މެޑްރިޑް (މެއި 11) – ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 4-1 އިން ކުރި ހޯދައި ރެއާލް މެޑްރިޑުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
11 މެއި 2017
މެޑްރިޑް (މެއި 11) – ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 4-1 އިން ކުރި ހޯދައި ރެއާލް މެޑްރިޑުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
ވޭލްސްގެ ކާޑިފް ސްޓޭޑިއަމުގައި އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ރެއާލް މެޑްރިޑުގައި ފައިނަލުގައި ބައްދަލުކުރާނީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ އެވެ. މި ދެ ޓީމު 1998 ގެ ފައިނަލުގައި ވެސް ވާދަކުރިއިރު އެ ފަހަރު 1-0 އިން މޮޅުވެ ތަށި ހޯދި ރެއާލް މެޑްރިޑެވެ. އެ ޓީމުގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާނަކީ އޭރު ޔުވެންޓަސްގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު އޭގެ ފަހުން މެޑްރިޑަށް ބަދަލުވެ 2002 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްދިނެވެ. މިހާރު ޓާގެޓަކީ މިހާރުގެ ފޯމެޓަށް މުބާރާތް ބަދަލުކުރި ފަހުން ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފް ހޯދުމެވެ.
ފުރަތަމަ ލެގުން ރެއާލް މެޑްރިޑް 3-0 އިން މޮޅުވެފައިވާތީ ރޭ މަދުވެގެން ތިން ލަނޑު ޖަހަން އެތުލެޓިކޯ އަށް އޮތީ ޖެހިފަ އެވެ. އެ ޓީމުގެ މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭ ދެ ލަނޑު ޖެހުމުން ރެއާލް މެޑްރިޑް ހާސްކޮށްލި އެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ސައުލް ޖެހިއިރު ދެ ވަނަ ލަނޑު 16 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ އެންޓޮއިން ގްރިޒްމަން އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން 42 ވަނަ މިނެޓުގައި އިސްކޯ ވަނީ ލަނޑު ޖަހައި އެތުލެޓިކޯގެ އުއްމީދަށް ހުރަސް އަޅައިފަ އެވެ. މި ލަނޑާ އެކު އެތުލެޓިކޯ ކުރަން ޖެހޭ މަސައްކަތް އިތުރުވި އެވެ. އެކަމަކު ފަހު ހާފުގައި އެ ޓީމަށް އިތުރު ގޯލްތަކެއް ނުޖެހި އެގްރިގޭޓުން ކުރި ހޯދޭ ގޮތެއް ނުވި އެވެ.
މުބާރާތުގެ ފައިނަލުން އެތުލެޓިކޯ ވަނީ ރެއާލް މެޑްރިޑް އަތުން 2014 އަދި މިދިޔަ އަހަރު ވެސް ބަލިވެފަ އެވެ. އެތުލެޓިކޯ ވެފައިވަނީ ވިދިވިދިގެން އެއް ޓީމުގެ އަތްދަށުވެ ޗެމްޕިއަންސް ލީގުން ހަތަރު ފަހަރު ކެޓި ފުރަތަމަ ޓީމަށެވެ.
ރެއާލުގެ ކޯޗު ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަލުން ދެވުމުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށާއި މިއީ ކުޅުންތެރިންނަށް ހައްގު ކާމިޔާބެއް ކަމަށެވެ.
"ފުރަތަމަ ކޮޅު އުނދަގޫތަކެއްވި ދެ ގޯލް ވަދެގެން. އެކަމަކު ހާސްވާން ނުޖެހުނު. އަހަރެމެންނަށް އެނގޭ ފުރުސަތު ލިބޭނެކަން،" ޒިދާން ބުންޏެވެ.
މި ފަހަރުގެ ފައިނަލާ އެކު ޔުވެންޓަސް އާއި ރެއާލް މެޑްރިޑަށް ވަނީ ޗެމްޕިއަންސް ލީގުގެ ފޯމެޓުގައި އެންމެ ގިނައިން ފައިނަލް ކުޅެގެން އޭސީ މިލާން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ ޖުމްލަ 6 އެކެވެ. މިއީ ރެއާލް މެޑްރިޑުން ޔޫރަޕުގެ ފައިނަލުގައި ކުޅޭ ރެކޯޑް 15 ވަނަ ފަހަރެވެ. ދެ ވަނައިގައި އޮތް މިލާން ވާދަކޮށްފައިވަނީ 11 ފައިނަލުގަ އެވެ.
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
ރެއާލް ބަލިވިއިރު، ޗެމްޕިއަން ބަޔާނަށް ބޮޑު މޮޅެއް
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
ފައިނަލް ޔަގީނެއް ނޫން: ޒިދާން
ރޮނާލްޑޯގެ ހެޓްރިކުން މެޑްރިޑް ފައިނަލާ ގާތަށް
ކުރީގެ މެޗުތަކުން ކުރާނެ ފައިދާއެއް ނެތް: ޒިދާން
ރެއާލް 11 ވަނަ ފަހަރަށް ޔޫރަޕުގެ ތަށި ހޯދައިފި
ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ރެއާލުން ބުނެގެން: ވިނީ
އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް