Roadha Mihaaru

ކަޅު ހަރުފަ

(އާދިއްތަ ދުވަހާ ގުޅޭ)

ކަޅު ހަރުފަ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

05 ފެބުރުއަރީ 2025

(އާދިއްތަ ދުވަހާ ގުޅޭ)

ފުރަތަމަ ފަހަރަށް ތޫބާއާ ދިމާއަށް ރާއިދު އަޑުވީއްލައި އެއްޗެއް ބުނުމުން، ދެލޯ ބޮޑުކޮށްލާފައި ރާއިދުއާ ދިމާއަށް ތޫބާ ބަލައިލިއެވެ. ރާއިދުއަށް އެހެން ބުނެވިދާނެ ކަމަކަށް ތޫބާ ހިޔެއް ނުކުރެއެވެ. ތޫބާއަށް ހީވި ގޮތުގައި، ރާއިދުގެ ލޮލަށް ތޫބާގެ ރީތިކަން މެނުވީ ނުފެންނާނެއެވެ. ދުލުން ތައުރީފުގެ ބަހެއް މެނުވީ ނުބުނެވޭނެއެވެ. ދެއަތުން ފިރިމުން ނޫން ކަމެއް ނުކުރެވޭނެއެވެ. ތޫބާއަށް ނޭނގި އޮތް އެއްޗަކީ، ސިހުރުގެ ބާރުން ކުރާ ކައިވެނީގެ އުމުރެވެ. ކުރީގެ ކައިވެނިން ވެސް އިބުރަތެއް ހާސިލު ކުރާކަށް ތޫބާއަކަށް ނޭނގުނެވެ.

ކޮޓަރިއަށް ވަދެފައި އަލުން އެ މައްސަލަ ތަހުގީގުކުރަން ތޫބާ ބޭނުންވިއެވެ.

"އެއީ ކޮން ކަމެއް؟" ތޫބާ ސުވާލުކުރިއެވެ.

"ކޮބާ؟" ރާއިދު އެހިއެވެ.

"ކާން އިނދެފަ ތި ބުނެލީނު ތި ގޮތަށް އޭނަ ބޭބީކުރާތީއޭ މައްސަލައަކީ،" އެހެން ބުނެފައި ތޫބާ އިތުރަށް ހަނދާންކޮށްދިނެވެ. "ރާއިދު ފެމެލީ ކުރިމަތީގަ ދެން އަހަރެން އެ ގޮތަށް ފަލީހަތް ނުކުރައްޗޭ! އަހަރެން ޓޮލަރޭޓެއް ނުކުރާނަން."

"ސޮރީ!" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ރާއިދު ބުންޏެވެ. "އެކަމަކު އެންމެ ފުރަތަމަ ޒަފާ ފަނި ހެދި ދުވަހު މައްސަލަ ހިންދާ ނުލި ނަމަ އޭނަ ސައިޒު ވެފަ މިހާރު ހުރީހީ. ޒަފާ ނުޖެހޭ އަހަރުމެންގެ ކަންކަމާ ބެހޭކަށް. ތޫބާ ދެން އޭނައަށް ފޭވަރ ނުކުރައްޗޭ! އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށް."

އަނެއްކާ ވެސް ރާއިދުއާ ދިމާއަށް ތޫބާއަށް ބަލައިލެވުނެވެ. ރާއިދު ހުންނަން ޖެހޭނީ ތޫބާގެ ދަށުވެފައެވެ. އެޅިހައި ބަތަކަށް ރިހަ ކިޔައިގެންނެވެ. މެންދުރަށް މެންދަން ކިޔަސް ރާއިދަކަށް ޝަކުވާއެއް ނުކުރެވޭނެއެވެ. ތޫބާ ހުރީ އެ ޔަގީންކަމުގައެވެ.

"ރާއިދު މިހާރު ކޮން ފާޑަކަށް އަހަންނާ ތި ވާހަކަ ދައްކަނީ؟" ހައިރާންވެފައި ތޫބާ ސުވާލުކުރިއެވެ.

"އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށޭ އިނގޭ! ރާއިދުގެ ގޭގަ އުޅުނެކޭ ކިޔާފަ ބޭނުންހައި އެއްޗެއް އަހަންނާ ދިމާއަކަށް ނުކިޔޭނެ. ކުރިން ވެސް ތި ފާޑަަށް އުޅެން މީހަކު އުޅުނު. އޭނަ ހީކުރީ އަހަރެން ކުޑަކުޑަ ކޮޓަރިގަނޑެއްގަ އުޅެފަ އެ ގެއަށް އައީމަ ބޭނުންހައި އެއްޗެއް ހެދޭނޭ. ނެހެދޭނެ! ކެތްނުވާ ވަރު ވީމަ ދެން ވެސް އަހަރެން ދާނީ އަހަރެންގެ ގެއަށް. އަހަންނަށް ކެރޭނެ ދާން."

ރާއިދަށް ބުނެވުނު ކުޑަކުޑަ އެއްޗަކުން އެހައި ބޮޑު ދެބަސްވުމެއް އުފެދޭކަށް ނުޖެހެއެވެ. ރާއިދު ހިތަށް އެރީ އެހެންނެވެ. މައްސަލަ ފިނިކުރުމަށް ޓަކައި ރާއިދު ރައްދެއް ނުދެއެވެ. ދެމަފިރިން ނިދީ ކުނިޖެހިފައި ތިބެގެންނެވެ. ހޭލީ ވެސް އެ ގޮތަށެވެ. ދެވަނަ ފަހަރަށް ތޫބާ ހިނގައިފައި އޮފީހަށް ދިޔައެވެ. ސަބަބު އެނގޭތީ، އެ ފަހަރު ތޫބާ ރުއްސާކަށް ރާއިދު ކަމެއް ނުކުރެއެވެ. ދުވަހަކު ވެސް ދުރުގައި ނުތިބެވޭ ދެ މީހުން، ފެނުނަސް ފެންނަ ކަމަށް ނަހަދަން ފެށުމުން އިސާހިތަކު އޮފީސް މީހުންނަށް އެ ކަން ފާހަގަކުރެވެން ފެށިއެވެ. އެ ވާހަކަ ދައްކައި، ސުވާލު ކުރަން ފެށިއެވެ.

"އެއްވެސް މައްސަލައެއް ނުޖެހޭ!" ޖަވާބު ދޭން ޖެހުމުން ރާއިދު ބުންޏެވެ. "މާ ބިޒީ ދުވަހަކީ."

ރާއިދަކީ، ދެމަފިރިން ކިތަންމެ މައްސަލައެއް ޖެހުނަސް، އެހެން މީހުންގެ ލޯ މައްޗަށް އެ މަންޒަރު ދައްކަން ބޭނުން ނުވާ މީހެކެވެ. ލިބުނު ދަނޑިވަޅެއްގައި ރާއިދު ގޮސް ތޫބާ ގާތުގައި އެ ވާހަކަ ދެއްކިއެވެ. ޒައްރެއް ވަރުގެ ކަމެއް ބައްރަކަށް ނެހެދުމަށް އެދުނެވެ. ރާއިދުގެ ކަންބޮޑުވުން ތޫބާއަށް ފެނުނީ ރަނގަޅު ބަހަނާއެއް ގޮތުގައެވެ.

"އަހަރުމެން ތަނެއް ކުއްޔަށް ހިފައިގެން ޗޭންޖުވާންވީ!" ތޫބާ ބުންޏެވެ. "ޒަފާޔާ އެއްކޮށެއް ނޫޅެވޭނެ. ސައުވީސް ގަޑިއިރު ޖައްސާލާފަ އޭނަ ހުންނަނީ. އޭނަ ހުރެފަ ދިޔައިމަ ވެސް އެ ތަނުގަ ނެގެޓިވް އެނަޖީ ހުރޭ! މިހާ ޓޮކްސިކް ތަނެއްގަ އަހަންނަކަށް ދެނެއް ނޫޅެވޭނެ."

މައްސަލަ ހައްލުވުމުގެ ބަދަލުގައި އެހެން މައްސަލައެއްގެ ކުރި ފެޅިއެވެ. ތަނެއް ކުއްޔަަށް ހިފުމަކީ ރާއިދު އެއްގޮތަކަށް ވެސް ބޭނުން ކަމެއް ނޫނެވެ. އަނެއްކޮޅުން، ތިމާ ބޭނުންވާ އެއްވެސް ކަމެއް ނުވުމަކީ ތޫބާއަށް ގަބޫލުކުރެވޭ ކަމެއް ނޫނެވެ. އޮފީސް ނިންމައިފައި ތޫބާގެ ގެއަށް ގޮސް ބައްޕަޔާ ބައްދަލުކުރިއެވެ. އެއީ އެހެންޏާ ވެސް ތޫބާ ކަންކުރާ ގޮތެވެ.

"އަހަރެން ބޭނުން ރާއިދު އެއްބަސްކުރުވަން،" ބައްޕަ ގާތުގައި ތޫބާ ބޮޑާހާކައިލިއެވެ. "ބައްޕަ ކޮންމެވެސް އެއްޗެއް ހަދާބަލަ!"

އާދަންމަނިކަށް އެ ކަން ކުރެވިދާނެއެވެ. އެހެން ކަންތައް ވެސް ކޮށްދިން ފަދައިންނެވެ. އެހެނަސް، ކޮންމެ ކަމެއްގައި ސިހުރުގެ އެހީ ހޯދުމަކީ ހައްލެއް ނޫނެވެ. ރާއިދުއާ ކައިވެނި ކުރަން އާދަންމަނިކު އެހީވިއެވެ. ކައިވެނި ދެމެހެއްޓުމަށް ވެސް އެހީތެރިވިއެވެ. ދެން އޮތީ ދަރިފުޅުގެ ހިތްވަރެކެވެ. އާދަންމަނިކު ވިސްނައިފައި އޮތީ އެހެންނެވެ. ކަމަކަށް އެދިގެން ތޫބާ އައުމުން އެ ކަމެއް ނުކޮށްދެނީހެއް ތޫބާ ނޭވައެއް ނުލާނެއެވެ. އެއީ ވެސް މައިބަފައިން ތޫބާއަށް ދިން ތަރުބިއްޔަތެވެ. ދަސްކޮށްދިން ގޮތެވެ. އެހެނަސް ސިހުރަކީ ކޮންމެ ބައްޔެއްގެ ފަރުވާއަކަށް ނެހެދޭނެއެވެ. އެހެންވެ އާދަންމަނިކު ކޮންމެ ފަހަރަކު ދެނީ އަސްލު ސިހުރެއް ނޫނެވެ. ސިހުރުގެ ބާރުގައި ކުރެވުނު ތޫބާގެ ކައިވެނީގެ ބައެއް ވާފަށް ފީވާން ފެށީ އެހެން ވެގެންނެވެ. ތޫބާއަށް އެ ކަން ނޭނގެނީއެވެ. ކައިވެންޏެއްގެ ބިންގަލަކީ، އެކަކު އަނެކަކަށް އޮންނަ ލޯތްބާއި އިތުބާރެވެ. އަޅައިލުމާއި އިހުތިރާމުކުރުމެވެ.

"މީތި އަބަދު ވެސް ދަރިފުޅުގެ ދަބަހުގަ ބާއްވާ!" ފަތްޖަހާލައިފައިވާ ކަރުދާސްކޮޅެއް ދެމުން އާދަންމަނިކު ބުންޏެވެ. "ދެން ގޮސް ނިކަން އޯގާތެރިކަމާ އެކުގަ ރާއިދު ގާތުގަ ދަރިފުޅު ތިޔަ ބޭނުންވާ ކަމެއް ބުނޭ! އޭރުން ކޮށްދޭނެ. ރުޅި އައިސްގެން ޒުވާބު ކުރާނީކީ ނޫން. ކުރިން ވެސް ބުނާހެން ނިކަން ދެރަވެލާފައި ބުނާނީ."

އާދައިގެ މަތިން ތޫބާ ދިޔައީ، ރާއިދު ރުއްސަން ބޭނުންވާނެ "ފަންޑިތަ" ހިފައިގެންނެވެ. ތޫބާ ހިތުން އެ ހިސާބުން މައްސަލަ ހައްލުވާނެއެވެ. އެހެނަސް ހިތްހަމަނުޖެހިފައިވާ ވަރުން ތޫބާ ހުރީ ރުންކުރުވެފައެވެ.

"ކޮން ތާކުން ތި އައީ؟" ރޭގަނޑު ތޫބާ ގެއަށް އައުމުން ރާއިދު އެހިއެވެ. "އަހަރެން ހާދަ ވަރަކަށް ގުޅީމޭ! މެސެޖެއް ނުލިބޭތަ؟"

ރާއިދު ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ތޫބާ ބޭނުމެއް ނުވިއެވެ. ބައްޕަ ދިން ނަސޭހަތް ވެސް ތޫބާ ހަނދާން ނައްތައިލިއެވެ.

"އަހަރެން ބޭނުމެއް ނޫން މި ގޭގަ އުޅޭކަށް. ހުޅުމާލޭގަ އެބަހުރި ވަރަށް ސަޅި އެޕާޓުމަންޓު،" ފޯނު ނަގަމުން ތޫބާ ބުންޏެވެ. "އެއް އަހަރަށް އެއްކޮށް ޕޭކޮށްފިއްޔާ ޑިސްކައުންޓް ވެސް ލިބޭ. އިންޓީރިއަރ ވެސް ވަރަށް ސަޅި. ބަލަ އުހުނ!"

"މަންމަމެން ދޫކޮށްލާފަ އަހަރެން ހުޅުމާލެއަށް މޫވެއް ނުކުރާނަން." ރާއިދު ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ކީއްވެ ތެދަށް ބުނަން ނުކެރިގެން ތި އުޅެނީ؟" ކުރިން ނުބުނާ ރާގަކަށް ތޫބާ ބުންޏެވެ. "ނަޖޫ ނުފެނިދާނެތީ ތި އުޅެނީ. ބުނެބަލަ އެހެން. ތީ އޭނަޔާ އިންނަން އުޅުނު މީހެއްނު. އަދި ވެސް އޭނަ އެހެރީ ސިންގަލްކޮށް. ބުނެބަލަ ނޫނެކޭ!"

"ކީއްކުރަން ނޫނެކޭ ބުނަންވީ! ހުސް ތެދު،" ރާއިދު އެއްބަސްވިއެވެ. "އިންނަންވީކަން ނޭނގެ އޭނަޔާ!"

އެހެން ބުނެލާފައި ރާއިދު ކޮޓަރިން ނުކުތެވެ. ކިތަންމެ ލުއިކޮށް ރާއިދު އެހެން ބުނި ނަމަވެސް ތޫބާގެ ކަންފަތަށް އިވުނުލެއް ލުޔެއް ނޫނެވެ. އެއީ ވެދާނެ ކަމެއްހެން ވެސް ތޫބާއަށް ހީވިއެވެ. ދެބަސްވުން އެ ހިސާބުން ނިމުނެވެ.

ނަޖާތާ ބެހޭ މައުލޫމާތު ތޫބާ އެއްކުރަން ފެށިއެވެ. އޭނަ ހުސްހަށިބައެވެ. ލޯބިވެރިއެއް ވެސް ނެތެވެ. ތޫބާއަށް ވުރެ ނަޖާތު މާ ރީއްޗެވެ. ހައްތަހާ ވެސް ބިރުވެރި ސިގުނަލުތަކެވެ. ބައްޕަޔާ ހަމައަށް ތޫބާ އެ މައްސަލަ ގެންދިޔައެވެ. އެއީ އާދަންމަނިކު ވެސް ކަންބޮޑުވި ކަމެކެވެ.

"ފުރަތަމަ ކަމަކަށް، ދަރިފުޅު ތަންކޮޅެއް ރުޅި މަޑުކޮށްފަ، ގޮތްދޫކުރޭ!" ބައްޕަ ނަސޭހަތްދިނެވެ. "ދެން ހުރި ކަންތައް ބައްޕައަަށް ދޫކޮށްލާ!"

ތޫބާ ބަލަހައްޓައިގެން ހުރީއެވެ. އެއްބަސްވާން އުނދަގޫވެފައެވެ.

"ބައްޕައަށް އިތުބާރު ކޮށްބަލަ ދަރިފުޅާ!" އާދަންމަނިކު ބުންޏެވެ. "މީހަކު ހެދިހާ އެއްޗެއް ބަލާކަށް ބައްޕައެއް ވެސް ނުހުންނާނެއްނު."

"އޯކޭ!" ފުން ނޭވައެއް ބޭރުކޮށްލާފައި ތޫބާ ބުނެލިއެވެ.

ތަނެއް ކުއްޔަށް ހިފާ ވާހަކަ ތޫބާ ހުއްޓައިލިއެވެ. ރާއިދުގެ ލޯބި އަނެއްކާ ވެސް އިތުރުވިހެން ހީވިއެވެ. އޭގެ އަގު އަދާކުރަން ޖެހުނީ، ކުށެއް ނެތް، މާ ދުރުގައި ހުރި ނަޖާތަށެވެ. އެއްވެސް ކަމަކާ ނުލައި މޭނުބައިކުރަން ފެށިއެވެ. މެންދުރު ބޮލުގަރިއްސަން ފަށައެވެ. ކިރިޔާ ވެސް ވިއްސާރަވެލައިފިއްޔާ ހީކަރުވާ ވަރުން ކެތްނުވެއެވެ. މުޅި ހަންގަނޑު ކުރަކިވެ، ކުލަ މަރުވާން ފެށިއެވެ. މޫނުގައި ބޮޑެތި އޮށާޅަނަގަން ފެށިއެވެ. ކުރިން ނުލާހިކު އޮމާންވެފައި ދޮންކޮށް ހުންނަ ނަޖާތުގެ މޫނު، މަޑުމަޑުން ހުތުރުވާން ފެށިއެވެ. ސަބަބެއް ނޭނގެއެވެ. ބާޒާރުން ލިބެން ހުރި އެކި ކަހަލަ ކިރިމުތައް ހާމިދާ ގެނެސްދިނެވެ. ގަނެވެން އޮވެގެނެއް ނޫނެވެ. ކުޑަކުޑަކޮށް ލުއިވެއެވެ. ރަނގަޅެއް ނުވެއެވެ.

"ދަރިފުޅު މޫނަށް ތަންކޮޅެއް އަޅާލަބަލަ!" އެންމެ ފަހުން ހާމިދާއަށް އެހެން ބުނެވުނެވެ. "ނިދާ އިރު ވެސް މޫނު ދޮވެލާ ކަންތައް ކޮށްބަލަ!"

"ކިހާ ވަރަކަށް؟ މަންމައަށް ފެންނާނެ އަހަރެން އުޅޭ ވަރު،" އެ ކަމާ އުޅެއުޅެ ވަރުބަލިވެފައިވާ ނަޖާތު ބުންޏެވެ. "އެކަކު ބުނާނެ ފެންބޯށޭ! އަނެކަކު ބުނާނެ ކިއުކަންބާ އުނގުޅާށޭ، ކެލާ އުނގުޅާށޭ! އަނެކަކު ބުނާނެ ފޭޝަލް ހަދާށޭ! ކިހާ ކަމެއް މި ކުރަނީ؟"

"ދެން ޑޮކްޓަރަށް ދައްކަންވީނު ދަރިފުޅާ!" ހާމިދާ އެދުނެވެ. "ބުނާ އެއްޗެއް ބަލައިލެވިދާނެއްނު!"

"ނުދައްކާނަން،" ފޫހިވެފައިވާ ރާގެއްގައި ނަޖާތު ބުންޏެވެ. "ވާ އެއްޗެއް ވެދާނެއްނު!"

އެހެން ބުނި ނަމަވެސް ނަޖާތު ޑަކުޓަރަށް ދެއްކިއެވެ. ކާންވީ އެއްޗެއްސާއި، އުނގުޅަންވީ އެއްޗެހި ބުނެފައި ޑަކުޓަރު ބޭސް ވެސް ދިނެވެ. އޭގެ ސަބަބުން، އެ ދުވަސްކޮޅު މޫނަށް ލުޔެއް ލިބުނެވެ. މޭނުބައިކުރުމާއި، ބޮލުގަ ރިހުމަކަށް ބަދަލެއް ނައެވެ. ބޭސްތައް ހުސްވުމުން އަނެއްކާ ވެސް ކުރިން ވީ ކަންކަން ވާން ފެށިއެވެ. ސަބަބަކީ، ނަޖާތު އެ ކަމުން ސަލާމަތްވިޔަ ނުދޭން އާދަންމަނިކު ކުރި މަސައްކަތެވެ. ކޮންމެ ދުވަހަކު ދެ ދަޅައަށް އާދަންމަނިކު ގޮސް، މާލޭގައި ފަހުން ހިއްކި އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ގަހަކަށް ބަލަހައްޓައިގެން ހުރެއެވެ. އެއީ ހޫނުގަދަ ހިސާބެކެވެ. ސިހުރު ހަދައި ލިޔެފައިވާ ރަތް، ދިގު ފޮތިކޮޅު އެލުވާފައި ހުރީ ގަހުގެ މަތީ ގޮފިކޮޅެއްގައެވެ. ކިރިޔާ ވެސް ރޯޅިއެއް ޖެހިއްޖެ ނަމަ ފޮތިކޮޅު އެނބުރި ގަންނަ ގޮތަށެވެ. ވާރޭވެހޭ ނަމަ އެންމެ ބޮޑަށް ތެމޭނެ ގޮތް ވެސް ބަލައިގެންނެވެ. ނަޖާތަށް ކުރަނީ އޭގެ އަސަރެވެ. (ނުނިމޭ)