Roadha Mihaaru

ފަޔަށް ހެރުނު ކަށި

(ބުދަ ދުވަހާ ގުޅޭ)

ފަޔަށް ހެރުނު ކަށި
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

23 ފެބުރުއަރީ 2025

(ބުދަ ދުވަހާ ގުޅޭ)

ނުވެވުނު ނަމައެވެ. އެއީ ކިހައި އެކަނިވެރިވާނެ ކަމެއް ކަމާއި، ނުތަނަވަސްވާނެ ކަމެއް ކަން ކުރިން އެނގުނު ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟

އަހަންނާ ކައިވެނި ކުރުމުގެ ކުރިން އުމޭރަކީ އޮފީހެއްގައި ވަޒީފާއަދާކުރި މީހެކެވެ. އަހަރެން ހީކޮށްގެން ހުރީ އެހެންނެވެ. ޓައީ އަޅައިގެން ހުއްޓައި އޭނަ ފެންނަ ގަޑިތަކާއި، ދައްކާ ވާހަކަތަކުން އެ މާނަ އަހަންނަށް ނެގުނީއެވެ. އުމޭރު އެހެން ބުނީކީ ނޫނެވެ. އެހެނަސް، ކައިވެންޏަށް ފަހު އުމޭރު ހޭލަނީ އެކި ދުވަހު އެކި ވަގުތުއެވެ. ބައެއް ރޭރޭ އިރާކޮޅުއްސުރެ ގޭގައި އުޅެފާނެއެވެ. ބައެއް ރޭރޭ ދަންވަރު ވެސް ގެއަށް އަތުވެދާނެއެވެ. ޔަގީނުން ވެސް އަހަރެންގެ ފިރިއަކަށް ވީ ފަހުން އުމޭރު ޓައީ އަޅައިގެނެއް ބޭރަކަށް ނުދެއެވެ. އަހަރެން އެ ވާހަކަ އެހީމެވެ.

"އެއީ ދެން ބައެއް ފަހަރު ނަލައަށް އަޅާލާ އެއްޗެއް،" ސަމާސާ ރާގެއްގައި އުމޭރު ބުންޏެވެ. "ޒިޔާދާއަށް ފަރިދައްކަން. އެއީ ދޮގެއް. ކުރިން އުޅުނު ޖޮބު ބިޒީކަމުން މެރީކޮށްފަ އެ ޖޮބު ދޫކޮށްލީ. ވައިފަށް ޓައިމް ދޭން ޖެހޭނެއްނު!"

އަހަރެން ބެލީ އެއީ ރަނގަޅު ސިފައެއް ކަމުގައެވެ. އުމޭރު ފަހުން ވަނީ ކޮން ވަޒީފާއަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނަ ކޮންމެހެން ވަޒީފާއެއް އަދާކުރާކަށް ނުވެސް ޖެހެއެވެ. އެހައި ލާރި އޭނައަށް ލިބެއެވެ. އަހަރެން ބޭނުން ވަރަކަށް އަހަންނަށް ލާރިދެއެވެ. ގެއަށް ބޭނުންވާ އެއްޗެހީގެ އިތުރުން، އަހަރެން ބޭނުންވާނެ ހުރިހައި އެއްޗެއް ވެސް ގެނެސްދެއެވެ. ތަނަވަސްކަމުގެ ގޮތުން އަހަރެން އުދުހުނީމެވެ. ބޭނުންވި އެއްޗަކީ ވެސް އެއީއެވެ.

ބައެއް ރޭރޭ އަހަރެން ނިދާ އިރު އުމޭރެއް ނާދެއެވެ. އެހެން ދިމާވަނީ ހަފުތާއަކު، ގިނަވެގެން ތިން ރެއެވެ. އެ ފަދަ ދުވަސްތަކުގައި އުމޭރު ހޭލަނީ ވެސް ލަހުންނެވެ. އޭނަގެ ހަރަކާތްތައް ވެސް އެހެން ދުވަސް ދުވަހާ ތަފާތުވެއެވެ. އަހަރެން ސުވާލެއް ނުކުރަމެވެ. އުމޭރުގެ ޖީބާއި ގޭތެރެއިން ޖަވާބު ލިބޭތީއެވެ. އަހަރެން އެ ދިރިއުޅުމަށް ހޭނި، އާދަވޭތޯ ބެލީމެވެ. އެއް ރޭ އުމޭރު ގެއަށް ނައުމުން ވެސް އޭނައަށް ނުގުޅައި، ކެތްކޮށްލައިގެން ހުރީއެވެ. ހިތްހަމަޖެހޭތީއެއް ނޫނެވެ. އެއްބަސްވުމަށް އިހުތިރާމު ކުރުމުގެ ގޮތުންނެވެ. އުމޭރުގެ މިޒާޖު އަވަސްއަވަހަށް ބަދަލުވާން ފެށިއެވެ. ބައެއް ވަގުތުގައި އުމޭރަކަށް ވާނުވާއެއް ނޭނގެއެވެ. ދައްކާ ވާހަކަ ހަމައެއް ނުޖެހެއެވެ. ދުވަސް ވާ ވަރަކަށް އުމޭރު ނިދާލެއް ގިނަވާން ފެށިއެވެ. އިރާކޮޅު ނުކުމެފައި ދެން ގެއަށް ވަންނަ ގިނަ ރޭރޭ އުމޭރުގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެންނަން ފެށިއެވެ. އެ ފަދަ ވަގުތުގައި އެންމެ ރަނގަޅު ގޮތަކީ އޭނަޔާ ވާހަކަ ނުދެއްކުމެވެ. ކަމަކު ވެސް ނުކިއުމެވެ. އަންނަ ގޮތަށް ކޮޓަރިއަށް ވަދެ ދެން އޮންނަނީ ނިދައިފައެވެ. އަހަރެންގެ ތިމާގެ މީހަކު އަޔަސް ދެނެއް އުމޭރެއް ނުހޭލައެވެ. އަހަރެން ޖެހޭނީ ދޮގެއް ހަދައިފައި ފޫބައްދާށެވެ. އަހަންނަކީ ދޮގު ހަދަން އެހައި ކުޅަދާނަ މީހެއް ނޫނެވެ.

ލޯބިން އުޅޭ އިރު އުމޭރު ވަރުގެ ފިރިއެއް ނުހުންނާނޭ ހީވާ ވަރު ވެއެވެ. އާންމު އިންސާނެއްގެ ރުޅި އުމޭރުގެ ވެސް ހުރެއެވެ. ބައެއް ފަހަރު ހިތަށްއަރައެވެ. ކުއްޖަކު ނުލިބެނީސް ކައިވެނި ނިމުމަކަށް ގެންނަންވީ ހެއްޔެވެ؟ އެހެނަސް، އުމޭރު ކައިރިން ވަރިވެގެން ގޮސް ހޯދޭނެ މާ ބޮޑު މޮޅުތަކެއް ވެސް ނެތެވެ. ވީމައި، އެއީ ނަސީބު ކަމުގައި ދެކިގެން، ކެތްކޮށްގެން އުޅެވޭތޯ މަސައްކަތް ކުރީމެވެ.

ފުރަތަމަ ދަރިފުޅު ލިބުނެވެ. އަންހެންކުއްޖެކެވެ. ދެވަނަ ދަރިފުޅު ލިބުނެވެ. ފިރިހެންކުއްޖެކެވެ. އުމޭރަކީ ދަރިންނަށް ނަމޫނާ ބައްޕައެއް ނޫނެވެ. ދަރިން ދެކެ ލޯބިވެއެވެ. ރުޅި އަންނަން ވީމައި ރުޅި ވެސް އާދެއެވެ. ފިރުމަންޖެހޭ ވަގުތު ފިރުމައެވެ. ހަޅޭއްލަވަން ޖެހޭ ވަގުތު ހަޅޭއް ވެސް ލަވައެވެ. ބައްޕައެއްގެ ޒިންމާ އަދާކުރަން އުމޭރު ދަނެއެވެ. ބައްޕަގެ އަނދިރި ފަރާތް ދަރިންނަކަށް ނުދައްކައެވެ. އޭގެ ހިޔަނިން ކުދިން ސަލާމަތް ކުރިއެވެ. އެއީ ހަރުދަނާކަން ނޫން އެހެން ކޮން ކަމެއް ހެއްޔެވެ؟ ކޮންމެ އިންސާނެއްގެ ވެސް މައްސަލަ ހުންނާނެއެވެ. އެ ހަގީގަތް އަހަރެން ގަބޫލުކުރީމެވެ.

ކުދިން ބޮޑެތިވިއެވެ. މީހުންނާ އިނެވެ. ކޮންމެ ކުއްޖަކަށް އުމޭރު އެޕާޓުމަންޓެއް ދިނެވެ. އަހަންނާއި އުމޭރުގެ އެޕާޓުމަންޓު ހުންނަނީ ތިންވަނަ ބުރީގައެވެ. ކުލީ ބައިތަކާއި، ކުދިންގެ ބައިތައް ހުންނަނީ ތިރީގައެވެ. ދިރިއުޅުން ރަނގަޅު ކަމަށް ދެކިގެން، ހިތްހަމަޖައްސާލައިގެން އަހަރެން އުޅުނީމެވެ. ހުރިހާ ކަމެއް ވެސް ބަރާބަރެވެ. ބޭރު ފުށުން އަހަރެން ދެއްކީ އެ ގޮތަށެވެ. އެހެނަސް އެތެރެއެތެރެއިން އަހަރެން ފުނޑުފުނޑުވާން ފެށިއެވެ. ވަރުބަލިވެ، ހިތް ބިރުގަންނަން ފެށިއެވެ. ބިރު ގަންނަނީ ކޮންކަމަކާ ހެއްޔެވެ؟ އެޔެއް އަހަންނަކަށް ވެސް ނޭނގެއެވެ.

އަހަންނާ އެކުގައި ގެއިން ބޭރަށް ދާން އުމޭރަށް އުނދަގޫވާން ފެށިއެވެ. އަހަންނަށް ކިތަންމެ ހެވަސް، އެހެން މީހުން ދެކެ އުމޭރު ރުޅި އަންނަލެއް އަވަހެވެ. ސައިކަލުގައި ދަނިކޮށް މީހަކު ކުރިމައްޗަށް އަރައިފި ނަމަ އުމޭރުގެ ރުޅި ކޮންޓުރޯލެއް ނުކުރެވެއެވެ. ކިތަންމެ ބަޔަކު މަގުމަތީގައި ތިއްބަސް، އެ މީހަކާ ދިމާއަށް ހަޅޭއްލަވައި ގަނެއެވެ. އެ ކަން އިންތިހާއަށް ބޮޑުވާން ފެށުމުން ދެ މީހުން ސައިކަލުގައި ތަންތަނަށް ދިޔުން އަހަރެން ހުއްޓައިލީމެވެ. އަހަރެންގެ އެކުވެރިންގެ ތެރޭގައި އުމޭރު ހުއްޓައި، އެކުވެރިއަކަށް އުޅެވޭ ގޮތަކުން ވެސް އުމޭރަށް ބާރަށް އެއްޗެހި ބުނެވެއެވެ. އެ ކަމަކާ ހެދި، ދެމަފިރިން އެކުގައި ހަފުލާތަކަށް ދިޔުން ވެސް ހުއްޓައިލީމެވެ. ޑަކުޓަރަށް ދެއްކުމާއި، ވިޔަފާރިކުރަން ދިޔުން ވެސް ހުއްޓައިލީމެވެ. އަހަރެން ދާނީ ރައްޓެއްސަކާ އެކުގައެވެ. އެއިން އެއްވެސް ކަމެއް އަހަންނަކަށް ކަމަކު ނުދެއެވެ. ކެތްކޮށްލައިގެން ހުރީއެވެ.

ވިއްސާރަ ރެޔެކެވެ. ފަންގިފިލާގެ ކޮންމެވެސް ދިމާއަކުން ގޭތެރެއަށް ފެން ތިކި ޖަހަން ފެށިއެވެ. ތިއްކަކަށް ފަހު ތިއްކެކެވެ. އަހަރެން އެ ދިމާގައި ބޮޑު ތަށްޓެއް ބެހެއްޓީމެވެ. ހަތަރުދަމު ވާރޭ ވެހުނެވެ. ހެނދުނު ހޭލައިގެން ގޮސް ބެލި އިރު ތަށި ފުރިގެން އެ ހިސާބުގަނޑު އޮތީ ދިޔަ ބޮޑުވެފައެވެ. ޕާކޭ ޖަހާފައި ހުރި ތަނެއްކަމުން ފިލާތައް ހުރީ ފޯވެފައެވެ. އެ ތަން ބަލަހައްޓައިގެން އަހަންނަށް ހުރެވުނެވެ. އަހަންނަށް ފެންނަނީ ތަށްޓެއް ނޫނެވެ. އަހަރެންގެ ހިތެވެ. ދިރިއުޅުމެވެ. ކޮންމެވެސް ދުވަހަކުން އެ ދިރިއުޅުމަށް ވާނެ ގޮތެވެ. އަހަންނަށް ހަޔާތެއް ފެށިއްޖެއެވެ. ދަރިން ލިބި، ދަރިން ބޮޑެތިވެއްޖެއެވެ. އަތްމަތި ތަނަވަހެވެ. އެހެނަސް، ފިރިމީހާ ކޮބައި ހެއްޔެވެ؟ އަހަރެންގެ ގެއަކީ އޮފީހެކެވެ. އަހަރުމެންނަކީ މުވައްޒަފުންނެވެ. ކޮންމެ ދުވަހަކު ވެސް ހޭލައިގެން އެ މީހަކު ކުރަންޖެހޭ ކަމެއް ކޮށްފައި ނިދަނީއެވެ. އަނެއް ދުވަހު ވެސް ހޭލަނީއެވެ. ފިރިމީހާޔާ އެކުގައި އަހަރެން ތަނަކަށް ދިޔަ ދުވަހެއް ހަނދާނެއް ނެތެވެ. އޭނަ އުޅޭ ތަނެއް، ކުރާ ކަމެއް ނޭނގެއެވެ. ގެއަށް ވަނުމާ އެކު އަހަރެން ބަލަނީ ވީހައި ވެސް ދުރުދުރުން އުޅެވޭތޯއެވެ. އޭނަ ނިދާނެ އިރަކު ނިދާފައި ހޭލާނެއެވެ. ސުވާލުކުރުމެއް ނޯންނާނެއެވެ. މަސްލަހަތުގެ ނަމުގައި އަހަރުމެންގެ ލޯބި ގުރުބާންކުރީއެވެ. އެހެން އުޅެން މަޖުބޫރުވީއެވެ. އެއީ އަހަރުމެން ސޮއިކުރި ހިމޭން އެއްބަސްވުމެކެވެ. އެހެނަސް، އަހަރެން އާދައެއް ނުވިއެވެ. ނުވެސް ވާނެއެވެ. އެކަނިވެރިކަމުގެ ކަތުރުފަނި އަހަރެންގެ ހިތް ކައި ހުސްކޮށްފިއެވެ. ނުފިލާ ރިހުމަކާއި ނޭނގޭ ބިރެއް، ރަޖާގަނޑެއްހެން އަހަރެންގެ ގައިގައި އޮޅައިލި ގޮތަށް އެ އަކުން މިނިވަނެއް ނުވެވުނެވެ. ނިދެނީ ދަންވަރުއެވެ. ފަތިސްވުމުގެ ކުރިން ހޭލެވެއެވެ. ކިތައް އަހަރު އެހެން އުޅެވިއްޖެ ހެއްޔެވެ؟ އުމޭރު ބުންޏެވެ. ނޭވާލާން ޖާގަ އޮންނަން ވާނެއެވެ. އަހަރެން އުޅުނީ ނޭވާ ނުލެވިގެންނެވެ.

ޔުމްނާ ދަރިފުޅުގެ ކައިވެނި ހަފުލާއަށް އަހަރެން ދިޔައީމެވެ. ދެމަފިރިންނަށް ދައުވަތު ދީފައި އޮތް ނަމަވެސް، އުމޭރު ހުރީ އާދެވޭ ހާލަތެއްގައެއް ނޫނެވެ. އަހަރެން ދިޔައީ އެކަންޏެވެ. ދޮރުން ވަން ވަގުތު ޔުމްނާއަށް އަހަރެން ފެނުނެވެ. އޭނަ ދައްކަން ފެށީ އަހަރެންގެ ހެދުމުގެ ވާހަކައެވެ. ފިރިމީހާގެ ވާހަކަ ނުވެސް އަހައެވެ.

"މީނަ ފެނުނަސް އަހަރެން ދަތްބާރުވޭ!" ސަމާސާ ރާގެއްގައި ޔުމްނާ ބުންޏެވެ. "އަދިވެސް ހީވަނީ ޓީންއޭޖް ކުއްޖެއްހެން. އެހެންނު ވާނީ! ފިރިމީހާ ކޯޗެއްތަ ކާން ދެނީ އަޅެ؟"

"ވަރިވާން މި އުޅެނީ،" އަހަރެން ފެށީ އެ ހިސާބުންނެވެ. "ނޫޅެވޭނެ މިހެނެއް. ޕާޓީ ނިންމާފަ ގޮސް ފޮށްޓަށް އެއްޗެހި އަޅާނަން."

ޔުމްނާ ދެކޮޅު ބަލައިލާފައި އަހަރެން ގޮވައިގެން ދުރަށް ޖެހިލިއެވެ.

"އަހަރެން ބުނަން ވާހަކައެއް ޒިޔާދާ!" ނަސޭހަތުގެ ރާގުގައި ޔުމްނާ ބުންޏެވެ. "ތީ ހަމަ އެއްގޮތަކަށް ވެސް ރަނގަޅު ނިންމުމެއް ނޫން. އުމުރު މިހާރު ތިހިރީ ފަންސާހުން މައްޗަށް ގޮއްސަ. މިޔޮއްހާ ދުވަހު ވެސް އުޅުނީ ދޯ؟ ދެ ކުދިން ލިބި، ކުދިން ބޮޑެތިވެ، މީހުނާ ވެސް އިނީ. އުމޭރާ ރައްޓެހި ވެގެން އުޅުނު އިރު ވެސް އެނގޭ ދޯ އޭނައަކީ ކޮން ކަހަލަ މީހެއްކަން؟ ކީކޭ ޒިޔާދާ ބުނީ؟ އަހަރެން ބޭނުންވަނީ އަހަރެން ގެންގުޅެވޭ ވަރުގެ މީހެކޭ! ލާރި ހުރި މީހެކޭ! އުމޭރު އަތުން ލާރި ހުސްވީތަ؟ ނުވެއެއްނު! ދެން އުމުރުގެ މިހާ ހިސާބަށް ގޮސް، މީހާ މުސްކުޅިވެ، ބަލި އެނދުގަ އޮށޯންނަ ހިސާބަށް ދިޔައިމަ ވަރިވީމަ ޒިޔާދާއަށް ކަމެއްވާ ދުވަހު ކާކު ބަލާނީ؟ މަންމަމެން؟ އެއީ މިހާރު ވެސް އެކަނިހާލަށް ނޫޅެވޭ ވަރު ވެފަ ތިބި ބައެކޭ ޒިޔާދާ! އެ މީހުންނަކަށް ޒިޔާދާއެއް ނުބެލޭނެއްނު!"

ޔުމްނާ ދެއްކީ ރަނގަޅު ވާހަކައެވެ. އަހަންނަށް އެ ކަން ގަބޫލުކުރެވެއެވެ. އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވައިލުމުން ދެން ވެސް ވާހަކަ ދެއްކީ ޔުމްނާއެވެ.

"އަނެއްކޮޅުން ޒިޔާދާ ވަރިވެގެން ހަމަ ދާ އިރަށް އުމޭރު އެހެން މީހަކާ އިންނާނެ. ގެރެންޓީ!" ޔުމްނާ އިތުރަށް ބުންޏެވެ.

"އޭނަ އަންނާނީ އަރާމުގަ އުޅެލަން. އެ ހިސާބުން ކުދިންނަށް ދޮންމަންމައެއް ލިބި ޒިޔާދާ އެއްކޮށް ބާކީވީ! އުމޭރުގެ ގޭގަ ދެން ރަނިކަން ކުރާނީ އެހެން އަންހެނެއް. ހެޔޮ؟ ހެވެއް ނުވާނެ! ވިސްނާލާ ޒިޔާދާ އުޅޭނެ ހާލު. ކުރިން ވެސް މަންމަ ކައިރީގަ އުޅުނީމެއްނު. ކާންބޯށާ އަންނައުނު ދޭ! އެކަމަކު މީހަކާ ނީނދެގެން މަންމަ ކިޔާ އެއްޗިއްސަށް ކެތްނުވެގެން ޒިޔާދާ އުޅުނު ހަނދާންވޭތަ؟ ވަރިވެގެން ދިޔައިމަ ދެން އެ މަންމަ ކީކޭބާ ކިޔާނީ؟ ވިސްނާލާ! ނުވިސްނެންޏާ އަހަރެން މި ބުނަނީ ވާނެ ގޮތް. ގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އެޅިޔަކަ ނުދޭނެ."

ދެން ފެނުނީ އުމޭރު ހަފުލާއަށް އައި ތަނެވެ. އޭނަ ހުރީ ހަމަ ހެއަކު ނޫނެވެ. (ނުނިމޭ)