Roadha Mihaaru
ރައުދާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާން ހުރި: އާއިލާ

ރައުދާ އަމިއްލަ އަށް މަރުވާން ޖެހޭ ސަބަބެއް ނެތް، ހަށިގަނޑުގައި އަނިޔާގެ ނިޝާން ހުރި: އާއިލާ

02 އެޕްރީލް 2017

ބަންގްލާދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި މޮޑެލް ރައުދާ އާތިފް މަރުވީ "ދަންޖެހިގެން" ކަމަށް އޮޓޮޕްސީ ރިޕޯޓުން ދެއްކިއަސް އެ ރިޕޯޓް ގަބޫލުކުރަން އާއިލާ އިން ދެކޮޅު ހަދައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަންގްލާދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި މޮޑެލް ރައުދާ އާތިފް މަރުވީ "ދަންޖެހިގެން" ކަމަށް އޮޓޮޕްސީ ރިޕޯޓުން ދެއްކިއަސް އެ ރިޕޯޓް ގަބޫލުކުރަން އާއިލާ އިން ދެކޮޅު ހަދައިފި އެވެ.

ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ވެރިޔާ ޕްރޮފެސަރު މަންސޫރު ރަހްމާނާ ހަވާލާދީ ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނި ގޮތުގައި ރައުދާ މަރުވެފައި ވަނީ ދަންޖެހިގެން، އަމިއްލައަށް ކަމަށް އޮޓޮޕްސީން ވަނީ އެނގިފަ އެވެ. އޮޓޮޕްސީ ހެދުމުގައި ބައިވެރިވި ތިން މީހުންގެ ތެރެއިން މީހަކާ ހަވާލާދީ ޑާކާ ޓްރިބިއުން އިން ބުނީ ރައުދާ އަށް ޖިންސީ ގޮތުން އަދި އެހެން ގޮތަކުން ވެސް އަނިޔާއެއް ދީފައި ހުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

މިއީ، ފުލުހުންނާއި ހޮސްޕިޓަލުގެ ނިންމުން ކަމަށް ވިއަސް އާއިލާ އިން ބުނެފައިވާ ގޮތުގައި، އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން އައި ރައުދާ "މަރާލީ" ކަމަށް ޝައްކުވާ ހެކިތައް ހަށިގަނޑުގައި ފެންނަން ހުއްޓެވެ.

ރައުދާގެ ބައްޕަ މުހައްމަދު އާތިފްއާ ހަވާލާދީ، ޑެއިލީ ސްޓާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައުދާގެ ކަރާއި މޫނުމަތިން ފެންނަން ހުރި ނިޝާންތަކުން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އަމިއްލަ އަށް މަރުވަނީ ޑިޕްރެޝަން ތަހައްމަލްކުރާ މީހުން ކަމަށާއި ރައުދާގެއަށް އެކަހަލަ އެއްވެސް ކަމެއް ކުރިމަތިވެފައިނުވާއިރު ރައުދާ އަކީ ވަރަށް އުފާވެރި މީހެއް ކަމަށް އާތިފް ބުންޏެވެ.

މިނިވަން އޮޓޮޕްސީއެއް ހަދަން އާއިލާ އިން ބޭނުންވިއިރު އެ ފުރުސަތު ނުދީ ވަޅުލުމަކީ ވެސް އާއިލާ އިން ބުނެފައިވާ ގޮތުގައި، ޝައްކުތައް އިތުރަށް ބޮޑުވާ ކަމެކެވެ.

ރައުދާ. އޭނާގެ އޮޓޮޕްސީ ހެދުމަށް ފަހު އިއްޔެ ވަނީ ވަޅުލާފައި.

ރައުދާ. އޭނާގެ އޮޓޮޕްސީ ހެދުމަށް ފަހު އިއްޔެ ވަނީ ވަޅުލާފައި.

ރައުދާގެ މަންމަ، އާމިނަތު މުހައްރިމަތުއާ ހަވާލާދީ ޑެއިލީސްޓާގައި ބުނީ ރައުދާ މަރުވެފައި އޮއްވާ ފެނުނު ދުވަހުގެ ރޭ 11:00 ހާއިރު ހޮސްޓެލް އިން ބޭރަށް ނިކުންނަނިކޮށް ދަރިވަރުންތަކަކަށް ފެނިފައިވާ ކަމަށެވެ. ރައުދާ ދިޔައީ ކޮލެޖުގެ ހޮސްޕިޓަލްގެ ޑޮކްޓަރަށް ދައްކަން ކަމަށާއި އޭނާއާ އެކު އިތުރު ދަރިވަރަކު ވެސް ދިޔައިރު، 11:30 ހާއިރު ރައުދާ އެނބުރި ހޮސްޓެލް އަށް ވަން ތަން އެހެން ދަރިވަރަކަށް ފެނިފައިވާ ކަމަށް ވެސް މަންމައާ ހަވާލާދީ އެ ނޫހުގައިވެ އެވެ.

"ކޮލެޖުގެ އިސް ފަރާތްތަކުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދިން ރައުދާގެ ޕްރިސްކްރިޕްޝަން ބަލާކަށް. އަދި އޭނާ އަށް ފަރުވާދިން ޑޮކްޓަރާއި ބައްދަލުކުރާކަށް، އަދި ކޮލެޖުގެ ސެކިއުރިޓީ ގާޑުންނާ ވާހަކަ ދައްކަން ވެސް،" ރައުދާގެ މަންމަ ބުނެފައިވެ އެވެ.

ފަހުން ހުއްދަ ލިބިގެން ސެކިއުރިޓީގާޑާ ވާހަކަ ދެއްކިއިރު ރައުދާ ބޭރަށް ދިޔައީ އެ ރޭ 9:00 ހާއިރު ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

މުހައްރިމަތު ބުނީ ރައުދާ މަރުވެފައި އޮއްވާ ފެނުނު ދުވަހުގެ ކުރީ ރޭ ދަންވަރު 12:40 ހާއިރު ގުޅިއިރު ރައުދާ ހުރީ ފޯނެއްގައި ކަމަށާއި އެހެންވެ އެ ވަގުތު ރައުދާ ހުރީ މީހަކާ ވާހަކަ ދައްކަން ކަމަށް ބެލެވޭ ކަމަށެވެ. އެއާއެކު، ރައުދާ ހަށިގަނޑު ފެނުނީ ކޮޓަރީގެ ދޮރު ހަލާލުކޮށްލައިގެން ދަރިވަރުންތަކެއް ވަދެ ކަމަށް ކޮލެޖުން ބުނާއިރު އެކަހަލަ އެއްވެސް ކަމެއް ކޮށްފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް އާއިލާ އިން ބުނެ އެވެ.

ރައުދާ އާތިފް، އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް

ރައުދާ އާތިފް، އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް

އާއިލާގެ އިތުރުން ރައުދާ ދަންނަ މީހުން ވެސް އަންނަނީ އޭނާގެ މަރާ ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ރައުދާގެ ކޮޓަރި ތެރެ ހުރީ އޭނާ ދަންޖެހިގެން މަރުވި ކަމަށް ދައްކަން ވަރަށް ބޮޑަށް ތަރުތީބުކޮށްފަ އެވެ.

އޭނާ ދަންޖެހިގެން މަރުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ބުނެ ވެސް އެތައް ބަޔަކު ދަނީ ތަފާތު ސަބަބުތައް ދައްކަމުންނެވެ. އެއް ކަމަކީ، ފޭސްބުކްގައި މީހަކު ލިޔެފައިވާ ގޮތުގައި، މަރުވެފައި ހުއްޓާ ފެނުމާ ހަމައަށް ވެސް އޭނާގެ އިންސްޓަގްރާމްގައި ބަރާބަރަށް އާއްމުކުރަމުން ދިޔަ ފޮޓޯތަކެވެ. އެ ފޮޓޯތަކުގައި ރައުދާ އަށް "ބޮޑު ކަމެއް" ނުވަތަ އެއްވެސް ހާސްކަމެއް ދިމާވެގެން އުޅޭ ކަމެއް ދޭހަ ނުވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ރައުދާގެ އާއްމުކުރާ އެހެން ފޮޓޯތަކެކޭ އެއްގޮތަށް، އެންމެ ފަހުން ވެސް އާއްމުކޮށްފައި ވަނީ އޭނާ މޮޑެލްކޮށްފައި ހުރި ފޮޓޯތަކެވެ.