Roadha Mihaaru

ކަޅު ހަރުފަ

(އާދިއްތަ ދުވަހާ ގުޅޭ)

ކަޅު ހަރުފަ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

12 ފެބުރުއަރީ 2025

(އާދިއްތަ ދުވަހާ ގުޅޭ)

އަމިއްލަ ނަފުސާ މުހާތަބުކޮށް ބުނާ ކަހަލަ ގޮތަކަށް ރާއިދު ބުނެލިއެވެ. "ނަޖޫއާ މެރީކުރަންވީކަން ނޭނގެ."

ތޫބާ ދެ ލޯ ބޮޑުކޮށްގެން ރާއިދަށް ބަލަހައްޓައިގެން އޮތެވެ. ރާއިދަށް ދެން ތޫބާ ފެނުނީ ފަހުން ފެންނަ ގޮތަށެވެ. ރާއިދު އެންމެ ހިތްކިޔާ ގޮތަށެވެ. އެ ވީ ގޮތެއް ރާއިދަކަށް ނުވިސްނުނެވެ. އެއީ ސިހުރުގެ އަލާމާތެއް ކަމެއް، ސިހުރުގެ ބާރުން ލޮލަށް ދައްކާ މަންޒަރު ދޭތެރެއަކުން ބަދަލުވާނެ ކަމެއް ވެސް ރާއިދަކަށް ނޭނގެއެވެ. ރީތި ތޫބާ ފެނުމުން ރާއިދުގެ ހިތް ލޯބިން ފުރިގެން ބަންޑުންވި ކަހަލައެވެ.

"ތިހާ ސީރިޔަސް ނުވެބަލަ!" ރާއިދު ބުންޏެވެ. "ތިހާ ލޯބިލޯބި އަންބެއް ކާކު ދޫކޮށްލާނީ؟ ޗިލް!"

ތޫބާ ގަދަކަމުން ހިނިތުންވެލިއެވެ. އެހެނަސް ނަޖާތު ދެކެ ގަންނަ ބިރު ދެގުނައަށް އިތުރުވިއެވެ. ރާއިދުއާ ތޫބާ ކައިވެނި ކުރީ ކިހިނެއްކަން އެންމެ ރަނގަޅަށް އެނގެނީ ތޫބާއަށެވެ. ކޮންމެ ވަގުތަކު ވެސް ތޫބާ ދޫކޮށްލާފައި ރާއިދު ގޮސް ނަޖާތުއާ އިނދެފާނެއެވެ. އެ ކަންބޮޑުވުން ތޫބާގެ ހިތަކުން ނުފިލައެވެ.

ހޮސްޕިޓަލުން ގެއަށް ބަދަލުވެވުމާ އެކު އެންމެ ފުރަތަމަ ވެސް ތޫބާ ކުރި ކަމަކީ ބައްޕައަށް ގުޅައިގެން ގެއަށް ގެނައުމެވެ. ދެބަފައިން އެކަނި ތިބެގެން ވަރަށް ރަނގަޅަށް މަޝްވަރާކުރިއެވެ.

"އޭނަ އުޅެނީ ނަޖޫއާ އިންނަން،" ކަންބޮޑުވެފައި ތޫބާ ބުންޏެވެ. "އޭރު ވެސް ބައްޕަ ކައިރީގަ ބުނީމެއްނު..."

"ދަރިފުޅު އެ ކަމާ ނުވިސްނަބަލަ!" އާދަންމަނިކު އެދުނެވެ. "ފިރިމީހާއާ ދޭތެރޭގަ ވިސްނަބަލަ!"

"އޭނަޔާ ދޭތެރޭގަ ވިސްނާތީއޭ މި ބުނަނީ އެ ނަޖާތުގަނޑަށް ކޮންމެވެސް ކަމެއް ކޮށްބަލާށޭ!" ރުޅި އައިސްފައި ތޫބާ ބުންޏެވެ. "މި ގެއަކު ނޫޅޭނެ އަހަރެން ދެކެ ލޯބިވާ އެކަކު ވެސް. މިހާރު ހީނލާފަ އެ ވާހަކަ ދައްކަނީ ބޭބީ އޮތީމަ. ބޭބީ އަތުލާފަ އަހަރެން ފޮނުވައިލީމަ މާ ރީއްޗެއް ނުވާނެ."

"ބައްޕަ ހުއްޓާ އެ މީހުން ބޭނުންހާ އެއްޗެއް ނެހެދޭނެ،" އާދަންމަނިކު ޔަގީންކަން ދިނެވެ. "ދަރިފުޅު ހާސްނުވޭ! އަދި ނުވޭ ހާސްވާން ކައިރި ވެސް."

ސިހުރުވެރީންނަކީ ހިތް ކަޅު ބައެކެވެ. ސިހުރު ދަސްކޮށް، ދީނުން އެ މީހުން ބޭރުވަނީ އަމިއްލަ އެދުން ހާސިލުކުރުމަށް ޓަކައެވެ. ތިމާގެ އަމިއްލަ ބޭނުމެއް ފުއްދުމަށް ޓަކައި އާއިލާއެއް އެކުގައި މަރައިލަން ޖެހުނަސް ސިހުރުވެރިން ފަހަތަކަށް ނުޖެހޭނެއެވެ. އާދަންމަނިކުގެ އަމާޒަކީ ދަރިފުޅަށް ކުރިމަތިވެދާނެ ހުރިހައި ހުރަހެއް ނައްތައިލުމެވެ. ސިހުރުގެ ބިންގަލުގެ މައްޗަށް ބިނާކުރާ ކައިވެނި ދެމެހެއްޓޭނީ ކެނޑިނޭޅި ސިހުރު ހަދައިގެންނެވެ. ތޫބާ މެދުވެރިކޮށް ރާއިދަށް ކުރަންޖެހޭ ހުރިހައި ކަމެއްގައި ތޫބާ ބައިވެރިވިއެވެ. އެއީ ކިހައި ބޭކާރު ކަމެއްކަން ނޭނގިއެވެ.

މީހަކާ އިނދެ، ކުއްޖަކު ލިބުމުން ރާއިދުއާ އިނުމުގެ ހިޔާލު ނަޖާތު ދޫކޮށްލައިފިއެވެ. ނަޖާތުގެ އާއިލާއިން ވެސް އެ ހުވަފެން ދުށުން ހުއްޓައިލައިފިއެވެ. ހާމިދާގެ އެދުމަކީ ސަލްވާގެ ދަރިފުޅަށާއި އާއިލާއަށް އުފާވެރި މުސްތަގުބަލެއް ލިބުމެވެ. އެހެނަސް، ރާއިދު މަންމަގެ ވިސްނުން ތަފާތެވެ. ޅީދަރިއަކަށް ނަޖާތު ވުމަކީ ސަލްވާގެ އެދުމެކެވެ. ފޮނި އުންމީދެކެވެ. ހާމިދާ އާއި ސަލްވާއާ ދެމެދު ދެކެވުނު ވާހަކައެއްގައި ސަލްވާ އަދިވެސް ނަޖާތަށް އިންތިޒާރު ކުރާކަން އެނގުމުން ހާމިދާ ހިތްހަމައެއް ނުޖެހުނެވެ. ފާޅުގައި އިންކާރު ކުރިއެވެ.

"ތި ހިޔާލު ދެން ދޫކޮށްލާ!" ވަރަށް އެކުވެރި ރާގެއްގައި ހާމިދާ ބުންޏެވެ. "ރާއިދު މީހަކާ ނީނދެ ހުރި ނަމަ، ތި އަށް ވުރެ އަހަރެން އުފާވާނެކަމެއް ނޯންނާނެ. އެކަމަކު، ކުއްޖަކު ލިބުނީމަ އެ ކުއްޖާގެ މުސްތަގުބަލާ ދޭތެރޭގަ ދެން ވިސްނަންޖެހޭނީ. އަހަރެން ބޭނުމެއް ނޫން ނަޖާތު ދޮންމަންމައަކަށް ވާކަށް."

"ތިހެން ނުބުނޭ!" ސަލްވާ ބުންޏެވެ. "ތަގުދީރުގަ ވާން އޮތް ކަމެއް ވިއްޔާ އަދި ވެސް ވާނެ. އަހަރެން ދުއާ ވެސް ކުރާނަން އެ ކަން ވޭތޯ. އެއީ ގޯހެއް ނޫނެއްނު! ބޭނުންވާ ކަންކަމަށް ދުއާކުރުން އެއީ އޮންނަ ކަމެއް."

އެއްބަޔަކަށް ދުއާއެވެ. އަނެއް ބަޔަކަށް ސިހުރެވެ. ކުރިއްސުރެ ނަޖާތަށް ވަމުން އައި އުނދަގޫ ހައްތަހާ ބޮޑުވާން ފެށިއެވެ. އެހެންޏާ ނަޖާތުގެ ގައިން ހޫނު އަރަނީ މެންދުރު ކުރީގައެވެ. ބޮޑުވަރު ވަނީ މެންދުރުއެވެ. އޭގެ ފަހުން، އެހެން ގަހެއްގެ ހިޔާ އެޅޭތީ ނަޖާތަށް ހޫނަށް ކެތްކުރެވެއެވެ. އެހެނަސް ފަހަށްފަހަށް އައިސް ހަތަރުދަމު ހޫނަށް ކެތްނުވެގެން ނަޖާތު އުޅެން ފެށިއެވެ. ވާރޭ ނުވެހުނަސް، ދޭތެރެއަކުން ހީކަރުވައިގަނެއެވެ. މޭނުބައި ކުރުން ވެސް ހަމަ އެ ފަދައެވެ. ޑަކުޓަރަށް ދެއްކިއްޖެއެވެ. ދާއިމީ ހައްލެއް ނުލިބުނެވެ. އެހެން ވާން ޖެހޭ ސަބަބެއް ވެސް ޑަކުޓަރަކަށް ނުބުނެދެވުނެވެ.

ރުގުޔާކުރަން ފެށިއެވެ. ފުރަތަމަ ރޭ އެއްވެސް ކަމެއް ނުވިއެވެ. ދެވަނަ ރޭ ކަންކަން ފެންމަތިވާން ފެށިއެވެ. ރާގީ ބުނި ގޮތުގައި، ކެނޑިނޭޅި މީހަކު އެބަ ސިހުރު ހަދައެވެ. ފުރަތަމަ ސިހުރު އެލުވާފައި ހުރީ ގަހެއްގައެވެ. ވައިޖެހުމުން ސިހުރު އެނބުރޭ ގޮތަށެވެ. ހޫނުވުމުން ހޫނުވެފައި، ވާރޭވެހުމުން ތެމޭ ގޮތަށެވެ. ނަޖާތަށް ވީ އެ ގޮތްތަކެވެ. ދެވަނަ ސިހުރުހަދަން ބޭނުންކުރީ ވިހާ ވަގުތު ކުއްޖާއާ އެކުގައި އަންނަ މަހެވެ. ސިހުރު ވެރިޔާއަށް އެހައި ފަސޭހައިން އެ މަސް ލިބުނީ ކިހިނެއް ހެއްޔެވެ؟ ދިނީ ކާކު ހެއްޔެވެ؟ އެއީ ވެސް އުފެދުނު ސުވާލުތަކެކެވެ.

ރުގުޔާ ކުރަމުންދިޔަ އިރު އެނގުނު ގޮތުގައި، ސިހުރު ހަދަނީ ނަޖާތުއާ އިންނަން އުޅުނު މީހަކާ އިން މީހާއެވެ. އޭނަ އިނީ ވެސް ސިހުރު ހަދައިގެންނެވެ. ފަހުން ބޭނުންކުރީ އޭނަ ވިހެއި ކުއްޖާގެ މަހެވެ. ހުރިހައި ތުހުމަތެއް ވެސް ދަނީ އެއް ދިމާއަކަށެވެ. އަލާމާތްތައް ވެސް ހުރީ އެ މީހާއަށެވެ. ނެތީ ހެއްކެކެވެ. ސާބިތުކުރެވޭނެ ގޮތެކެވެ.

އެތައް ރެޔަކު ނަޖާތަށް ރުގުޔާ ކުރިއެވެ. އެކި ކަންކަން އެނގެނީ އެކި ރޭރެއެވެ. ސިހުރު ހެދުމުގައި ސީދާކޮށާއި ނުސީދާކޮށް ވެސް އަންހެނަކު ބައިވެރިވެފައިވެއެވެ. ސިހުރުވެރިން މިހާރު ކުރިއަރާފައިވާ ވަރުން އެ މީހުން ޖެހެނީ ހަމަ ކުޑަކުޑަ އިޝާރާތެއް ކޮށްލާށެވެ. ކޮށްލީމައި ހުރިހައި ކަމެއް ކޮށްދެނީ ޖިންނިޝައިތާނުންނެވެ. ފަހުން "އުޖޫރައެއް" ނަގާ ގޮތަށެވެ. އަޅަންވާ އެއްޗެއް ގޭގެ އަށާއި، ދޮރުމައްޗަށް އަޅަނީ ސިހުރުވެރިޔާއެއް ނޫނެވެ.

ސިހުރު ހެދުމުގައި އަންހެން ސިހުރުވެރީންގެ ބާރު ގަދަވެއެވެ. އެއީ ވެސް އެނގުނު ކަމެކެވެ. ވިހައިގެން އުޅޭ އަންހެނެއް ވިއްޔާ ހައްތަހާ އޭނާގެ ބާރުގަދަވެއެވެ. ނަމާދު ނުކުރެވޭ ދުވަސްވަރެއް އަންހެނުންނަށް އަންނަ ކަމީ ޖިންނިޝައިތާނުންގެ ރުހުން އަންހެން ސިހުރުވެރިންނަށް ބޮޑުވާ ކަމެކެވެ. ސިހުރުވެރިންނަކީ ފެންވަރައި، ގައިން ތާހިރުވާ ބައެއް ނޫނެވެ. އަޅުކަމެއް ނުކުރާނެއެވެ. ސޫރަތް ކިޔަވާނީ އިދިކޮޅުންނެވެ. ސިހުރުވެރިއަކަށް ވުމުގެ ފުރަތަމަ ޝަރުތަކީ ދީނުން ބޭރުވުމެވެ.

ނަޖާތުގެ މުށި ހަށިގަނޑު ހުރީ ޖިންނިޝައިތާނުން ހިސޯރުކޮށްފައެވެ. ރާގީ ކިޔަވައިފައި ނަޖާތުގެ ގަޔަށް ފެން ޖަހައިލުމުން ނަޖާތު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެއެވެ. ލިބޭ ވޭނެއްގެ ބޮޑުކަމުންނެވެ. ވަކީން ހާއްސަކޮށް މޫނަށް ފެން ޖަހައިލުމުން ނަޖާތުގެ މޫނަށް ބަދަލު އާދެއެވެ. ސިފަ ހުތުރުވެފައި، ތަފާތުވެއެވެ. މުޅި މޫނު ފުފިފައި، ދެ ބުމަ ވެސް ވީ އަކުރެއްހެން ކައިރިވެލައެވެ. ބުމައިގެ ބޭރަށް ހުންނަ ދެ ކޮޅު ނަޖާތު އެހައި މައްޗަށް އަރުވަނީ ކިހިނެއް ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ނަޖާތު ނިތްކުރި ފުއްޕައިލާ ގޮތަކުން ހީވަނީ އެތެރޭގައި ދެ ދަޅު ފޮރުވައިފައި ހުރިހެންނެވެ. އިންޗިއެއްހައި ބޯމިނަށް އެ ތަން ފުފެއެވެ. އެއީ އާދަޔާ ހިލާފު މަންޒަރެކެވެ. އެ މަންޒަރު ބަލަން ނަޖާތުގެ މަންމަ އާއި ބައްޕަ ވެސް އެ ތަނުގައި ތިއްބެވެ.

"ޝައިތާނުން އެ ތިބީ ނިތްކުރިއަށް ވަދެ ފިލާ!" މަޑުމަޑުން ރާގީ ބުންޏެވެ. "ހިޖާމާ ޖަހައިގެން ނޫނީ އެ އެއްޗެހިތަކެއް ފަސޭހައަކުން ނުވެސް ނެރެވޭނެ. ހިޖާމާ ޖަހާފަ އެ ތަށްޓަށް ދަމައި ނެރެން ޖެހޭނީ. ވަރަށް ތެޅިފޮޅޭނެ."

ތަށި ގެނެސް، ތަށްޓަށް ކިޔަވާފައި، ފުމެފައި ނިތްކުރީގައި ޖެހިއެވެ. ހަމަ ޖެހުމާ އެކު، ނަޖާތު ހަޅޭއްލަވައިގަތެވެ. ހީވީ ގެ ފަޅައިލިހެންނެވެ. އެ އަޑުގައި އެތައް އަޑެއް އެކުލެވިފައި ހުއްޓެވެ. ބިރުވެރި ފިލްމެކޭ ތަފާތެެއް ނެތެވެ.

"އައްދިއްޔޯއި! ހަމަ މިހާރު ނަށްޓާލާ!" އެތައް އަޑަކުން ނަޖާތު އަމުރުކުރިއެވެ. "އަހަރުމެންނެއް ނުނިކުންނާނަން. ނުވެސް ނެރެވޭނެ."

ރާގީ އެ އަޑެއް ނާހައެވެ. ތަށި ނަށްޓާފައި ނިތްކުރިން ތަންކޮޅެއް ކެނޑިއެވެ. ކެނޑުމާ އެކު ބާލީހައި، އެނދާއި، ކައިރީގައި ތިބި މީހުން ވެސް ސަލާމަތެއް ނުވިއެވެ. ރާގީ ބުނި ގޮތުގައި، އެއީ އަލަށް ފެނުނު މަންޒަރެކެވެ. ދުވަހަކު ވެސް އެހައި ދުރަށް ލޭގެ އަސަރުކޮށްފައެއް ނެތެވެ. ތަށި ޖަހާ އިރަށް ފުރެއެވެ. "ނުކުމޭނުކުމޭ!" ރާގީ އަމުރު ކުރިއެވެ. "އެއްތާކު ވެސް ފިލައެއް ނޯވެވޭނެ."

އޭރު ނަޖާތު ހިފޭއްޓުމަކީ ކުޅަދާނަވާ ވަރުގެ ކަމަކަށް ނުވެއެވެ. ހަޅޭއްލަވާ އިރު ނުކުންނަ އަޑަކީ، ނަޖާތު ކީއްކުރަން ހެއްޔެވެ؟ އަންހެނެއްގެ ކަރުން ނެރެވޭނެ ކަހަލަ އަޑެއް ވެސް ނޫނެވެ. ރުގުޔާ ކުރަމުންދާ އިރު ސިހުރުވެރިން ވެސް އަތްއުރާލައިގެން ތިބެނީއެއް ނޫނެވެ.

އެއްރޭ ކުއްލިއަކަށް ނަޖާތު މުޅި ގައި ފޮޅަން ފެށިއެވެ. މޫނާއި، އަނގައިންނާއި، ކަންފަތުން ވެސް އެއްޗެހިތަކެއް ދަމައި ނެރޭ ކަހަލައެވެ. ކުރަނީ އެ ކަހަލަ ހަރަކާތްތަކެކެވެ. ވާ ގޮތް ރާގީއަށް އެނގެއެވެ. އެހެނަސް ސުވާލު ކުރިއެވެ.

"ކޯޗެއް ތި ދަމައި ނެރެނީ؟" ރާގީ ސުވާލުކުރިއެވެ.

"އިސްތަށި އިސްތަށި އިސްތަށި!" ނަޖާތު ގޮވައިލިއެވެ. "ކަޅު ހަރުފަ. ހުހެއް ވެސް ނުވޭ!"

އެ ގޮތަށް އިސްތަށި ފެނުމަކީ ވާ ގޮތެކެވެ. ފެންނަ މީހާއަށް އެ ގޮތަށް ފެނުނަސް، އެއީ އަސްލު އިސްތަށްޓެއް ނޫންކަން ރާގީއަށް އެނގެއެވެ.

"އަހަރެންގެ އިސްތަށްޓަށް އޭނަ ސިހުރުހަދާފަ ހުރީ،" ލޯމަރައިގެން އޮތް ނަޖާތު ބުންޏެވެ. "އެ އިސްތަށި ހުރީ އަހަންނަށް ކާން ދީފަ. ހާދަ ބައިވަރެކޭ!"

ދިރިހުއްޓައި މީހަކަށް އިސްތަށި ކާންދެވޭ ހެއްޔެވެ؟ އޭގެ ޖަވާބު ވެސް ރާގީ ހޯދިއެވެ.

"ކިހިނެއް ކާން ދިނީ؟" ރާގީ އެހިއެވެ. "ގަދަކަމުން؟"

"އުހުނ! ހުވަފެނުގަ ޖިންނީން ލައްވާ އަހަރެންގެ ގައި ތެރެއަށް ލާފަ!" ނަޖާތު ބުންޏެވެ. "އެކަމަކު އެއީ އިސްތަށްޓެއް ނޫން. ޖިންނިތަކެއް. އެއެއްޗެހިތައް ދިރެން ފަށައިފި! ފާޑެއްގެ އަޑެއް ވެސް ލައްވަން ފަށައިފި! މި ނެރެބަލަ!"

ކިޔަވަން ފެށީމަ ނަޖާތުގެ ކަންފަތުންނާއި ނޭފަތުން ވެސް ނުކުންނަނީ އިސްތަށްޓެވެ. އެ މަންޒަރު އިންސާނުންނަށް ނުފެންނަނީއެވެ. ނުކުންނާނެ ޖާގައެއް ކިރިޔާ ވެސް ހަށިގަނޑުގައި ހުރި ނަމަ ހުރި ހުރިހާ ތަނަކުން ނުކުމެއެވެ. ހުރިހައި ތަނަކުން އިސްތަށި ނުކުންނާތީ، އެ ކަމެއްގައި ނަޖާތު ތެޅިފޮޅެނީއެވެ.

"އަހާބަލަ ކާކުތޯ ސިހުރު ހަދަނީ؟" ހާމިދާ ބުންޏެވެ. (ނުނިމޭ)