" ތޫބާ އެހިއެވެ.

"އެއީ މަންމަ އަތަށް ޖޫސް ގިރަން ނުދީގެން ލެއްވި ޗުކުޗުކުއެއް." ރާއިދު ވާހަކައެއް ހަދައިލިއެވެ.

"ޔަގީން ދޮގުކަން،" ތޫބާ ބުންޏެވެ. "ނަޖޫ ނޫންވީމަ ދޯ؟ މިހާރު އެ ކުއްޖާ ކޮބައިތަ؟ ހަމަ ވަރަށް ލޯބިކޮށްތަ ހުންނަނީ؟ ދެން ބުނޭ ނުވެސް ދެކެމޭ!"

ތޫބާ ބޭނުންވި ދިމާއަށް ވާހަކަ ފޫދުއްވާލިއެވެ. އެހެން ބޭނުމެއްގައެވެ. އެ މަޅީގައި ރާއިދު ޖެހުނެވެ.

"އުހުނ! ހަމަ ވަަރަށް ލޯބިކޮށް ހުންނަނީ،" އެއީ ހިތުގެއަޑީން ރާއިދު ބުނި އެއްޗެއް ނޫނެވެ. "އަހަރެންގެ ޗޮއިސްއެއް ދުވަހަކު ވެސް ހުތުރެއް ނުވާނެ. ހަމަ ހީވާނީ މޮޑެލްއެއްހެން."

ތޫބާއަށް އެ ސަމާސާ މަޖާނުވި ތަނުގައި އިންތިހާއަށް ސީރިޔަސްވިއެވެ. ހިތަށް އެރިއެވެ. ބައްޕަގެ ހުނަރު ގެއްލުނީ ހެއްޔެވެ؟ ނޫނީ ކުރެވޭ ކަމެއްގެ އަސަރު ކުޑައީ ހެއްޔެވެ؟

"އަހަރެން ބައެއް ފަހަރު ހިތަށް އަރާ، ކީއްވެގެންހޭ އަހަރެން އޭނަޔާ މެރީކުރަން ވިސްނީ؟" ފަނިތަށި ބޯން އެނދުމަތީގައި އިށީނދެލައިގެން އިން ތޫބާއަށް ބަލަހައްޓައިގެން އިނދެ ރާއިދު ބުންޏެވެ. "އޭނަ ހުތުރެކޭ ނޫން. ހަމަ ވަރަށް ލޯބިކޮށް ހުންނަނީ. ތީ މުޅީން އެހެން ޓޭސްޓެއް."

އެއީ ތައުރީފެއް ކަމެއް ނުވަތަ ރަނގަބީލެއް ކަމެއް ތޫބާއަކަށް ނޭނގުނެވެ. އެނގުނުހައި ވެސް އެއްޗަކީ ރާއިދަށް އަދިވެސް ނަޖާތު "ލޯބި" ކަމެވެ. އެ ވާހަކަ ބައްޕައަށް އަންގަން ޖެހޭ ކަމެވެ. ނަޖާތު ބަލަން ތޫބާ ބޭނުންވަނީ ރާއިދުގެ ދުލުންނެވެ. ނަޖާތުގެ ވާހަކަ ދައްކާ އިރު ރާއިދުގެ މޫނުމަތިން ފޫހިކަން ފާޅުނުވަނީހެއް ތޫބާއަކަށް ހަމަނޭވައެއް ނުލެވޭނެއެވެ. ފަރުދާ ބިއްދޮށުގައި ސިހުރުގެ މުޑުދާރު ކިޔެވެލިތައް ކިޔެވެމުންދިޔަ އިރު، ފަރުދާ ކުރިމަތީގައި ރާއިދުގެ ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާލިއެވެ. ރުއިމުގެ ނާނާއިން މާހައުލުގެ ފަޅުކަން ފިލުވައިދިނެވެ.

ދަރިއަކު އުފަންވުމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ދަގަނޑު ހިތްތައް ވިރުވައި ފެނަށް ހަދައިދޭ ކަމެކެވެ. އެ ކަމުގައި މާމައެއް ކާފައެއް އިސްތިސްނާއެއް ނުވެއެވެ. ވީ ކަމެއް ވީ އެވެ. އެއީ މާޒީއެވެ. ތޫބާ ވިހެއީ ހާޝިމްގެ ފުރަތަމަ ކާފަދަރިއެވެ. ސަލްވާގެ ފުރަތަމަ މާމަދަރިއެވެ. ތޫބާއަކީ އެ ދަރިފުޅުގެ މަންމައެވެ. ދަރިފުޅު ވިހެއި ފަހުން، ތޫބާ ފެންނަ ކޮންމެ ފަހަރަކު ތޫބާގެ ބޮލުގައި ލޯބިން ފިރުމައިނުލައެއް ސަލްވާއަކަށް ނުހުރެވެއެވެ. ހާޝިމްގެ ކަމަކީ ތޫބާއަށް މާ ގެނެސްދިނުމެވެ. ހޮސްޕިޓަލުގެ ކޮޓަރި ހީވަނީ ބަގީޗާއެއް ހެންނެވެ. ސަލްވާ ދެން ހެވޭ ގޮވާ އިރު ވެސް ހާޝިމަކަށް އެ އަޑެއް ނީވެއެވެ. އެ ވަރުން ވެސް ތޫބާގެ ޝައްކު ބައްޔެއް ނުފިލައެވެ. ހިތެއް ނުމެ ފުރޭމެއެވެ.

ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކޮޓަރިތެރޭގައި އޮތީ އެކުވެރި މާހައުލެކެވެ. ލިބުނު ފިރިހެންދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ހިޔާލުފާޅުކުރެވެމުން ދިޔައެވެ. އޮތީ ދެ ވިސްނުމެކެވެ. ވަރަށް އަރަބި ނަމަކާއި ވަރަށް އިނގިރޭސި ނަމެކެވެ. ރާއިދު އިސްކަންދިނީ ނަމުގެ މާނައަށެވެ.

"ކުރު ނަމެއް ވިއްޔާ އަހަރެންގެ ވޯޓު ލިބޭނެ،" ތޫބާ ދެކޭ ގޮތް ބުންޏެވެ. "ރާއިދު ކީކޭ ބުނަނީ؟" "ބުނެފީމެއްނު އަހަންނަށް މުހިންމީ ނަމުގެ މާނައޭ!" ރާއިދު ޖަވާބުދިނެވެ. "އާރު ނޫނީ ޓީއަކުން ފެށެން ޖެހޭނީ."

"ނަން ރީތި ވާނީ ޝީނަކުން ފެށުނީމަ." އަންހެނަކު ބުނި އަޑު އިވުނެވެ.

އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ހާމިދާއެވެ. ސަލްވާގެ އެންމެ ޒަމާންވީ އެކުވެރިޔާއެވެ. ނަޖާތެއް ނާދެއެވެ. އަންނަން ބޭނުންވިއެވެ. ހިތްވަރު ނުލިބުނީއެވެ. ނަޖާތު އައި ނަމަ ތޫބާ ވެސް ވަރަށް ހިތްހަމަނުޖެހުނީހެވެ. ނައީމަ ވެސް ތޫބާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ތޫބާ ހިތަށް އެރިއެވެ. ނަޖާތުއަށް އަންނަން ނުކެރުނީ ހިތުގައި އޮތް އެތި ބޮޑުކަމުންނެވެ. ރާއިދުގެ ދަރިއެއް ވިހައިގެން ތޫބާ އޮތްތަން ދެކެން ނަޖާތަށް ކެތްނުވީއެވެ. ކޮޓަރީގައި ކުރިން އޮތް އުފާވެރި މާހައުލަށް ކުއްލިއަކަށް ވެރިވި ހަމަހިމޭންކަން މުގުރައިލަން އިސްނެގީ ސަލްވާއެވެ.

"އާދޭއާދޭ!" ސަލްވާ ބުންޏެވެ. "ކޮބާ.. ނަ.."

ސަލްވާ އަހަން އުޅުނީ ނަޖާތުގެ ވާހަކައެވެ. އެހެނަސް، އެހުމަށް ވުރެ ނޭހުން ރަނގަޅު ކަމަށް ފެނިގެން ވާހަކަ ބަދަލުކޮށްލިއެވެ.

"ކޮބާ ނާޒިމް؟" ސަލްވާ އެހިއެވެ.

"ކޮބާ ނަޖޫ؟" މާހައުލު އަނދިރިކޮށްލުމުގެ މަގުސަދުގައި ތޫބާ އެހިއެވެ.

ބޮޑުފުފޭ ތަޅައިލުމުން ހާމިދާގެ އަނގަ ބަންދުވިއެވެ. އެއީ ފަލީހަތެއްކަން ނޭނގޭ މީހަކު އެ ތާކު ނެތެވެ.

"ވަރަށް އަންނަ ހިތުން އުޅުނީ އެކަމަކު.." ހާމިދާއަށް ބުނެވުނީ އެ ހިސާބަށެވެ.

"ނުކެރުނީތަ؟" އެއްވެސް ޖެހިލުމެއް ނެތި ތޫބާ ބުނެލިއެވެ.

އެންމެން އެކަކުއަނެކަކަށް ބަލައިލިއެވެ. ނަސީބަކުން އެ ވަގުތު ކޮޓަރިއަށް ނަރުސް ކުއްޖަކު ވަނެވެ. އެހެން ނޫން ނަމަ، އެ ލަދުން ސަލާމަތްވާނެ ގޮތެއް ހާމިދާއަކަށް ނޭނގެއެވެ. ހާމިދާ ގޮވައިގެން ސަލްވާ ކޮޓަރިން ނުކުތެވެ. އެހެން ވާހަކައެއް ދައްކައިގެން، ތޫބާ ކުރި ސުވާލު ހާމިދާގެ ހިތުން ފުހެލިއެވެ. އެއީ ސަލްވާއަށް ހީވި ގޮތެވެ. ތޫބާ ކުރި ކަންތައް އެކަކަށް ވެސް ރަނގަޅެއް ނުވިއެވެ. ހަނދާނެއް ވެސް ނުނެތެއެވެ.

ރޭގަނޑު ތޫބާ ކައިރީގައި ހޭލައި އިންނަނީ ރާއިދެވެ. ކަމެއް ވީ ކަމަށް ވެސް ނަހަދައި އިނދެފައި، އެންމެން ހުސްވެ ދެމަފިރިން އެކަނިވުމުން ކުއްލިއަކަށް ރާއިދު ސުވާލެއް ފެންމަތިކުރިއެވެ.

"އެއީ ކީއްވެގެން އެހި އެއްޗެއް؟" ރާއިދު ބުނެލިއެވެ.

"ހީކުރި ވަރަށް ވުރެ ލަހުން ތި އެހީ،" ތޫބާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެކަމަކު އަހަންނަށް ވެސް ޔަގީން ރާއިދު ވެސް ބޭނުންވާނެ އެހެން އަހަން."

"ތޫބާ! އެއީ މިހާރު ނިމިފަ އޮތް ކަމެކޭ!" ރާއިދު ހަނދާން ކޮށްދިނެވެ.

"ރާއިދަށް،" ތޫބާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އެކަމަކު ނަޖޫ ހިތުގަ އޮތް އެތި ބޮޑުކަމުން ދޯ ފޭސްކުރަން ނުކެރިގެން އެ އުޅެނީ؟ ކޮން ތުޔެެއް ވާކަށް؟ ހަމަ އައިމަ ނިމުނީނު! އެކަމަކު ރާއިދުގެ ބޭބީއެއް އަހަރެން ވިހެއިމަ މައްސަލައަކީ. އެހެންވެ ނައީ."

"އައި ނަމަ ޔޯ؟" ރާއިދު އެހިއެވެ.

"ތި ވަރަށް އޭނަ ޑިފެންޑް ނުކޮށްބަލަ! ޕްލީޒް!" ތޫބާ އެދުނެވެ.

"އެ ޗެޕްޓަރ ކްލޯސް ކޮށްލަބަލަ ތޫބާ! ޕްލީޒް!" ރާއިދު ވެސް އެދުމެއް އެދުނެވެ.

"އަހަންނެއްނު ތިހެން ބުނަންވީ،" ތޫބާ ބުންޏެވެ. "ނަޖޫ ދެކެ ތިހާ ލޯބިވަންޏާ ކީއްކުރަން އަހަންނާ މެރީ ކުރީ؟"

ރާއިދު އެއްޗެއް ނުބުނެ ތޫބާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ފަހަރު ރާއިދަށް ފެނުނީ އެންމެ ކުރިން ފެންނަ، ރާއިދު ގަޔާ ނުވާ ތޫބާއެވެ.

"ތީ ތެދެކޭ! އެންމެން ނޫނެކޭ ބުނެބުނެ އޮއްވާ އަހަރެން ކީއްވެގެންބާ ތޫބާއާ އިނީ؟" އަމިއްލަ ނަފުސާ މުހާތަބުކޮށް ބުނާ ކަހަލަ ގޮތަކަށް ރާއިދު ބުނެލިއެވެ. "ނަޖޫއާ މެރީ ކުރަންވީ ކަން ނޭނގެ." (ނުނިމޭ)