Roadha Mihaaru

އިންޑިއާގެ ސައްދާމް ހުސައިނަށް ވަޒީފާއެއް ނުލިބިފައި

އިރާގުގެ ވެރިކަމުން ސައްދާމް ހުސައިން ދުރުކޮށް އޭނާ ހައްޔަރުކުރުމަށް ފަހު ދަންޖައްސައި އަވަހާރަކޮށްލިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސައްދާމް ދުނިޔޭގައި ނެތަސް އޭނާގެ ނަމަކީ ވެސް ބާރު ހުރި އެއްޗެއްކަން އިންޑިއާ މީހަކު އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ތަޖުރިބާކުރަމުންނެވެ.

އިންޑިއާގެ ސައްދާމް ހުސައިނަށް ވަޒީފާއެއް ނުލިބިފައި
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

20 މާޗް 2017

އިރާގުގެ ވެރިކަމުން ސައްދާމް ހުސައިން ދުރުކޮށް އޭނާ ހައްޔަރުކުރުމަށް ފަހު ދަންޖައްސައި އަވަހާރަކޮށްލިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ސައްދާމް ދުނިޔޭގައި ނެތަސް އޭނާގެ ނަމަކީ ވެސް ބާރު ހުރި އެއްޗެއްކަން އިންޑިއާ މީހަކު އެހެން އެއްވެސް މީހަކަށް ވުރެ ބޮޑަށް ތަޖުރިބާކުރަމުންނެވެ.

އެއީ ވެސް ސައްދާމް ހުސައިނެކެވެ. އުމުރުން 25 އަހަރުގެ މެރިން އިންޖިނިއަރެކެވެ. އޭނާ މިހާތަނަށް ސާޅީހަކަށް ވަޒީފާއަށް ކުރިމަތިލައިގެން ވެސް ވަޒީފާ ނުލިބި ހުރީ އޭނާގެ ނަމުގެ ސަބަބުންނެވެ. އެކަމަކު މިއީ އޭނާއަށް ނަން ދިން ކާފަގެ މައްސަލައެއް ނޫން ކަމަށް ސައްދާމް ބުނެ އެވެ.

ނަމަށް ވުރެ ވަޒީފާގެ މުހިންމުކަން ބޮޑުކަމުން އިންޑިއާގެ މި ސައްދާމް ވަނީ އޭނާގެ ނަން ބަދަލުކުރަން ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އިންޑިއާގައި ކަންތައްތައް ހަމަޖެހިފައި ހުންނަ އުނދަގޫ ނިޒާމުގެ ތެރެއިން އެކަން އަވަހަށް ހިނގާ ގޮތެއް ނުވެ އެވެ. ސައްދާމްގެ ނަން ސާޖިދަށް ބަދަލުކުރަން ހުށަހެޅުމަށް ފަހު އެކަން ކުރިއަށް ނުދާނީ ސައްދާމް އަނެއްކާވެސް އުޅެނީ ވަޒީފާއެއް ލިބޭތޯ އެވެ.

ޓެމިނަލް ނާޑޫގެ ނޫރުލް އިސްލާމް ޔުނިވަސިޓީން ސައްދާމް ގްރެޖުއޭޓް ވިތާ ދެ އަހަރު ވެއްޖެ އެވެ. މި ހުރިހާ ދުވަހު އޭނާ ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަނީ ވަޒީފާއެއް ހޯދާށެވެ. އެކަމަކު ނަމުގެ ވަރުގަދަކަމުން، ކޮންމެ ތަނަކުން ވެސް ނަމުގައި އަޅައިގަނެ ވަޒީފާ ދިނުމަށް ޖެހިލުން ވަނީ އެވެ.

ކޮލެޖްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ސައްދާމް ހިންދުސްތާން ޓައިމްސް އަށް ބުނި ގޮތުގައި މީހުން އޭނާއަށް ވަޒީފާ ނުދެނީ އޭނާ ދެކެ ބިރުންނެވެ. ގައުމުން ބޭރަށް ދަތުރެއް ކުރަން ޖެހިއްޖެ ނަމަ އިމިގްރޭޝަނުން މި ސައްދާމަށް މައްސަލަތައް ކުރިމަތި ނުވާނެ ގައުމެއް އޮންނާހެން ހީނުވާ ކަމަށް، ވަޒީފާ ދޭން އިންކާރުކުރާ މީހުން ބުނާ ކަމަށް ސައްދާމް ކިޔައިދީފައިވެ އެވެ.

ޕާސްޕޯޓާއި ޑްރައިވިން ލައިސަންސް ފަދަ ޑޮކިއުމަންޓްތަކުން ނަން ބަދަލުކޮށް އަލުން ހައްދައިގެން ފަސޭހައިން ވަޒީފާއެއް ލިބިދާނެ ކަމަށް ސައްދާމް ގަބޫލުކުރި ނަމަވެސް އޭނާ ވަޒީފާއަށް ހުށަހަޅަންޖެހޭ ތައުލީމީ ސެޓްފިކެޓްތަކާއި އެހެން ބައެއް ލިޔެކިޔުންތަކުން ނަން ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ މިގޮތުން ވެސް ހައްލެއް ފެނިދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އިންޑިއާގެ މި ސައްދާމް ނޫނަސް، އަސްލު ސައްދާމްގެ ގައުމު ކަމަށްވާ އިރާގުގައި ވެސް މި ނަން ކިޔާ މީހުންނަށް ވެސް މައްސަލަތަކާ ކުރިމަތިވެ އެވެ. ސައްދާމް ކިޔާ މީހުންނަކީ ސައްދާމްގެ ޕާޓީ ކަމަށްވާ ބައަސް ޕާޓީގެ މެންބަރުން ނުވަތަ އެ ޕާޓީއަށް ތާއީދުކުރާ މީހުން ކަމަށް ބަލައި ސަރުކާރުގެ ވަޒީފާތަކުން މަހުރޫމު ކުރެ އެވެ.

އިންޑިއާގެ ސައްދާމް މިހާރު ހުރީ އޭނާގެ ނަން ބަދަލުކުރުމާ ބެހޭ ގޮތުން ބާއްވާ ކޯޓުގެ އަޑުއެހުމަށް ތައްޔާރުވެގެންނެވެ. މި އަޑުއެހުން އޮންނާނީ މެއި 5 ގަ އެވެ.