Roadha Mihaaru

އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަން ފާސްކޮށްފި

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.43ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

09 މާޗް 2025

މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.43ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 60 މީހުންނާއި 11 ޕްރޮކްސީ ހޯލްޑަރުން މިރޭގެ ޖަލްސާގައި ބައިވެރިވި އިރު ހިއްސާގެ ފައިދާ ބަހަން ފާސްވީ ހިއްސާދާރުންގެ 99 ޕަސެންޓުގެ ވޯޓުންނެވެ.

އުރީދޫން މި ފަހަރު ބަހަން ނިންމީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 16 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2023 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 3.27ރ. އެވެ.

މިރޭގެ ޖަލްސާގައި ވަނީ އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ފާސްކޮށްފަ އެވެ. އެ ކުންފުނިން ވަނީ މި އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 904،514ރ. ދިނުމަށް ކަނޑައަޅައިފަ އެވެ.

އުރީދުއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 684 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 685 މިލިއަން ރުފިޔާ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2،203 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު 2097 މިލިއަން ރުފިޔާއަށް ވުރެ 5 ޕަސެންޓު އިތުރުވުމެކެވެ.

މިރޭގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިދިޔަ އަހަރަކީ އެ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި އެންމެ މުހިންމު އެއް މަސައްކަތަކީ 5ޖީ ހިދުމަތް ފުޅާކޮށް ރާއްޖޭގެ 60 ޕަސެންޓަށް އެ ހިދުމަތް ދިނުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާމިޔާބު ގިނަ ޕްރޮމޯޝަންތަކެއް ވެސް ކުރިއަށް ގެންދެވުނު ކަމަށެވެ. މި އަހަރަކީ އުރީދޫން 20 ވަނަ އަހަރު ފާހަގަކުރާ އަހަރަށް ވުމުން މިދިޔަ އަހަރަށް ވުރެ ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެ ކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ ބޮޑުކުރަމުންނެވެ. އަދި އެކުންފުންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ވެސް ދެމުން އަންނަ ކުންފުންޏެކެވެ.