Roadha Mihaaru

ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ

ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހާއި އަންނަ މަހު އަލުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

06 ފެބުރުއަރީ 2025

ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހާއި އަންނަ މަހު އަލުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ އެ މަނިިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ގިނަ މަޝްރޫއުތަކެއް ހުރީ ހުއްޓިފައި ކަމަށެވެ. އޭގެ ތެރޭގައި، 2023 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެއްވެސް ބަޖެޓެއް، ޕްލޭނެއް ނެތި ކޮންޓްރެކްޓުކޮށް އެއްގޮތަކަށް ވެސް މަސައްކަތް ނުފެށި ހުރި މަޝްރޫއުތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.

އެހެންވެ، މިހާރު ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުމާ އެކު، މަސައްކަތް ފަށައި ކުރިއަށް ނުގޮސް ހުރި މަޝްރޫއުތައް ވެސް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށްތަކުގައި ކުރިއަށް ނުގެންދެވި ހުއްޓިފައިވާ، ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ސްކޫލް އިންފްރާސްޓަރަކްޗާގެ މަޝްރޫއުތަކާއި ހެލްތު ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި މަހާއި އަންނަ މަހުގެ ތެރޭގައި އަލުން ފަށާނެ އެވެ.

ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

"ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި އަލަށް ފަށާ މަޝްރޫއުތަކާ އެކު ޖުމްލަ 1،043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

ބައެއް މަޝްރޫއުތަކުގެ ތަފުސީލު

• ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުތައް 57 ރަށެއްގައި ކުރިއަށް ގެންދިއުން.

• ސަޕްލައި ފެނުގެ ހިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ހިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުން.

• 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް އެބަދޭ، އަދި މި އަހަރު އިތުރުން 10 ރަށެއްގައި ބަނދަރުގެ މަޝްރޫއު ފަށާނެ.