Roadha Mihaaru
ރައުދާގެ ޕޯސްޓްމޯޓަމް ނުހަދަން އާއިލާއިން އެދޭ: ޕޮލިސް

ރައުދާގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުމެއް ނުވޭ: ޕޮލިސް

31 މާޗް 2017

ބަންގްލާދޭޝްގައި ބުދަ ދުވަހު މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދައި، އޭނާގެ ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން އެދިފައިވާ ކަމަށް އެ ގައުމުގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު އާމިރް ޒަފަރް ވިދާޅުވެއްޖެ އެވެ.

ބަންގްލާދޭޝްގައި ބުދަ ދުވަހު މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދައި، އޭނާގެ ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން އެދިފައިވާ ކަމަށް އެ ގައުމުގެ ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު އާމިރް ޒަފަރް ވިދާޅުވެއްޖެ އެވެ.

ބަންގްލާދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން އައި ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާ އުޅޭ ހޮސްޓެލްގެ ކޮޓަރީގެ ސީލިންގް ފަންކާގައި "ދަންޖެހިފައި" ހުއްޓަ އެވެ. ނަމަވެސް އޭނާ އަމިއްލައަށް މިފަދަ ކަމެއް ކޮށްފާނެ ކަމާ މެދު ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފަ އެވެ.

ތަހުގީހުގެ ފުރަތަމަ ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފުލުހުން ބޭނުންވަނީ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާށެވެ.

ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ފުލުހުންނާ ހަވާލާދީ ބުނީ ރައުދާގެ ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެދިފައިވާ ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމުމަށް ޑާކާގެ ފުލުހުންގެ މައި އިދާރާގައި މިހާރު އެދިފައި ވާނެ ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވި އެވެ.

"ރައުދާގެ މައިންބަފައިން ވެސް ހިމެނޭ ގޮތަށް، އޭނާގެ އާއިލާގެ އިސް މެންބަރުން އެދޭ ނަމަ އެކަމުގައި ފުލުހުންނަށް ގޮތެއް ނިންމިދާނެ،" ޑެޕިއުޓީ ކޮމިޝަނަރު އާމިރް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ކުރިއަރަމުން އައި ޒުވާން އަންހެނަކު، ކަމަކާ ނުލައި ދަންޖެހި މަރުވެދާނެކަމާ މެދު ފުލުހުންނަށް ވެސް ސުވާލު އުފެދޭ ކަމަށް، ރައުދާގެ މަރުގެ މައްސަލަ ބަލަމުން އަންނަ ފުލުހުން ބުނެފައިވެ އެވެ.

ޑެއިލީ ސްޓާއިން ބުނި ގޮތުގައި ރާއްޖެއިން ބަންގްލާދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރާއި ރައުދާގެ މައިންބަފައިން ރައުދާގެ ކޮލެޖަށް ގޮސް ރައުދާގެ އެކުވެރިންނާއި ކޮލެޖްގެ ވެރިންނާއި ފުލުހުންނާ ވެސް ވަނީ ބައްދަލުކޮށް ވާހަކަ ދައްކައިފަ އެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި ރައުދާއާ އެކު އެންމެ ފަހުން ކިޔަވަން އިނީ ކަޝްމީރު އަންހެން ކުއްޖެއް ކަމަށްވާ ސިރާތު ޕަރްވީން އެވެ. އެ ދެ މީހުން އަންގާރަ ދުވަހުގެ ރޭ މެންދަމު 12:30 ގައި ވެސް އެކުގައި ކިޔަވަން ތިބި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ނޫހަށް ވާހަކަ ދައްކަން ސިރާތު އިންކާރުކުރި އެވެ.

އެ ނޫހަށް ވާހަކަ ދެއްކި ރައުދާގެ އެކުވެރިން ބުނެފައިވާ ގޮތުގައި ހުރިހާ ދަރިވަރުން ވެސް ތިބީ ވަރަށް ބޮޑު ޝޮކެއްގަ އެވެ. ރައުދާ އަކީ ވަރަށް އެކުވެރި، މީހުންނާ ގުޅޭ މީހެއްގެ ގޮތުގައި އެކުވެރިން ސިފަކޮށްފައިވެ އެވެ.