(ބުދަ ދުވަހާ ގުޅޭ)
16 ފެބުރުއަރީ 2025
(ބުދަ ދުވަހާ ގުޅޭ)
"އަހާބަލަ ކާކުތޯ ސިހުރު ހަދަނީ؟" ހާމިދާ ބުންޏެވެ.
ރާގީ އެ ކަމެއް ނުކުރިއެވެ. ނުކުރި ސަބަބު ވެސް ކިޔައިދިނެވެ.
"ރުގުޔާއަކީ ހުއްދަ ފަންޑިތަ،" ރާގީ ބުންޏެވެ. "ސިހުރަކީ ފަނާ. ރުގުޔާއަކީ ޝިފާ. ސިހުރު ހެދި ބަޔެއްގެ ނަން ހޯދައިގެން، އާއިލާ ތެރޭގަ މައްސަލަ ޖެހި، ފިތުނަ ފަސާދައަށް މަގުފަހިކުރުމަކީ ރުގުޔާގެ ރޫހާ ހިލާފު ކަމެއް. އެ ކަން ނުކުރަމާ ހިނގާ! އަހަރުމެންގެ އަމާޒަކީ ނަޖާތު ސަލާމަތް ކުރުން. ދެމުންދާ ހަމަލާތައް ދިފާއު ކުރުން."
ނަން ނުބުނި ނަމަވެސް ހާމިދާ އާއި ހާޝިމަށް ވެސް އިނގިލި ދިއްކުރެވެނީ ހަމަ އެންމެ ދިމާއަކަށެވެ. ތޫބާގެ ދެބަފައިންނަށެވެ. ތޫބާ އާއި ރާއިދުގެ ކައިވެނި ކުރަން އުޅުނު އިރު ވެސް އެ ޝައްކު އޮތީ ކުރެވިފައެވެ. ތޫބާއަށް ރާއިދުގެ ލޯބި ލިބުނަސް، ކައިވެނި ކުރެވުނަސް، މުޅި ކޮންޓުރޯލު ތިމާއަށް ލިބުނަސް ތޫބާގެ ހިތް ނުފުރެނީއެވެ. ތޫބާ ބޭނުންވަނީ ލޮލުކޮޅަށް އޮބާ ވަރަށް ހުރަސްތައް އެއްފަރާތްކޮށްލައި، މަގު ސާފުކޮށްލާށެވެ. އެ ކަމުގައި ތޫބާ ކޮށްފައި ނުކުރާނެ ކަމެއް ނެތެވެ.
ރުގުޔާ ކުރަމުންދިޔަ އިރު ނަޖާތު ބައެއް ފަހަރު އިދިފުށަށް ދަމައިގަނެގެން ގޮސް އެނދުގައި ޖެހިފައި ހުންނަނީ ހަމަ އެކަނި ފުންނާބާއި ފުއްކިބައެވެ. މުޅި ގަޔަށް ހުންނަނީ ބާރުގަނޑެއް އަރައިފައެވެ. އެތައް ފަހަރަކު ތޫބާ އާއި އާދަންމަނިކުގެ ނަން ނަޖާތު ކިޔެވެ. އަޑު އަންނަ ގޮތުން އަކުރުތައް ރަނގަޅަށް ފާޅުނުވާތީ ނޭނގެނީއެވެ.
"ބަނޑުގަ ހުރި އެއްޗެހިތައް ބޭރަށް ނެރެވިގެން މި ކަން ނިމޭނީ،" ކިރުޕެކެޓާއި ޒައިތޫނިތެޔޮފުޅި ނަގަމުން ރާގީ ބުންޏެވެ. "ބާލިދީ ގެނޭ! އެތެރޭގައި ހުރި އެއްޗެއް ޖެހޭނީ ބޭރަށް އަންނަން."
ރާގީ ކިޔެވި އެއްޗެއް ކިޔަވައިފައި، ތެލާއި ކިރު އެއްކޮށްފައި ނަޖާތަށް ދިނެވެ. ބަނޑުހައި ވެފައި ހުރި މީހަކަށް ވެސް ނުބޮވޭހައި ކިރު އޭގައި ހުއްޓެވެ.
"ހުސްކޮށްލާތި!" ހިތްވަރުދޭ ރާގެއްގައި ރާގީ ބުންޏެވެ.
ނަޖާތަށް ބޮޑު ކިރު ޕެކެޓު ހުސް ކުރެވުނީ ވިއްސަކަށް މިނެޓުންނެވެ. އިރުކޮޅެއް ނުވެ ހޮޑުލާން ފެށިއެވެ. ރާގީގެ ބޭނުމަކީ އެއީއެވެ. ހުދުކުލައިގެ އެއްޗެއްގެ ތެރޭގައި އެހެން ކުލައެއްގެ އެއްްޗެއް ހުރިއްޔާ ފަސޭހައިން ފެންނާނެއެވެ. އޭގައި ހުރީ ކަޅު ކުނޑިތަކެއް ކަހަލަ އެއްޗެހިތަކެކެވެ. ހީވަނީ މުގުރިފައިވާ އިސްތަށިތަކެއްހެންނެވެ.
"ހުރި އެއްޗެއް ފުނޑުފުނޑުވެގެން އެ އައީ،" ރާގީ ބުންޏެވެ. "އަދި ކެތްކޮށްލާތި!"
ދެން ފެނުނީ ނަޖާތުގެ ސިފަ ހުތުރުވާން ފެށި ތަނެވެ. މޫނުގެ ބައެއް ހިސާބުތަކުން ކުލަ މަރުވާން ފެށި ތަނެވެ. ލޯކައިރި ދުޅަވެ، އަނގަމަތި އައިބުވެ، ކަރު ވެސް ހުރީ ފަލަވެފައެވެ. ފިތާފުޅިއަކަށް އަޅައި ތައްޔާރުގައި ހުރި ފެންފުޅި ނަޖާތުގެ މޫނަށް އަމާޒުކޮށްފައި ރާގީ ފަހު އިންޒާރުދިނެވެ.
"ނުކުމޭ!" ރާގީ އަމުރުކުރިއެވެ. "ހަމަ މިހާރު ނުކުމޭ!"
ނަޖާތު އަނގަ ހުޅުވާލައިފައި، ބޮޑު ދެލޮލުން ރާގީއަށް ބަލައިލައިފައި ވައްތަރެއް ޖައްސައިލިއެވެ. އެއީ އާންމު ގޮތެއްގައި ބުޅާ ރުޅި އައުމުން ހަދައިލާ ކަހަލަ ގޮތެކެވެ. ރާގީ ފެންފުޅިއަށް ފިތަން ފެށިއެވެ. އެ ފިތަން ފެށި ގޮތަށް ނަޖާތު ހާސްވަންދެން ހިފަހައްޓައިލިއެވެ. އެ މަންޒަރު ބަލަން ނީނދެވިގެން ހާޝިމް އެ ތަނުން ދިޔައީއެވެ. ރާގީ ހުއްޓުވަން ހާމިދާގެ އަތް ހަރަކާތް ނުކުރީ ކިރިޔާއެވެ. ރާގީ ފެންޖެހުން ހުއްޓައިލައިފައި ނޭވާލާން ނަޖާތުއަށް ފުރުސަތު ދިނެވެ. އިސްޖަހައިލުމަށް ފަހު ނަޖާތު ބޭރުކޮށްލި ފުން ނޭވަޔާ އެކު އިސްއުފުލައިލިއެވެ. އޭރު ނަޖާތުގެ މޫނު ހުރީ، ކުރިން ވެސް ހުންނަ ގޮތަށް ރީތި ވެފައެވެ. އަސްލު ސިފަ އައިސްފައެވެ. ދެން ވާހަކަ ދެއްކީ ވެސް ނަޖާތުގެ އަސްލު އަޑުންނެވެ.
"ފެންތަށްޓެއް ދީބަލަ މަންމާ!" ނަޖާތު އެދުނެވެ.
އެހެން ބުނުމުން ދޭން ތައްޔާރަށް ހުރި ފެންތަށި ރާގީ ދިއްކޮށްލިއެވެ. ނަޖާތު ފެން ބޯން ފެށިއެވެ. އެއީ ހަނގުރާމަ ނިމި، އެ މުސީބާތުން ނަޖާތު ސަލާމަތްވި ހިސާބެވެ. ނަޖާތަކީ ކުރިން ނަމާދަށް ވަރަށް ސަމާލުވި ކުއްޖެކެވެ. ވަކި ހިސާބަކުން ނަމާދާއި ދުރުވީއެވެ. ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުމުން ވެސް ދުރުހެލިވީއެވެ. އެއީ ޖިންނިސައިތާނުން ބަލަބަލާ ތިބޭ ދަނޑިވަޅެވެ.
"ބައެއް ދުވަސްވަރު ނަމާދު ނުކުރެވުނަސް ޒިކުރު ނުކުރެވޭ ދުވަހެއް ނާންނާނެ،" ރާގީ ހަނދާން ކޮށްދިނެވެ.
"އެއް ކަމެއް ނުކުރެވޭތީއޭ ކިޔާފަ، ދެން ހުރި ހުރިހާ ކަމެއް ނުކޮށް ދޫކޮށްލައިގެން ނުވާނެ."
އޭގެ ފަހުން ނަޖާތުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ގެއިން ނުނިކުންނަން ބަހަނާއެއް ނުދައްކައެވެ. ކޮޓަރީގައި ފިލައެއް ވެސް ނޯވެއެވެ. އާދައިގެ އިންސާނުން އުޅޭހެން އުޅެން ފެށިއެވެ. އަންނައުނު ދޮވުމާއި، ފެންވެރުން ފަދަ، ހުއްޓާލާފައިވާ ރީތި އާދަތައް އަލުން ފެށިއެވެ. ފުނާ އަޅަން ފެށިއެވެ. ދެ އިރު ދަތްއުނގުޅަން ވެސް ފެށިއެވެ. އިންސާނުން އުޅޭހެން ދަރިފުޅު އުޅެން ފެށުމަކީ ހާމިދާ އާއި ހާޝިމަށް ލިބުނު ބޮޑު އުފަލެކެވެ. ތޫބާއަށް ކުރިމަތިވި މުސީބާތެކެވެ.
ކުއްޖަކު ލިބުމުން ތޫބާ ބޭނުންވީ އޮފީހުން ކެނޑޭށެވެ. ރާއިދު ރުހި ގަބޫލެވެ. ދަރިފުޅު ބަލަން މީހަކު ގެންނަން ބޭނުންވުމުން އެ ކަމަށް ވެސް ރާއިދު ދެކޮޅެށް ނަހަދައެވެ. ތޫބާ ހިތުން ތޫބާގެ ކޮންމެ އެދުމެއް ރާއިދު ގަބޫލު ކުރާނެއެވެ. ކުޑަމިނުން ސުވާލެއް ވެސް ނުކުރާނެއެވެ. އެ ހައި ވެސް ތޫބާގެ ބާރު ގަދަވާނެއެވެ. ވިދިވިދިގެން ތިންވަނަ ހުކުމެއް ވެސް ތޫބާ ނެރުނެވެ.
"ރާއިދު ދެން އޮފީހުން ކެނޑޭ!" ތޫބާ އެހެން ބުނެލި އިރު ހީވަނީ މަންމައަކު ދަރިފުޅަށް ކޮށްލި އަމުރެއްހެންނެވެ. "ރާއިދު ވެސް ދަރިފުޅަށް ޓައިމް ދޭން ޖެހޭނެ."
ކާން އިނދެފައި ތޫބާ އެހެން ބުނި އިރު، އެ އަޑު އިވޭ ހިސާބުގައި ރާއިދުގެ ކޮއްކޮ ހުރި ކަމެއް ތޫބާއަކަށް ނޭނގެއެވެ. ޒަފާ ނިކަން ބާރަށް ހީނގަތެވެ. ހަގީގަތުގައި ޒަފާ ހުރި ކަން އެނގުނު ނަމަ ތޫބާ އެހެން ނުވެސް ބުނީހެވެ.
"ތީ މަންމަތަ؟" ޒަފާއަށް ބުނެވުނެވެ. "އުޕްސް!"
ރާއިދު ވެސް ޒަފާއާ ބައިވެރިވާން ހިނިގަނޑެއް ޖަހައިލިއެވެ. ވީހައި ވެސް ކަމަކީ އެއީއެވެ. ރައްދުގައި އެއްވެސް އެއްޗެއް ރާއިދު ނުބުނެއެވެ. އެހެނަސް ތޫބާގެ ހިތަށް ވަރަށް ތަދުވިއެވެ. އެއްޗެއް ނުބުނެ ހަމަ ކެތެއް ނުވިއެވެ.
"ކެނޑޭނަން ދޯ؟" ތޫބާ އެހިއެވެ.
ތޫބާ ބޭނުންވީ ތޫބާގެ ނުފޫޒު ކިހައި ގަަދަކަން ޒަފާއަށް ދައްކައިލާށެވެ.
"ނޯ!" ރާއިދު ވަގުތުން އިންކާރު ކުރިއެވެ. "ތޫބާ ބޭނުންވީމަ ތޫބާ ކެނޑުނީ. އަހަރެން ބޭނުންވީމަ އަހަރެން ވެސް ކެނޑޭނަން."
އެ ހިސާބުން ދެން ރާއިދެއް ވެސް ޒަފާއެއް ވެސް އެއްޗެއް ނުބުނެއެވެ. އެ ހިސާބުން އެ ކަން ނިމުނީއެވެ. އާދައިގެމަތިން ތޫބާ ބެލީ އެއީ ތޫބާގެ އަގު ވައްޓައިލުން ކަމުގައެވެ. ރާއިދު އޮފީހުން ކަނޑައިލައިފައި ދައްކަން ތޫބާ ބޭނުންވިއެވެ.
ޖެހިގެން އައި ދުވަހު ރާއިދު އޮފީހުގައި އިންދައި ތޫބާ ގުޅިއެވެ.
"ޓޭބަލް މަތީގަ އޮންނާނެ ލެޓަރ،" ތޫބާ ބުންޏެވެ. "ސައިން ކޮށްލައްޗޭ އިނގޭ! ރާއިދު ނުޖެހޭނެ ލެޓަރ ލާކަށް ވެސް."
"ކޮން ލެ.." ރާއިދު އެ ހިސާބަށް ބުނި އިރު ތޫބާ ފޯނު ކަނޑައިލައިފިއެވެ.
މޭޒުމަތީގައި ސިޓީއެއް އޮތް ކަމެއް ކުރިން ރާއިދަކަށް ނޭނގެއެވެ. ބަލައިލި އިރު އެއީ ރާއިދުގެ އިސްތިއުފާ ސިޓީއެވެ. ތޫބާ ރައްޓެއްސެއް ލައްވައި ލިޔުއްވީއެވެ. ސިޓީ ހިފައިގެން ހައިރާންވެފައި އިންދައި ނިޔާޒު އައެވެ.
"ކޮބާ ސައިން ކުރީތަ؟" ނިޔާޒު އެހިއެވެ.
ނިޔާޒު ކުރިމަތީގައި ރާއިދު ސިޓީ ވީދައިލިއެވެ. ވަށިގަނޑަށް ކަރުދާސްތައް އަޅައިލުމުގެ ކުރިން ތޫބާއަށް އެ ޚަބަރު ދިޔައެވެ. މައްސަލައިގެ ހުޅުފަޅައިގެން ދިޔަ ހިސާބަކީ އެއީއެވެ.
ރާއިދު ގެއަށް އައި އިރު ތޫބާ އިނީ ރޮއިރޮއި މަރުވާ ވަރު ވެފައެވެ. އެ މަޅީގައި ޖެހޭ ވަރަށް ވުރެ ރާއިދު ހުރީ ރުޅި އައިސްފައެވެ. ކުރިން އަންގައިލުމަކާ ނުލައި ސިޓީ ލިޔެ، ސިޓީ ބަލައި ވެސް ފޮނުވީމައެވެ.
ކޮޓަރީގައި އޮތީ ދެބަސްވުމާއި، އެކަކު އަނެކަކު ކުށްވެރި ކުރުމެވެ.
"އެ ވަރު ކަމެއް ކުރާ އިރު ބުނެލަންވާނެ ދޯ؟" ރާއިދު ބުންޏެވެ.
"ނިޔާ ކުރިމަތީގަ ލެޓަރ ވީދާނުލާ ވެސް ރާއިދަށް ތިހެން ބުނެވޭނެ،" ތޫބާ ބުންޏެވެ. "އަބަދުވެސް އުޅޭނީ އަހަރެން އިންސަލްޓް ކޮށްލަން. ރާއިދު އަބަދު ވެސް އުޅޭނީ އައި އޭމް ދި ބޮސް ވާން ވެގެން."
"އެހެނެއް ނޫން ވީ،" ރާއިދުގެ ރާގުގައި ދޫދިނުމެއް ނެތެވެ. "އަސްލު ވަރަށް ސިންޕަލް ކަމެއް ވީ. އޮފީހުން ކެނޑޭށޭ ބުނި އިރު ތޫބާއަކަށް ނޭނގޭ ޒަފާ އިން ކަމެއް. އެ ކަމާ އީގޯ ހާރޓް ވެގެން ތި އުޅެނީ."
ނޭނގި ނަމަވެސް ރާއިދަށް ޒުވާބުގެ އެއް ގިއަރު މަތިކޮށްލެވުނެވެ.
"އަހަންނަށް އެނގޭ އޭނަ ހުރިކަން،" ތޫބާ ގޮތް ދުލެއް ނުކުރިއެވެ. "ކޮންމެހެން ޓޮޕިކް ޗޭންޖު ކުރާނެ ކަމެއް ނެތް. މާދަމާ ރާއިދު އޮފީހަށް ދާ އިރު އޮންނާނެ ލެޓަރއެއް. އޭގަ ސައިން ނުކޮށްފިއްޔާ.."
ތޫބާއަށް ވެސް ރުޅިގަނޑުގެ ގިއަރެއް މަތިކޮށްލެވުނެވެ. ރާއިދު ވަގުތުން އޮފީހަށް ގޮސް ސިޓީ ހިފައިގެން އައިސް ތޫބާގެ ކުރިމަތީގައި ސިޓީ ވީދައިލިއެވެ. ދެރަ ނުވާން ވެގެން ތޫބާ ވަގުތުން ގެއިން ނުކުމެގެން ދިޔައެވެ. ދަރިފުޅު ބާއްވައިފައެވެ.
ދެމަފިރިންގެ މެދުގައި ކައިވެނި ގުޅިފައި އޮތީ ސިހުރުގެ ހިމަ ރޮދިފަށަކުންނެވެ. ލޯބީގެ ވަރުގަދަ ގުޅުމަކުން ނޫނެވެ. ނަފުރަތުގެ އެންމެ ރޯޅިއަކުން ވެސް ރޮދިފަށް ކެނޑި، ކައިވެނި ރޫޅިދާނެއެވެ. ލޯ މައްޗަށް ފެންނާނީ ދެބަސްވުމެއް އުފެދުނު ތަނެވެ. ބޭކާރު އަރާރުމެއްވެވުނު ތަނެވެ. ބުނާ ބަޔަކު ބުނާނެއެވެ. އެ ވަރު ކަމަކާ ވަރިވާން ހެޔޮވާނެ ހެއްޔެވެ؟ މައްސަލައިގެ ބަތާނައިގައި އޮތް ސިހުރުގެ ކަޅު ފޮތިގަނޑު އެކަކަށް ވެސް ނުފެންނާނެއެވެ. ފެނުނު ބަޔަކު އެ ވާހަކައެއް ނުވެސް ދައްކާނެއެވެ.
ރާއިދު އާއި ތޫބާގެ ކައިވެނި ރޫޅުނެވެ. އަލުން އިންނާކަށް އެކަކު ވެސް ބޭނުމެއް ނޫނެވެ. އެއީ ތޫބާގެ ފުރަތަމަ ކައިވެނި ވެސް ރޫޅުނު ގޮތެވެ. ހާދިސާ ތަފާތެވެ. ސަބަބަކީ އެކައްޗެކެވެ. ސިހުރެވެ. ތިންވަނަ މީހަކާ ވެސް ތޫބާ އިނެވެ. ހަތަރުވަނަ މީހަކާ ވެސް އިނެވެ. ދިރިއުޅުމެއް ނުލިބުނެވެ. ނުވެސް ލިބޭނެއެވެ. ތަޖުރިބާއިން އިބުރަތެއް ހާސިލު ކުރާކަށް ތޫބާ ނޫޅެއެވެ.
ރާއިދު މަތިން ނަޖާތު ހަނދާނެއް ނުނެތެއެވެ. ނަޖާތު ފެނުމުން ރާއިދުގެ ހިތުގައި ރިހުމެއް އުފެދެއެވެ. އިސްނަގައި ހިނިތުންވެލަން ރާއިދަށް ނުކެރެނީއެވެ. ރާއިދުގެ މައިންބަފައިން ނަޖާތަށް އިންތިޒާރު ކުރުން ހުއްޓައެއް ނުލައެވެ. އެއީ ފޮޅިދާނެ މަލެކެވެ. ރޯވެދާނެ ގަހެކެވެ. އެހެނަސް، ހަނަފަސް ބިންގަނޑަށް ލޯބީގެ ވާރޭ ވެހުނު އިރަކުންނެވެ. ވިއްސާރަ މޫސުން އެނބުރި އައި ދުވަހަކުންނެވެ. މާޒީގެ ކަޅު ވިލާތައް އުދަރެހުން ކެހުނު ވަގުތަކުންނެވެ. (ނިމުނީ)