Roadha Mihaaru

ފައިބަރު މަސައްކަތް ކުރާ ތަންތަނަށް ކުޑަ ކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް ގަވައިދެއް ނެރެފި

ފައިބަރު މަސައްކަތް ކުރާ ތަންތަނަކީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ހުންނަ ތަންތަންތޯ ކަށަވަރުކުރުމާ އެކު އެ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް ގަވާއިދެއް ނެރެފި އެވެ.

ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 ޖެނުއަރީ 2025

ފައިބަރު މަސައްކަތް ކުރާ ތަންތަނަކީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ހުންނަ ތަންތަންތޯ ކަށަވަރުކުރުމާ އެކު އެ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް ގަވާއިދެއް ނެރެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެ ގަވާއިދަކީ ފައިބަރުގެ މަސައްކަތުގައި ބޭނުންކުރާ ނުރައްކާތެރި މާއްދާތަކުން އާއްމުންނާއި ތިމާވެއްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެކުލަވާލި ގަވާއިދެކެވެ.

ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ވެސް ހިމެނޭ އެ ގަވާއިދުގައި ވަނީ އުސޫލުތަކާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުުވައި ފިޔަވަޅު އަޅާނެ ހާލަތްތައް ވެސް ބަޔާންކޮށްފަ އެވެ.

މި ގަވާއިދަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޯތިތައް ނުވަތަ ބަނދަރު ފަދަ ފައިބަރުގެ މަސައްކަތްކުރަން ކަނޑައަޅާފައި ނުވާ ސަރަަހައްދުތަކުގައި ފައިބަރުގެ މަސައްކަތް ކުރާ ނަމަ އަމަލުކުރަންޖެހޭ މިންގަނޑެކެވެ.

އެ ގަވާއިދުގައި ބުނީ އެފަދަ ސަރަހައްދެއްގައި މަސައްކަތްކުރަން ވާނީ އެޗްޕީއޭގެ ހެލްތު އެންޑް ސޭޕްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ކައުންސިލުގެ ހުއްދަ ލިބިގެން ކަމަށެވެ.

ގަވާއިދުގައި ބުނި ގޮތުގައި ފައިބަރުގެ މަސައްކަތްކުރާ ތަންތަން ފަރުމާކޮށްފައި ހުންނަން ވާނީ އެ ތަނުގައި ފައިބަރުގެ މަސައްކަތް ރައްކާތެރިކަމާ އެކު ކުރެވޭ ގޮތަށެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށެވެ.

ގަވާއިދުގައިވާ ގޮތުން ފައިބަރު ބޭނުންކުރުމަށް ފަހު ނައްތާލެވޭ ފައިބަރު ޝީޓާއި ފައިބަރު ކުނޑި އާއި ތަނުގައި ބޭނުންކުރާ އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ކުނި މެނޭޖްކުރުމުގެ ގަވައިދުތަކާ އެއްގޮތަށް ރައްކާތެރިކަމާ އެކު ނައްތާލުމުގެ އިންތިޒާމު ވެސް ހަމަޖައްސަންޖެހެ އެވެ.

ތަނުގައި އުފެދޭ ފައިބަރު ކުނޑި އާއި އެ ނޫން ވެސް ތަކެތި ރައްކާތެރިކަަމާ އެކު ނައްތާލުމަކީ އެ ތަނެއްގެ ވެރި ފަރާތެއްގެ ޒިންމާއެއް ކަމަށް ގަވާއިދުގައިވެ އެވެ.

ފައިބަރު މަސައްކަތްކުރާ ތަންތަނުގައި މަސއްކަތްކުރާ މުވައްޒަފުންގެ ސަފުތާހިރުވުމަށް ރައްކާތެރި ގޮތުގައި އަތްދޮވުމާއި ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުރުމާއި ފައިބަރު ބޭނުންކުރާ ތަންތަނުގައި ހެދުން ބަދަލުކުރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ. އަދި އެތަންތަނުގައި ވެންޓިލޭޝަން ސިސްޓަމު ގާއިމުކޮށްފައި ހުރުމާއި ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް ހުންނަން ޖެހެ އެވެ.

މިވަގުތު އެ މިންގަނޑުތައް ނެތް ނަމަވެސް ސިއްހީ ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް 6 މަސް ދުވަހުގެ މުއްދަތެއް ގަވާއިދުގައި ދެ އެވެ.

ފައިބަރުގެ މަސައްކަތްކުރާއިރު ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުންކުރަންޖެހޭއިރު އެ މީހުން އެ ބޭނުންކުރޭތޯ ބެލުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ. އަދި މިފަދަ ތަންތަނުގައި ދުންފަތުގެ އިސްއުމާލުކުރުމާއި ކައިބޮއި ހެދުމާއި ކާތަކެތި ރައްކާކުރުމަކީ ވެސް މަނާ ކަމެކެވެ.

ހަރުކޮށްފައި ހުންނަންޖެހޭ ބޯޑުތައް:

- ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑު

- ކެއިންބުއިން މަނާކަން އަންގައިދޭ ބޯޑު

- ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ގުޅާނެ ނަމްބަރު

- ފަޔާ އެގްޒިޓް އަންގައިދޭ ބޯޑު

- ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާ ބޯޑު

- ފައިބަރު މަސައްކަތް ކުރާ ތަންތަނަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަކަށްކަން އަންގައިދޭ ބޯޑު

- ފައިބަރާއި ކެމިކަލް ގެންގުޅޭ ނުރައްކާތެރި ސަރަހައްދެއްކަން އަންގައިދޭ ބޯޑު

ފައިބަރު މަސައްކަތްކުރާ ތަންތަން ބަންދުކުރުމާއި އަލުން ހުޅުވުމުގެ ހުއްދަ ވެސް އެ ގަވާއިދުގެ ދަށުން އެޗްޕީއޭ އަށް ލިބިގެންވެ އެވެ.

މިސާލަކަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސިއްހަތަށް ނުވަތަ ވަށައިގެންވާ ވެއްޓާއި ދިރުންތަކަށް ނުރައްކާތެރިވެދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް އެ އެޖެންސީއަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅޭނެ ކަމަށް ބުންޏެވެ.

އެ އުސޫލުގައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެ ނަމަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި އޮވެ އެވެ.