Roadha Mihaaru

ފްލެޓް ލިސްޓަށް ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒެއް ނުފޯރުވަން: ރައީސް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓު ހެދިއިރު ޒައްރެއްގެ މިންވަރުގެ ނުފޫޒެއް ވެސް ފޯރުވާފައިނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މިއީ ނުފޫޒެއް ނެތް ހަމައެކަނި ހައުސިން ލިސްޓް"
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓު ހެދިއިރު ޒައްރެއްގެ މިންވަރުގެ ނުފޫޒެއް ވެސް ފޯރުވާފައިނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޒުއްދީން ފާލަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތަކަށް ލިބުނު ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި މިއަދު ވެސް މާދަމާ ވެސް ހުންނަވާނީ އެ ވައުދުގެ މަތީގައި ކަމަށެވެ. ނަމަވެސް، ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓުން ބައެއް މީހުން މިހާރު އުނިވެފައިވާ ކަމަށާއި އެކަމުގެ ސަބަބު އޭގެތެރެއިން ކޮންމެ މީހަކަށް ވެސް އެނގެން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދޭނެ ޔަގީންކަމަކީ، އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފަ އެއްވެސް ފަރާތަކުން ނުވާނެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ނުފޫޒެއް ނުފޯރުވާ ހައުސިން ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،" ރައީސް ވިދާޅުވި އެވެ.

ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

ރަސްމީ ފާލަން އާ ޑިޒައިނަކަށް ތަރައްގީކޮށް، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް

އެކި ސަބަބުތަކާ ހެދި ފްލެޓް ލިސްޓަށް ނޭރި ރައްޔިތުންނަށް ވެސް ދޭ ޔަގީންކަމަކީ ރައީސް ވިދާޅުވި ގޮތުގައި ގަސްތުގައި އެއްވެސް މީހަކު އުނިކޮށްފައިވާނެ ކަމެވެ. އަދި މައްސަލައެއް އުޅޭކަމަށް ގަބޫލު ކުރެވޭ ނަމަ ޝަކުވާ ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި މައްސަލައެއް އުޅޭނަމަ، އެކަމެއް ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރަކީ، މީހަކަށް ލިބިފައި އޮތް އެއްޗެއް އަތުލާނެ ސަރުކާރެއް ނޫން ކަމަށާއި އެކަމުގެ ޝައުގެއް ވެސް އޮތް ސަރުކާރެއް ނޫން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީންކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކަންބޮޑުވާކަށް ނުޖެހޭނެ. މި އަހަރު ތެރޭގައި މާލޭގައި އަދި ހުޅުމާލޭގައި އެތައް ހާސް ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް ފަށަން އެ ވަނީ ތައްޔާރުވެފައި. ވިލިމާލޭގައި، ގުޅީފަޅުގައި ވެސް އެތައް ހާސް ޔުނިޓެއްގެ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން ގިރާވަރު ފަޅާއި އުތުރުތިލަފަޅު އަދި ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރިވެރިކަން ހަމަޖެހިގެންދާނެ. އެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އަހަރަށް ކަނޑައެޅި ބަޖެޓްގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ. ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ފައިނޭންސިން ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ. ހައުސިން އަށް ހާއްސަކޮށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ލޯނު ދޫކުރަން ވެސް ބަޖެޓުގައި ވެ އެވެ. ގެދޮރުވެރިކަމުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅީ 1.8 ބިލިއަން ރުފިޔާ އެވެ.