Roadha Mihaaru

ރެއާލް މެޑްރިޑް 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

މިލާން، އިޓަލީ (މޭ 28) - ޕެނަލްޓީ ޖަހައިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑް 5-3 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ތިން އަހަރު ތެރޭ ދެ ފަހަރަށް އަދި ޖުމްލަ 11 ވަނަ ފަހަރަށް ސްޕެއިނުގެ ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

ރެއާލް 11 ވަނަ ފަހަރަށް ޔޫރަޕުގެ ތަށި ހޯދައިފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

29 މެއި 2016

މިލާން، އިޓަލީ (މޭ 28) - ޕެނަލްޓީ ޖަހައިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑް 5-3 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ތިން އަހަރު ތެރޭ ދެ ފަހަރަށް އަދި ޖުމްލަ 11 ވަނަ ފަހަރަށް ސްޕެއިނުގެ ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

ރެއާލް އަތުން ފައިނަލުގައި ތިން އަހަރު ތެރޭ ދެ ވަނަ ފަހަރަށް އެތުލެޓިކޯ ބަލިވިއިރު މިރޭގެ ކާމިޔާބީގެ އެންމެ ހާއްސަ ފަރާތަކީ ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާނެވެ. އޭނާ ވަނީ 2001 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ރެއާލާ އެކު މުބާރާތް ކާމިޔާބުކޮށްފަ އެވެ.ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ލީޑު ނަގައިދީފައިވަނިކޮށް، އެތުލެޓިކޯގެ ޔަނިޗް ކަރަސްކޯ ނަތީޖާ ހަމަހަމަކުރި އިރު ޕެނަލްޓީ ޖަހަން ޖެހުނީ އިތުރު ވަގުތު ދެ ހާފު ކުޅެގެން ވެސް 1-1 ގެ ނަތީޖާ އަށް ބަދަލެއް ނައުމުންނެވެ.

މިލާނުގެ ސެން ސީރޯ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުގައި ރެއާލުން ފުރަތަމަ ހަތަރު ޕެނަލްޓީ ލޫކަސް ވަސްކުއެޒް، މާސެލޯ، ގަރެތު ބޭލް އަދި ސާޖިއޯ ރާމޯސް ކާމިޔާބުކުރި އެވެ. އެތުލެޓިކޯގެ ފުރަތަމަ ތިން ޕެނަލްޓީ އެންޓޮއިން ގްރިޒްމަން އާއި ކެޕްޓަން ގަބީ އާއި ސައުލް ކާމިޔާބުކުރި އެވެ. މައްސަލަ ދިމާވީ، އެތުލެޓިކޯގެ ހަތަރު ވަނަ ޕެނަލްޓީ، ރެއާލުގެ ކުރީގެ ކުޅުންތެރިޔާ ހުއަންފްރަން އަތުން ނާކާމިޔާބުވުމުންނެވެ. އެއާ އެކު ރެއާލުގެ ފަސް ވަނަ ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލައި އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދިނެވެ.

ރެއާލް މެޑްރިޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ރެއާލް މެޑްރިޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ރެފްރީ މާކް ކްލަޓެންބާގްގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ނިންމުންތަކެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި ރެއާލުގެ ކެޕްޓަން ރާމޯސް އެ ޓީމަށް ލީޑު ނަގައިދިނީ 15 ވަނަ މިނެޓުގަ އެވެ. މީގެ ދެ އަހަރު ކުރިން ފައިނަލުގައި އެތުލެޓިކޯ ކޮޅަށް ލަނޑު ޖެހީ ރާމޯސް މި ގޯލް ޖެހީ ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅައެއް ބޭލް ބޮލުން ޖައްސާލުމުން، ގޯލް ކުރިމަތިން، މަޑުމަޑުން ބޯޅަ ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

ރެއާލުގެ ލީޑާ އެކު އެތުލެޓިކޯ އިން މެޗުގެ ކޮންޓްރޯލް ނަގައި ކުޅެން ފެށި އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކުރަން ދެ ވަނަ ހާފުވެ ކުރީކޮޅު ޕެނަލްޓީއެއް ލިބުނު ނަމަވެސް ގްރިޒްމަންގެ ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑި އަށެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ޕެޕޭ އެތުލެޓިކޯގެ ފެނާންޑޯ ޓޮރޭޒް ބިމާހަމަކޮށްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ރެއާލަށް ތަފާތު ބޮޑުކުރަން ރަނުގެ ދެ ފުރުސަތު ލިބުނެވެ. އޭރިއާ ތެރެއިން ކަރިމް ބެންޒެމާ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާނުލެވުނުއިރު އެ ޓީމުގެ އެހެން ހަމަލައެއް އެތުލެޓިކޯގެ ސްޓެފަން ސަވިޗް ގޯލް ރޮނގުމަތިން ވެސް ދިފާއުކުރި އެވެ. އެތުލެޓިކޯ އަށް ބަދަލު ކުޅުންތެރިޔާ ކަރަސްކޯ އެއްވަރުކޮށްދިނީ ހުއަންފްރެން ނެގި ހުރަހަކުންނެވެ.

އެތުލެޓިކޯ މެޑްރިޑުގެ ކަރަސްކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އެތުލެޓިކޯ މެޑްރިޑުގެ ކަރަސްކޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

މެޗަށް ފަހު އެންމެ ބޮޑަށް ރުއީ އެތުލެޓިކޯގެ ޔޫތު ޓީމުން ވިދާލައި ފަހުން އެ ޓީމުގެ ކެޕްޓަންކަންކުރި ފޯވާޑް ޓޮރޭޒް އެވެ. ޗެލްސީއާ އެކު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި ސްޕެއިނާ އެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވީ ނަމަވެސް ޓޮރޭޒް ބުނަމުން އައީ މިރޭގެ މެޗަކީ އޭނާގެ ކެރިއަރުގެ އެންމެ މުހިއްމު އެއް މެޗު ކަމަށެވެ. އޭނާ ކެރިއަރު ފެށި ކްލަބަށް އެނބުރި ދިޔައީ މިދިޔަ އަހަރެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ފައިނަލުގައި ދެ ވަނަ ފަހަރަށް ނާކާމިޔާބުވި އިރު އޭނާ އަށް ވުރެ ގިނައިން މުބާރާތުގެ ފައިނަލުން ނާކާމިޔާބުވެފައިވަނީ ޔުވެންޓަސްގެ ކުރީގެ ކޯޗު މާސެލޯ ލިއްޕީ އެވެ. ޔުވެންޓަސްއާ އެކު އޭނާ އަށް ވަނީ ތިން ފައިނަލުގައި ނާކާމިޔާބުވެފަ އެވެ.

މިރޭގެ މޮޅާ އެކު، ރެއާލް ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ލިސްޓުގައި އިތުރު ހަރުފަތަކަށް އަރައިފަ އެވެ. އެ ޓީމުން 11 ފަހަރު ތަށި ހޯދާފައިވާއިރު ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމު އޭސީ މިލާނަށް ހޯދިފައިވަނީ ހަތް ތަށްޓެވެ. ތިން ވަނައިގައި އޮތީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން މިއުނިކާއި ބާސެލޯނާ އަދި ލިވަޕޫލެވެ.