Roadha Mihaaru

ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިވަޑައިގަތަސް، އެކަން ނުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

09 މާޗް 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާގެ ފަރާތުން އެދިވަޑައިގަތަސް، އެކަން ނުކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާ މާދަމާ އެ ކޮމިޝަނަށް ހާޒިރު ކުރާއިރު، އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުގައި ފަނޑިޔާރުގެ ފަރާތުން މިއަދު އެދުނެވެ. ނަމަވެސް، ކޮމިޝަނުން ނިންމާފައިވަނީ އަޑުއެހުން އާންމުކޮށް ހުޅުވައިނުލާށެވެ.

މީގެކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުންދެ އެވެ. އެއް މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މާދަމާ އޭނާ ޖޭއެސްސީއަށް ހާޒިރު ކުރަނީ އެ މައްސަލައާ ގުޅިގެންނެވެ.

ދެވަނަ މައްސަލައަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި މައްސަލަ އެވެ.

ފަނޑިޔާރު އަޒްމިރަލްދާއާ އެކު މި ދެ މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތު ކުރެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރާއިރު، އެ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ފަނޑިޔާރު މަހާޒު މިއަދު ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ. މަހާޒުގެ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.

މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރި ވެސް ނުވާ ކަން ބުނެދެއްވާފައި ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައިނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވެސް ވިދާޅުވެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް، ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.