ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުވެ ބަޔާން ދެއްވާފައިވާއިރު، ފަނޑިޔާރުގެ ވަކީލަށް ޖަވާބުދާރީވާން އެ ކޮމިޝަނުން ފުރުސަތު ނުދިން ކަމަށް ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވެއްކެ އެވެ.
11 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުވެ ބަޔާން ދެއްވާފައިވާއިރު، ފަނޑިޔާރުގެ ވަކީލަށް ޖަވާބުދާރީވާން އެ ކޮމިޝަނުން ފުރުސަތު ނުދިން ކަމަށް ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވެއްކެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ދެއްވި ބަޔާނާ ގުޅޭ ގޮތުން ވަކީލް ޝަމީލް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އޭނާ އަށް ވާހަކަ ދައްކަވަން ޖޭއެސްސީން ފުރުސަތު ނުދިން ކަމަށެވެ. ވަކީލް ވިދާޅުވީ ކޮމިޓީން އެންގީ ސުވާލުތަކަށް ފަނޑިޔާރު އަމިއްލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށާއި ގާނޫނީ ނުކުތާތަކެއް ފާހަގަކުރަން ހުރުމުން އެކަމަށް ތަކުރާރުކޮށް ވަކީލް އެދުމުން ވެސް އެ ފުރުސަތު ދީފައި ނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ވަކީލެއްގެ ފުރުސަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު، އެ ފުރުސަތު ނުދީ ޖޭއެސްސީން ތަހުގީގު ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އެހެން މީހެއް މެދުވެރިކޮށް މެސެޖެއް ޕާސްކުރެއްވި ކަމަށް ވެސް ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލްގެ ބަޔާނުގައި ވިދާޅުވި އެވެ.
އެ މެސެޖުގައި ސުޕްރީމް ކޯޓަށް އަތްބާނަން ބޭނުން ނުވާ ކަމަށާއި އެ ވާހަކަތައް ބަޔާން ކުރުމަށް ފަހު، ދެން ދެއްކެވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ ދުސްތޫރީ މައްސަލައާ ގުޅޭ ވާހަކަތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ. ދުސްތޫރީ މައްސަލާގައި ދައުވާ ރައްދު ވަނީ ދައުލަތުގެ މައްޗަށެވެ.
އަދި މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
ސުލޫކީ މައްސަލާގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އެ މައްސަލައާ ގުޅިގެން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކައެއް ދައްކާފައިނުވާނެ ކަމަށެވެ.
"...ޑރ. އިސްމާއިލް ހުއްޓުވުމަށް ފަހު އެތަނުން ދޫކޮށްލުމަށް އެ ތަނަށް ހާޒިރުވި ފުލުހުންގެ އައިއޯ ނިންމައި ދޫކޮށްލަން އުޅެނިކޮށް އައިއޯ އިސް އޮފިސަރުންނަށް ގުޅުމުން ދިގު ފޯނު ކޯލްއަކަށް ފަހު ހައްޔަރުކުރުމަށް ނިންމީ ކަމަށާއި މި ހުރިހާ ކަމަކީ ރޭވިގެން ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގޮތެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވި،" ޝަމީލް ވިދާޅުވި އެވެ.
ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުންދާއިރު ކޯޓު އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖޭއެސްސީން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ޑރ. އިސްމާއިލްގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އެ ދުވަހު ހެނދުނު 10:55 ގައި ނެރުނު އަމުރު "މިހާރު" އަށް ވެސް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ ބަލައި ފާސްކުރި ތަނުގައި ޑރ. އިސްމާއިލް ހުރި ކަމުގައިވީ ނަމަވެސް، ތުހުމަތުކުރާ ކުށާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށެވެ.
އެެހެންވެ، އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވާތީ ބަންދު ނުކުރަން ގާޒީ ނިންމެވި އެވެ. ކްރިމިނަލް ކޯޓުން ބަންދު އަމުރުތައް އާންމު ގޮތެއްގައި އާންމުކުރި ނަމަވެސް، މި އަމުރު ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮތް ނަމަވެސް އަވަސް ގޮތަކަށް ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
"އަޒްމިރަލްދާއަށް ތަހުގީގުގައި ހުރިހާ ހައްގުތައް ދިން"
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް އަންގައިފި
އިސްމާއިލް ދޫކޮށްލީ ކުށެއްގެ ތުހުމަތެއް ނެތުމުން
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް ޗިޓެއް ނުފޮނުވާ
ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
ޖޭއެސްސީގެ އަޑުއެހުން ހުޅުވާލަން އަޒްމިރަލްދާ އެދިއްޖެ