Roadha Mihaaru

ފަޔަށް ހެރުނު ކަށި

ފުރާވަރު ނިމެން ކައިރިވެފައި ވަނިކޮށް އަހަރެންގެ ހިތުގައި ސުވާލެއް ކޮށްޖަހަން ފެށިއެވެ. ކައިވެނި ކުރަންވީ ކޮން ކަހަލަ ފިރިހެނަކާ ހެއްޔެވެ؟ ރަނގަޅު ވަޒީފާއެއްގައި އުޅޭ މީހަކާ އިން މީހަކާއި، ޒިންމާދާރު މީހަކާ އިން މީހަކު ފެނިއްޖެއެވެ. ރީތި މީހަކާ އިން މީހަކާއި، މަޝްހޫރު މީހަކާ އިން މީހަކު ވެސް ފެނިއްޖެއެވެ. ވަރިކޮށްފައި ގެއަށް ފޮނުވައިލުމުން، ކައިވެނިކުރި މީހާގެ ވަޒީފާ ރަނގަޅުވުމާއި ޒިންމާދާރުވުމަކުން ވީ ކަމެއް ނެތެވެ. ރީތިވުމާއި، މަޝްހޫރުވުމަކުން ވީ ކަމެއް ވެސް ނެތެވެ. އެހެނަސް، މުއްސަންޖަކާ އިން މީހާ ވަރިކޮށްލި އިރު އޭނައަށް އެޕާޓުމަންޓެއް ލިބިފައި ހުއްޓެވެ. އެކަނި އުޅެވޭނެ މަގެއް ތަނަވަސްވެފައި އޮތެވެ. ޒަވާޖީ ހަޔާތެއް ފަށަން އަހަރެން ނުކުތީ އެ ފިލާވަޅު ހަނދާން ބަހައްޓައިގެންނެވެ. ރައްޓެއްސެއްގެ އެ ތަޖުރިބާ ބިންގަލެއް ކަމުގައި ބަލައިގެންނެވެ.

ފަޔަށް ހެރުނު ކަށި
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

19 ފެބުރުއަރީ 2025

ފުރާވަރު ނިމެން ކައިރިވެފައި ވަނިކޮށް އަހަރެންގެ ހިތުގައި ސުވާލެއް ކޮށްޖަހަން ފެށިއެވެ. ކައިވެނި ކުރަންވީ ކޮން ކަހަލަ ފިރިހެނަކާ ހެއްޔެވެ؟ ރަނގަޅު ވަޒީފާއެއްގައި އުޅޭ މީހަކާ އިން މީހަކާއި، ޒިންމާދާރު މީހަކާ އިން މީހަކު ފެނިއްޖެއެވެ. ރީތި މީހަކާ އިން މީހަކާއި، މަޝްހޫރު މީހަކާ އިން މީހަކު ވެސް ފެނިއްޖެއެވެ. ވަރިކޮށްފައި ގެއަށް ފޮނުވައިލުމުން، ކައިވެނިކުރި މީހާގެ ވަޒީފާ ރަނގަޅުވުމާއި ޒިންމާދާރުވުމަކުން ވީ ކަމެއް ނެތެވެ. ރީތިވުމާއި، މަޝްހޫރުވުމަކުން ވީ ކަމެއް ވެސް ނެތެވެ. އެހެނަސް، މުއްސަންޖަކާ އިން މީހާ ވަރިކޮށްލި އިރު އޭނައަށް އެޕާޓުމަންޓެއް ލިބިފައި ހުއްޓެވެ. އެކަނި އުޅެވޭނެ މަގެއް ތަނަވަސްވެފައި އޮތެވެ. ޒަވާޖީ ހަޔާތެއް ފަށަން އަހަރެން ނުކުތީ އެ ފިލާވަޅު ހަނދާން ބަހައްޓައިގެންނެވެ. ރައްޓެއްސެއްގެ އެ ތަޖުރިބާ ބިންގަލެއް ކަމުގައި ބަލައިގެންނެވެ.

ވަރަށް ގިނަ ފިރިހެނުން އަހަންނަށް ފެނުނެވެ. ކޮންމެ މީހެއްގެ ކަރުދާހުގައި ފާހަގަޖަހައިލާ އިރު ވެސް އެއް ގޮޅި އޮންނަނީ ހުހަށެވެ. އެއީ ތަނަވަސްކަމުގެ ގޮޅިއެވެ. މުޅީން ވެސް ފެންނަނީ އާއިލާގެ ތަނަވަސްކަމުން މަޖާ ނަގާ މީހުންނެވެ. އެ އިން އެކަކަށް ވެސް އަހަރެންގެ ޝައުގުވެރިކަމެއް ނެތެވެ. އެއީ ސިއްރެއް ނޫނެވެ. އަހަރެންގެ ގާތް އެކުވެރިންނަށް އެ ކަން އެނގޭނެއެވެ. އަހަރެން ދެކެ ކިތަންމެ ލޯބިވިޔަސް، އަހަރެން ގެންގުޅެވޭ ވަރުގެ މީހަކާ ނޫނީ އަހަންނެއް ނީންނާނެއެވެ.

ހަތަރު އަންހެންކުދިން ހިމެނޭ އަހަރެންގެ އާއިލާގައި އަހަންނަކީ އެންމެ ދޮށީ ކުއްޖާއެވެ. އަހަރުމެންގެ އުމުރުގައި ހުރީ އަހަރެއްގެ ތަފާތެވެ. އެންމެ ފުރިހަމަ މީހާއަށް އަހަރެން އިންތިޒާރު ކޮށްގެން ހުއްޓައި އެހެން ކުދިންގެ ފުރާވަރު ފަހަނައެ ޅިއެވެ. އެހެން ކުދިން މީހުނާ ރައްޓެހިވިއެވެ. އިންނަން ބޭނުންވިއެވެ. މައްސަލައަކީ އަހަރެން ހުސްހަށިބަޔަށް ހުރުމެވެ. މަންމަގެ ބޮލުގައި ކޮއްކޮމެން ކޮށަން ފެށުމުން މަންމަ އާއި ބައްޕަ އަހަރެންގެ ބޮލުގައި ކޮށަން ފެށިއެވެ. އިންޒާރު ދޭން ފެށިއެވެ. އިންނާނެ މީހަކު އަހަންނަށް ނުފެންނަންޏާ ބައްޕަ ދައްކާ މީހަކާ އަހަރެން ޖެހޭނީ އިންނާށެވެ. ބައްޕައަކީ ގިނަ ވަގުތު ބޭރުގައި އުޅޭ މީހެކެވެ. ދިމާވާނީ މަދު ފަހަރަކުއެވެ. އެހެނަސް ބައްޕަ ބަލައިލާ ގޮތުން ވެސް އަހާހެން ހީވާ ކަހަލައެވެ. އަދި ވެސް މީހަކު ނުފެނޭ ހެއްޔެވެ؟ ޝަކުވާ ހިފައިގެން އަހަރެން ދަނީ ޔުމްނާ ކައިރިއަށެވެ. އޭނައަށް ވުރެ ރަނގަޅަށް އަހަރެން ދަންނަ މީހަކު ނެތެވެ.

"އަހަރެން އެބަ ހިތަށް އަރާ ގެއިން ފިލަންވީއޭ!" އަހަރެން ބުނީމެވެ. "ސީރިޔަސްކޮށް."

"ނުކެރޭނެ،" ވަރަށް ޔަގީންކަމާ އެކުގައި ޔުމްނާ ބުންޏެވެ. "އެހާ ހިތްވަރެއް ނުހުންނާނެ."

އެއީ ތެދެކެވެ. އަހަރެންގެ އެހައި ހިތްވަރެއް ނުހުރެއެވެ.

"ތެދެއް ތި ބުނީ ވެސް،" އަހަރެން ބުނީމެވެ. "އެކަމަކު މީހަކު ނުފެންނަންޏާ ކިހިނެއްތަ މެރީ ކުރާނީ؟ އޮފީހުން ވެސް ރަނގަޅު މީހަކު ފެނިއްޖެއްޔާ މެރީ ކޮށްގެން އުޅޭނީ. އުމޭރު ނޫން މީހަކު ހަމަ ނެތް. އެކަމަކު އޭނައަކީ ރީތި މީހެއް ނޫން. ޔުމް އެންމެ ފޫހިވާ މީހާ."

އުމޭރަކީ ޔުމްނާގެ ގޭދޮށުގައި އުޅޭ މީހެކެވެ. އަހަންނާއި ޔުމްނާއަށް ވެސް އުމޭރުގެ ގޮތް އެނގެއެވެ.

"ތިހެން ބުނާ އިރު ވެސް އެނގޭނެ ސިފައެއް ނޫންކަން މައްސަލައަކީ،" ޔުމްނާ ބުންޏެވެ. "ލައިފެއް ފަށަން ކީއްކުރަން، ފްރެންޑަކަށް ވެސް އޭނަ ކަމަކު ނުދާނެ."

އަހަންނަށް އުމޭރު ކަމުދެއެވެ. އަޅައިގަންނަ ކަހަލަ މިޒާޖެއް ހުރެގެނެއް ނޫނެވެ. އުމޭރަކީ އަހަންނާ އަޅައިގެންފައި ހުންނަ މީހެކެވެ. އަހަރެން ފެނިއްޖެއްޔާ ހީނލާނެއެވެ. ދޭތެރެއަކުން ގުޅާލާނެއެވެ. މެސެޖު ވެސް ފޮނުވާނެއެވެ. އޭނައަށް އަހަރެންގެ ނަންބަރު ލިބުނު ގޮތެއް އޭނަ ނުވެސް ބުންޏެވެ. އަހަރެން ވެސް އުމޭރާ ވާހަކަ ދައްކަމެވެ. އުމޭރަކީ ރީތި މީހެއް ނޫނެވެ. އަހަންނަކީ ވެސް މާ ރީތި މީހެއް ނޫނެވެ. ފެންނަ ކޮންމެ ފިރިހެނެއް އަހަންނަށް ކަޅި ހުއްޓައިލައިގެނެއް ނުހުރެއެވެ. އަހަރެންގެ މެދުމިނުގެ އިސްކޮޅާއި އޮޅަލި ކުލައަކީ، ދިވެހީންގެ އެންމެ އާންމު ސިފައެވެ. އަހަންނަކީ މާ ފެޝަނަށް އުޅޭ ކުއްޖެއް ނޫނެވެ. ދީނީ ކަންކަމަށް ވެސް މާ ބޮޑު ޝައުގުވެރިކަމެއް ނުދެވެއެވެ. ބުރުގާ އެޅީ ވެސް ކޮންމެހެން ދީނީ ކަމަކަށް ވެގެނެއް ނޫނެވެ. ހުރިހައި އެކުވެރިން ބުރުގާ އަޅާތީ އާއި، ދުވަހަކަށް ވުރެ ދުވަހެއް އިސްތަށިކޮޅު މަދުވަމުންދާތީ ބުރުގާ އަޅަން މަޖުބޫރުވީއެވެ.

"ކޮންމެ މީހަކާ އިނަސް އުމޭރާ ނީންނާތި. ހެޔޮނުވާނެ." ޔުމްނާ އަބަދު ވެސް ދޭ ނަސޭހަތަކީ އެއީއެވެ.

އެއްދުވަހަކު އަހަރެން ގެއަށް އައި އިރު، ލޯ ރަތްކޮށްލައިގެން ސާޖިދާ ނުކުމެގެން ދާ ތަން ދުށީމެވެ. އޭނައަށް އަހަރެން ފެނުމުން ފެންނަކަމަށް ވެސް ނެހެދިއެވެ. ގޮވައިލުމުން ވެސް އަނގަޔަކުން ނުބުންޏެވެ. އެ ކަމާ ހައިރާން ވެގެން ގޮސް ގެއަށް ވަން އިރު، މަންމަ ވަރަށް ކަންބޮޑުވެފައި ހުއްޓެވެ.

"ސާޖި ކޮން ކަމަކާ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"އޭނަގެ ބިޓު ބުނެފިޔޯ މި ހަފުތާގަ ކައިވެނި ނުކުރެވުނިއްޔާ އެހެން މީހަކާ އިންނާނީއޭ،" މަންމަ ހިތްހަމަނުޖެހިފައި ބުންޏެވެ. "ދަރިފުޅު ދެން ކޮން.."

އެ ހިސާބުން އަހަރެން ކަންފަތުގައި އަތްއެޅީމެވެ. ކޮޓަރިއަށް ވަދެފައި އެނދުގައި އޮށޯވެލީމެވެ. އުމޭރާ ދޭތެރޭގައި އަނެއްކާ ވެސް ވިސްނައިލީމެވެ. އުމޭރަކީ އޭނަގެ ވަކި ދުނިޔެއެއްގައި އުޅޭ މީހެކެވެ. އޭނަ އުޅޭ ގޮތަކާއި، ކުރާ ކަމަކާއި، ދާ ތަންތަނެއް އަހަންނަކަށް ނޭނގެއެވެ. އެހިޔަސް ނުބުނެއެވެ. އެއީ އުމޭރުގެ މިނިވަންކަމެވެ. އަހަރެން ދާހައި ތަނަކާއި، އުޅޭހައި ގޮތެއް އުމޭރު ވެސް ނާހައެވެ. ނާހަނީ އެ ފުރުސަތު އުމޭރަށް ތަނަވަސްކުރުމަށް ޓަކައިކަން އަހަންނަށް އެނގެއެވެ. ކޮންމެކޮންމެ ގަޑިއަކު އުމޭރަކާ ނުގުޅޭނެއެވެ. އޮޅިގެން ފޯނު ނެގުނަސް އޭނަ ވާހަކައެއް ނުދައްކާނެއެވެ. އެ ގަޑީގައި އޭނަ ފޮނުވާ މެސެޖުތައް ވެސް އެހައި ހަމައެއް ނުޖެހޭނެއެވެ. ވާ ގޮތް އަހަންނަށް ވިސްނެއެވެ. އެ ވަރުގެ ހޭވެރިކަމެއް އުމޭރުގެ ނުހުންނަނީއެވެ. އަހަރެން އެނދުގައި ފުރޮޅެމުން ވިސްނީމެވެ. އުމޭރު އަހަންނަށް އަނިޔާ ކޮށްފާނެ ހެއްޔެވެ؟ ދެން ހިތަށް އެރިއެވެ. ހަމަހޭގައި ތިބޭ މީހުން އަނިޔާއެއް ނުކުރޭ ހެއްޔެވެ؟ ރީތި މީހުންނާއި، ކިޔަވާފައި ތިބޭ މީހުން އަނބިންނަށް އަނިޔާއެއް ނުކުރޭ ހެއްޔެވެ؟ މާ ދީންވެރި ވެގެން އުޅޭ މީހުންނާއި، ލޯބިވާ މީހުން އަނިޔާއެއް ނުކުރޭ ހެއްޔެވެ؟ އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. އިނުމުގެ ކުރިން އެއްވެސް މީހަކަށް، އެއްވެސް ކަމެއްގައި ސަތޭކަ ޕަސަންޓު ގެރެންޓީއެއް ނުދެވޭނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސް އުމޭރުގެ ގެދޮރު އެބަ ހުއްޓެވެ. ގެ ބަހައިގެން އުމޭރަށް ލިބުނު ބައި ހުންނަނީ ތިން ބުރިއަށް ހަދައިފައެވެ. ކޮންމެ ބުރިއެއްގައި ދެ އެޕާޓުމަންޓު ހުރެއެވެ. އުމޭރަކީ އަހަރެން ބޭނުންވާ ޝަރުތު ހަމަވާ މީހެކެވެ. އޭނަ ގެއްލިއްޖެ ނަމަ ހިތާމަކުރަން ޖެހިދާނެއެވެ. ކައިވެނިކުރުމަށް ފަހު އުމޭރުގެ ނުބައި އާދަތައް އަހަންނަށް ހުއްޓުވިދާނެއެވެ. ނުހުއްޓުވިއްޖެއްޔާ އެ ހިސާބުން ކައިވެނި ރޫޅައިލާނީއެވެ.

އެތައް ދުވަހަކު ވިސްނުމަށް ފަހު އުމޭރާ އިންނަން އަހަރެން ނިންމީމެވެ. އެއްފަހަރަކު އުމޭރު ގުޅުމުން، އެކި ވާހަކަ ދައްކަމުން ގޮސް އެ މަގަށް އަނބުރައިލީމެވެ.

"ތި ވަރަށް އަހަންނަށް ތި ގުޅަނީ އަސްލު ކީއްވެ؟" އަހަރެން އެހީމެވެ.

ކުރިން އަހަރެން އެ ކަހަލަ ސުވާލެއް ނުކުރަމެވެ. އަހަރުމެން ދައްކާނީ އާންމު ވާހަކަތަކެވެ. ގަސްތުގައި ޒާތީ ވާހަކަ ނުދައްކަނީއެވެ. އަހަރެން އެ ކަހަލަ ވާހަކައެއް ނުދައްކާތީ އުމޭރު ވެސް ނުދައްކަނީއެވެ.

"އެހެންޏާ ދުވަހަކު ވެސް ތި ކަހަލަ ސުވާލެއް ނުކުރޭ!" އުމޭރު ވިސްނާލައިފައި ބުންޏެވެ. "އެކަމަކު މިހާރު މި ޖެހުނީ ޖަވާބު ދޭން. ގުޅަނީ ލައިކްވާތީ. ޒިޔާދާ އެ ޓޮޕިކަށް ނުދާތީ ބިރުން އަހަންނަށް ވެސް ނުކެރެނީ."

"ލައިކް ދޯ ވަނީ؟" އަހަރެން އެހީމެވެ. "މެރީ ކުރާކަށް ކަމަކު ނުދޭ؟"

"އުހުނ! މެރީކުރަން ވެސް ބޭނުން،" އުމޭރު ބުންޏެވެ. "ނޫނެކޭ ބުނެފާނެތީ އަހަން ނުކެރިގެން މި އުޅެނީ. އަހަންވީ؟"

އެ ހިސާބަށް ދިޔުމުން އަހަރެން ކުޑަކޮށް ފިނިވާ ގޮތްވިއެވެ. އާނއެކޭ ބުނަން ނިންމައިގެން ހުއްޓަސް ވިސްނައިލީމެވެ.

"އާނ އެހީމައެއްނު އެނގޭނީ؟" އަހަރެން ބުނީމެވެ.

"އަހަންނާ އިންނަންވީނު؟" އުމޭރު އެހިއެވެ.

އެ ޚަބަރު އަހަރެން އެންމެ ފުރަތަމަ ވެސް ދިނީ ޔުމްނާއަށެވެ. އޭނަ އެތައް އިރެއް ވަންދެން އިސްޖަހާލައިގެން އިނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ނުކުރާށޭ ބުނި ކަމެއް އަހަރެން ކުރީމައެވެ.

"އާނއެކޭ ދޯ ބުނީ؟" ޔުމްނާ އެހިއެވެ. "އޭނައަކީ..."

"އަހަރެންގެ ފިއުޗަރ ހަސްބަންޑް،" އަހަރެން ބުނީމެވެ. "އަހަރެން މިހާރު ޔޭސް ބުނެފިން. ބޭނުމެއް ނޫން މި ޗާންސް ގެއްލޭކަށް."

"ގުޑް ލަކް!" ޔުމްނާ ބުނެލިއެވެ.

އަހަރެން އުމޭރާ ކައިވެނި ކުރީމެވެ. ޕާޓީ ބާއްވަން ބައްޕަ އުޅެން ފެށުމުން އެ ކަން ވެސް ކުރީ އުމޭރެވެ. އަހަރެންގެ އާއިލާ އެ ކައިވެންޏާ އެހައި ގަބޫލުހެނެއް ހިޔެއްނުވެއެވެ. އެހެނަސް، އާއިލާގެ އެކަކު ވެސް ނުރުހުންވެގެން އެއްޗެއް ނުބުނެއެވެ. ކައިވެނި ކޮށްގެން އަހަރެން ގެންދިޔައީ އުމޭރުގެ ގެއަށެވެ. އޭގެ ކުރިން އުމޭރުގެ ގެއަކަށް އަހަންނެއް ނުދަމެވެ. ގޭތެރެ އޮންނަ ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ.

އަހަރެން ހުރީ އަލަށް ފެނިދާނެ ކޮންމެ މަންޒަރަކަށް ތައްޔާރު ވެގެންނެވެ. އެހެނަސް، އެ ކަހަލަ އެއްވެސް ކަމެއް ނުފެނުނެވެ. އުމޭރަކީ ވަރަށް ސާދާ މީހެކެވެ. އަހަރެން ތަޖުރިބާކުރަން ފެށީ ވެސް އެހައިމެ ސާދާ ދިރިއުޅުމެކެވެ. ރީތި އަދި ތަނަވަސް އެޕާޓުމަންޓެކެވެ. އަހަރެން ބޭނުމިއްޔާ ފޮޅައި ސާފުކުރާ މީހަކު ގެންނަންވީއެވެ. ކައްކައި، ދޮވެ އިސްތިރި ކުރާނެ މީހަކު ވެސް ގެންނަންވީއެވެ. އަހަރެން ބޭނުންވީ އެ ހުރިހައި ކަމެއް އަހަންނަށް ކުރެވޭތޯ ބަލާށެވެ. އޮފީހުން ކެނޑެންޏާ ކެނޑެންވީއެވެ. ކެނޑެން ނިންމީ ވެސް އަހަންނެވެ. ކަންކަން ވަމުން ދިޔަލެއް އޮމާންކަމުން އަހަރެން ހިތް ބިރުގަންނަ ވަރުވިއެވެ. އަހަރެންނަށް ކުރެވުނީ ކުށް ހީއެއްހެއްޔެވެ؟ ނުވަތަ އުމޭރު ކުއްލިއަކަށް ބަދަލުވީ ހެއްޔެވެ؟ ކައިވެންޏަށް ފަހު ވެސް އެއްކަމެއް ދަމަހައްޓަން އުމޭރު ބޭނުންވިއެވެ. އެއީ މިނިވަންކަމެވެ. ކޮންމެ މީހަކަށް ވެސް ނޭވާލާނެ ޖާގަ އޮންނަން ޖެހޭނެއެވެ. ރައްޓެހިންނާ އެކުގައި އަހަރެން ވެސް ބޭރަށް ދާންވީއެވެ. އުމޭރު ވެސް ދާނެއެވެ. ކަމަކާ ނުލައި އިރުއިރުކޮޅާ ފޯނަށް ގުޅައި، އުޅޭ ތަން ބަލައި، ގެއަށް އަންނަން ކިޔައިގެން ނުވާނެއެވެ. ނުކައި، ނުނިދައި އިންތިޒާރު ކޮށްގެން ވެސް ނުވާނެއެވެ. އަހަރެން ހިތަށް އެރިއެވެ. އެއީ މައްސަލައެއް ނޫނެވެ. ފަސޭހައެކެވެ. ވީމާ އެއްބަސްވީމެވެ. ނުވެވުނު ނަމައެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް:

ބިންމާ އެންމެ ފަހުން ލިޔަމުން އައި ވާހަކަ "ކަޅު ހަރުފަ" ނުނިމޭ ކަމަށް މިދިޔަ އާދިއްތަ ދުވަހުގެ ބައިގައި ޖެހިފައި ވަނީ އޮޅުމަކުންނެވެ. އެ ދުވަހު ޝާއިއުކުރީ "ކަޅު ހަރުފަ" ވާހަކައިގެ އެންމެ ފަހު ބައެވެ. އެހެންވެ އެ ކުށަށް ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.