ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގައި ކުރާ ތުހުމަތުތަކަށް މަހާޒް އިންކާރު ކުރައްވައިފި އެވެ.
09 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގައި ކުރާ ތުހުމަތުތަކަށް މަހާޒް އިންކާރު ކުރައްވައިފި އެވެ.
ފަނޑިޔާރު މަހާޒަށް ތުހުމަތު ކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމަށެވެ.
ސުލޫކީ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް މިއަދު ޖޭއެސްސީއަށް ފަނޑިޔާރާ އެކު ހާޒިރުވެ ވަޑައިގަތް، އޭނާގެ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް އަދި ހަގީގަތެއް ނެތް ވާހަކަތަކެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރި ވެސް ނުވާ ކަން ސާފުކޮށްދެއްވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައިނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުންގެ މައްސަލައެއް އުޅޭކަން ވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނު 11:30 ހާއިރު. އޭރު ކްރިމިނަލް ކޯޓުން ވަނީ ޑރ، އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމާފައި. އެހެންކަމުން އެކަމާ ގުޅިގެން ގާޒީއަކަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ވެސް ނެތް. އެކަންކަން ކޮމިޓީގެ މެންބަރުންނަަށް ވެސް މިހާރު ކޮންވިންސް ވާނެ،" ވަކީލް ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އޭނާގެ ވަކީލް ފައިސަލްއާ އެކު މިއަދު ޖޭއެސްސީއަށް ވަދެވަޑައިގަންނަވަނީ: ސުލޫކީ މައްސަލާގައި ކޮށްފައިވާ ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ވަކީލް ވިދާޅުވި ގޮތުގައި އެ މައްސަލައަކީ ހަގީގަތާ ހިލާފު ތުހުމަތުތަކާ އެކު، ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލާގައި ޖޭއެސްސީން ތައްޔާރުކުރާ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވާން ފަނޑިޔާރު މަހާޒަށް އަދި އިތުރު ފުރުސަތެއް ލިބިވަޑައިގަންނަވާނެ އެވެ.
ދަށު ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ. އޭނާ ވަނީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދިވަޑައިގެންފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ބަލަމުންދާއިރު ދަށު ކޯޓުގެ ބައެއް ގާޒީން ހާޒިރުކޮށް އެ ކޮމިޝަނުން ވަނީ ބަޔާން ވެސް ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
މި މައްސަލާގެ އިތުރުން ޖޭއެސްސީން ގެންދަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ. ނަމަވެސް، އެކަން އަދި ފަނޑިޔާރުންނަށް އަންގާފައެއް ނުވެ އެވެ. މި މައްސަލަ ބަލަމުންދަނިކޮށް ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ބަޔާން ނަގަނީ
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ސުއޫދު، އަޒްމިރަލްދާ، މަހާޒު ސަސްޕެންޑުކޮށްފި
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
މަހާޒްގެ ބަސް: ފަރިއްކޮޅު ބޭއްވީ އަމިއްލަ ޚަރަދުގައި
އިސްތިއުނާފް މަޖިލީހަށް ފަނޑިޔާރު މަހާޒް އައްޔަންކޮށްފި