Roadha Mihaaru
ސޯޝަލް މީޑިއާއާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް

02 މެއި 2021

ސިޔާސީ މީހުން ސޯޝަލް ޕްލެޓްފޯމްތަކުގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން އެފަދަ މީސްމީހުންގެ އެކައުންޓްތައް ޓެކް ކުންފުނިތަކުން ބްލޮކްކުރުން ފަދަ ފިޔަވަޅުތައް އަޅާ ނަމަ އެކަމާ ދެކޮޅަށް އަމަލުކުރާނެ ގާނޫނަކަށް އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިޔާސީ މީހުން ސޯޝަލް ޕްލެޓްފޯމްތަކުގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން އެފަދަ މީސްމީހުންގެ އެކައުންޓްތައް ޓެކް ކުންފުނިތަކުން ބްލޮކްކުރުން ފަދަ ފިޔަވަޅުތައް އަޅާ ނަމަ އެކަމާ ދެކޮޅަށް އަމަލުކުރާނެ ގާނޫނަކަށް އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.

ރުހުން ދިން ބިލް މިހާރު އޮތީ ގަވަރުނަރު ރޮން ޑި ސެންޓިސް ތަސްދީގުކުރެއްވުމުގެ މަރުހަލާގަ އެވެ. އޭނާ އަކީ ޓްވިޓާ އާއި ފޭސްބުކާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުން ފިޔަވަޅު އަޅާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވާގިދެއްވާ ބޭފުޅެކެވެ.

ޓްރަމްޕްގެ ޕްލެޓްފޯމްތަކަށް ފިޔަވަޅު އަޅަން މަޖުބޫރުވީ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުން ވެރިކަމުގެ ދެވަނަ ދައުރު ގެއްލިވަޑައިގަތުމުން ޖެނުއަރީ މަހުގެ ކުރީކޮޅު ސަޕޯޓަރުންތަކެއް ލައްވައި ގާނޫނު ހަދާ މަޖިލިސް، ކެޕިޓޮލް ހިންގައި ހަމަނެޖުހުންތައް ހިންގަވަން ހިތްވަރު ދެއްވައި، އިންތިހާބާ ބެހޭ ގޮތުން ވެސް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމުންނެވެ.

ފްލޮރޯޑާ އިން ސޯޝަލް މީޑިއާ ގުޅޭ ގޮތުން ރުހުންދިން ބިލްގައިވާ ގޮތުން ސޯޝަލް މީޑިއާ އެކައުންޓެއް އެންމެ ގިނަވެގެން ވެސް ބްލޮކްކުރެވޭނީ 14 ދުވަސް ނުވަތަ ދެ ހަފުތާއަށެވެ. އަދި އެ އުސޫލާ ހިލާފުވާ ނަމަ އެ ޕްލެޓްފޯމެއް ދުވަހަކަށް 250،000 ޑޮލަރުން ޖޫރިމަނާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ފްލޮރިޑާ އިން ރުހުން ދިން ބިލަށް މިހާރު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.