Roadha Mihaaru

ޣައްޒާ އަލުން އާރާސްތުކުރަން 53 ބިލިއަން ޑޮލަރު އަރަބި ލީގުން ހޭދަކުރަނީ

ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން، ޣައްޒާއަށް އަލުން އާރާސްތު ކުރުމަށް 53 ބިލިއަން ޑޮލަރު ހޭދަކުރަން އަރަބި ލީގުން ނިންމައިފި އެވެ.

ޣައްޒާ އާރާސްތުކުރަން 53 ބިލިއަން ޑޮލަރު ހޭދަކުރަނީ

ފަލަސްތީނުގެ ޣައްޒާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ ގުޅިގެން، ޣައްޒާއަށް އަލުން އާރާސްތު ކުރުމަށް 53 ބިލިއަން ޑޮލަރު ހޭދަކުރަން އަރަބި ލީގުން ނިންމައިފި އެވެ.

އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެންދިއުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް މެދު އިރުމަތީގެ ގިނަ ގައުމުތަކުން ދެކޮޅު ހަދާފައި ވަނިކޮށް އިއްޔެ ބޭއްވި އަރަބި ލީގުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ޣައްޒާ އަލުން އާރާސްތު ކުރުމަށްޓަކައި ތިން މަރުހަލާއަކަށް ބަހާލައިގެން 53 ބިލިއަން ޑޮލަރު ހަރަދު ކުރުމަށެވެ.

މިސްރުން ހުށަހެޅި އެ ހުށަހެޅުން ފާސްކުރުމަށްފަހު އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ތަނަކަށް ފޮނުވާލުމަށް ނުވަތަ ބަދަލުކުރަން ކުރާ އެއްވެސް ކަމަކަށް އަރަބި ލީގުން ތާއީދު ނުކުރާނެ ކަމަށެވެ.

އަރަބި ލީގުގައި މަޝްވަރާކުރި ކަންކަމުގެ ތެރޭގައި ޣައްޒާގެ ވެރިކަން ހަމާސް އަތުން އަތުލުމަށްފަހު ފަތުހު ޖަމާއަތުގެ ސަރުކާރުގެ ދަށުން ހާއްސަ ކޮމެޓީއަކާ ހަވާލު ކުރުން ވެސް ހިމެނެ އެވެ. ނަމަވެސް ހަމާސްގެ ބާރު އެއްކޮށް ނައްތާލުމާ މެދު އަރަބި ބައެއް ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.

އޮކްޓޫބަރު، 2023 ގައި ހަމާސްއިން އިޒްރޭލަށް ދޭން ފެށި ކުއްލި ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގެ އެތައް ހާސް ބަޔަކު މަރުވެ އަދި 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.