ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށަހެޅުމަކީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
24 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށަހެޅުމަކީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދަނިކޮށް، ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ބިލްގައިވާ ގޮތުން އެ ބިލް ހުށަހެޅުއްވީ އެ މެމްބަރުގެ އަމިއްލަ ބިލެއްގެ ގޮތުގަ އެވެ.
މިއީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބުނެ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ކުއްލި މައްސަލަ ބަލައިނުގަނެވޭނެ ކަން އިއުލާނު ކުރައްވައި، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅިގެން ހިނގާނެ ބަހުސްއާ ގުޅޭ މައްސަލައަކަށްވާތީ، ކުއްލި މައްސަލައެއްގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ.
އެހެންކަމުން އެ ކުއްލި މައްސަލަ ބަލައިގަނެވެން އަދި ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީކާއިލްގެ ކުއްލި މައްސަލާގައިވާ ގޮތުން ގާނޫނު އަސާސީއާ ގުޅޭ ހައްސާސް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތަށް ހުށަހެޅި ބިލަކީ އެ ކޯޓުގެ ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެވޭ ކަމެއް ކަމަށެވެ.
"މި ބިލު މަޖިލީހުން ފާސްވެގެން ގޮސްފިނަމަ، ގާނޫނު އަސާސީން އެކަށައަޅާފައި އޮތް ތިން ބާރު ވަކިވުމުގެ ނިޒާމު ރޫޅި، ގާނޫނު އަސާސީ އެކަށައަޅާފައިވާ އެންމެހާ ހަމަތަކަށް ބުރޫއަރާ، މުޅި ދައުލަތުގެ އެންމެހާ ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެން ދާނެ،" ކުއްލި މައްސަލާގައިވެ އެވެ.
ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލާ ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ފާސްކުރާ ގާނޫނު ވެގެން ދާނީ ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރެވޭ ގާނޫނަކަށް ކަމަށްވެސް ކުއްލި މައްސަލައިގައިވެ އެވެ.
ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.
ގާނޫނުއަސާސީގެ ދަށުން، ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުވަތަ 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ.
ނަމަވެސް, އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ފަހު، އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ކޯޓުން ބަލައިގެންފި
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ހުށަހެޅި މައްސަލަ ބޭރު
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
ބެންޗް ކުޑަކުރުން ގާނޫނުއަސާސީއާ ހިލާފު:ބާ ކައުންސިލް
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
ކުރިން ދެކޮޅަސް އަނާރާ ވޯޓު ދެއްވީ ބިލް ފާސްކުރަން
ބެންޗަށް ބަދަލު ގެންނަ ބިލް މަޖިލީހުން ފާސްކޮށްފި
ފިލްޒާ ލަފާ ދެއްވީ ފަނޑިޔާރުން މަދުކުރާ ބިލާ ދެކޮޅަށް