ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށްފި އެވެ.
11 މާޗް 2025
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށްފި އެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ. އޭނާ ވަޑައިގަތީ ވަކީލް އިބްރާހިމް ޝަމީލްއާ އެކު އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ. އެ މައްސަލައިގައި ހާޒިރުވާން އެއްވެސް ފަނޑިޔާރަކަށް އަދި ނާންގަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައި ވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
މަހާޒް ޖޭއެސްސީއަށް ހާޒިރުކުރުމުން އޭނާ ވަނީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރިކަން އެނގިވަޑައިގަތްއިރު ވެސް ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފަ އެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވި ކަމަށް މަހާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
"ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލަށް ފުރުސަތު ނުދޭ"
ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި
ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ބަޔާން ނަގަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ސުއޫދު، އަޒްމިރަލްދާ، މަހާޒު ސަސްޕެންޑުކޮށްފި
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!