Roadha Mihaaru

ކީރިތި ގުރުއާން އެންދުމުގައި ބައިވެރިވި މީހާ ކުށްވެރިވާ ކަމަށް ސްވިޑަންގެ ކޯޓަކުން ހުކުމްކޮށްފި

ސްވިޑަންގައި 2023 ވަނަ އަހަރު ކީރިތި ގުރުއާން އެންދި ދެ މީހުންގެ ތެރެއިން އެކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވާއިރު އޭނާއާ އެކު ދެން ބައިވެރިވި މީހާ ކުށްވެރިވާ ކަމަށް ސްވިޑަންގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ގުރުއާން އެންދި މީހާ ކުށްވެރިވާ ކަމަށް ހުކުމްކޮށްފި

ސްވިޑަންގައި 2023 ވަނަ އަހަރު ކީރިތި ގުރުއާން އެންދި ދެ މީހުންގެ ތެރެއިން އެކެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވާއިރު އޭނާއާ އެކު ދެން ބައިވެރިވި މީހާ ކުށްވެރިވާ ކަމަށް ސްވިޑަންގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

އިސްލާމް ދީނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން އެކި އެއްޗެހި ގޮވަމުން ގުރުއާން އެންދީ އިރާގުން ސްވިޑަންއަށް ރެފިއުޖީއެއްގެ ގޮތުގައި ގޮސް އުޅުނު ކްރިސްޓިއަނެއް ކަމަށްވާ ސަލްވާ މުމީކާ، 38، އާއި ސަލްވާން ނަޖީމް، 50، އެވެ. މި އަމަލު ތަކުރާރުކޮށް ހިންގި މި ދެ މީހުންގެ ތެރެއިން މުމީކާ ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބަޑިޖަހައި މަރާލައިފަ އެވެ.

މުމީކާގެ ބައިވެރިޔާ ނަޖީމް ކުށްވެރިވާ ކަމަށް ހުކުމްކޮށްފައި ވާއިރު މުމީކާ މަރާލީ އޭނާގެ މައްޗަށް ހުކުމް ކުރަން އެއް ދުވަހަށް ވެފައި އޮއްވަ އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާގައި ހަގީގީ އަދި ބިނާކުރުވަނިވި ބަހުސެއްގައި ދީނަކަށް ފާޑުކިޔަން ވެސް ފުރުސަތު ވަރަށް ބޮޑު،" ސްޓޮކްހޯމްގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ގޯރަން ލުންޑާލް ވިދާޅުވި އެވެ.

"ހަމަ އެއާ އެކު، ދީނާ ބެހޭ ގޮތުން މީހެއްގެ ހިޔާލު ފާޅުކުރުމަށް އޮންނަ މިނިވަންކަމަކީ އެ ދީނެއްގެ އަގީދާ ގަބޫލުކޮށްގެން ތިބި މީހުންގެ މެދުގައި ރުޅިވެރިކަން ނުއުފެދޭނެ ކަމަށް ބަލައި، ހިތަށް އެރިހާ ކަމެއް ކޮށް، ހިތަށް އެރިހާ އެއްޗެއް ބުނުމަށް އޮންނަ ފާހެއް ނޫން."

"މިއީ އިސްލާމް ދީނަށް ފާޑުކިޔުމަކީ މަގުސަދުގައި ކުރި ކަމަކަށް ވިޔަސް، ހަގީގީ ބަހުސަކާއި ފާޑުކިޔުމުގެ. އިމުން ބޭރުވެފައިވާކަން ސާފުކޮށް އެނގޭ. މި އަމަލުތައް ހިންގި ކޮންމެ ފަހަރަކު ވެސް މުސްލިމުންނަށް އިހާނެތިކަން ރައްދުވާ ކަންކަން ކޮށްފައިވޭ،" ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ، ނަޖީމްގެ މައްޗަށް އުފުލި، ވަކި ނަސްލެއް ނުވަތަ ގައުމެއްގެ ބަޔަކާ މެދު ނަފްރަތު އުފެއްދުމުގެ ހަތަރު ދައުވާ ވެސް ސާބިތުވާ ކަމަށް ހުކުމްކުރީ އެވެ.

އެކަމަކު އޭނާގެ ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފަ އެވެ. ސްވިޑަންގައި އޮންނަ ގޮތުން މިގޮތަށް ހުކުމް ކޮށްފި ނަމަ ދެ އަހަރު ތެރޭ އެއްވެސް ކުށެއް ކޮށްފި ނަމަ، އަދަބު ކަނޑައަޅާނެ އެވެ.

މީގެ އިތުރުން 4،000 ކްރޮނޯ (358 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ނަޖީމަށް ހުކުމްކޮށްފައި ވާއިރު އޭނާގެ ބައިވެރިޔާ މަރާލި މައްސަލައިގައި ތުހުމަތުވާ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.