Roadha Mihaaru

ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!

މިދިޔަ އަހަރު ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުން 30 ބިލެއް ފާސްކޮށްފައިވާ ކަމަށާއި މިއަހަރު ވެސް ސަރުކާރުގެ ފަރާތުން މުހިންމު ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

06 ފެބުރުއަރީ 2025

މިދިޔަ އަހަރު ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންގެ މަޖިލީހުން 30 ބިލެއް ފާސްކޮށްފައިވާ ކަމަށާއި މިއަހަރު ވެސް ސަރުކާރުގެ ފަރާތުން މުހިންމު ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް މަޖިލިސް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން 35 ބިލެއް މަޖިލީހަށް ހުށަހެޅުނު ކަމަށެވެ. އެއީ މުޅިން އަލަށް ހުށަހެޅުނު އަށް ބިލަކާއި 21 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުނު ބިލެވެ.

ފާސްކުރި އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ، ބޭރުގެ ސިފައިން ދާއިމީކޮށް ތިބުން ހުއްޓުވުމަށްޓަކައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދިވެހިރާއްޖޭގެ ސަރަހައްދަށް އުނި އިތުރެއް އަންނާނެ ކަމެއް ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.

ހަމައެއާ އެކު އިންތިހާބުވި ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ވެސް މުހިންމު އިސްލާހެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

"މި އިސްލާހުތަކުގެ ތެރޭގައި އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކަފާލާތުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގާއިމް ކުރުމަށް ގާނުނަށް ގެނެވުނު އިސްލާހުތަކާއި އޮންލައިން ފްރޯޑްގެ މައްސަލަތަކާއި ސައިބާ ވަޔަލަންސް މައްސަލަތައް ހުއްޓުވުމަށްޓަކާ ގާނޫނަށް ގެނެވުނު އިސްލާހުތައް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.

މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅަން ގަސްދު ކުރާ އެންމެ މުހިންމު ބިލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކުގައި ބާއްވާ ގޮތަށް ބަދަލުކުރަން ގެންނަ އިސްލާހުގެ ބިލެވެ.

އެ ބަދަލާއެކު، ނޮވެންބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ވެސް މި ދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މީގެކުރިން ވިދާޅުވެފައިވާ ގޮތުން ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާން ޖެހޭ ކަންކަމަށް އެކުލަވާ ގާނޫނީ އޮނިގަނޑުގެ ގާއިމްކުރުމަށް ގެންނަ އިސްލާހުގެ މަސައްކަތާ ގުޅޭ ބިލު މި އަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅާނެ އެވެ.

މިއަހަރު ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އިތުރު ބިލުތައް:

- ރައްޔިތުންގެ މަޖިލީޙުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިސްލާހުކުރުން

- ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅާ އިސްލާހު

- ކޮރަޕްޝަން ހުއްޓުވުމަށް އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހު

- ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކާ އެސެޓް ރިކަވަރީއާބެހޭ ބިލެއް

- ބޯހިޔާވަހިކަމުގެ ބިލް

- މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު

ރިޔާސީ ބަޔާން ނިންމާލައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދެމި އޮންނާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ، ނަތީޖާ ނެރެދިނުމުގައި ކަމަށެވެ.

"ރައްޔިތުންގެ ގާތަށްގޮސް، ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، މަސްއޫލިއްޔަތު. މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވައުދުވެ ވަޑައިގަތް ކަންކަން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ތަންފީޒުކޮށް، ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.