Roadha Mihaaru
ލޯބިވެރިޔާދެކެ ރުޅިއައިސްގެން ރައުދާގެ ފޯނުން މެސެޖްކުރި

ރައުދާ މަރުވި ރޭ ލޯބިވެރިޔާ ދެކެ ރުޅި އައިސްގެން މެސެޖްކޮށްފައި ހުރި: ޕޮލިސް

08 އެޕްރީލް 2017

ބަންގްލާދޭޝްގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފްގެ ފޯނުން، ލޯބިވެރިޔާ ދެކެ ހިތްހަމަނުޖެހިގެން ކޮށްފައި ހުރި މެސެޖްތަކެއް ފެނިފައިވާ ކަމަށް ބަންގްލާދޭޝް ފުލުހުން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބަންގްލާދޭޝްގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފްގެ ފޯނުން، ލޯބިވެރިޔާ ދެކެ ހިތްހަމަނުޖެހިގެން ކޮށްފައި ހުރި މެސެޖްތަކެއް ފެނިފައިވާ ކަމަށް ބަންގްލާދޭޝް ފުލުހުން ބުނެފި އެވެ.

ރައުދާ ކިޔަވަން އުޅުނު އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލްގެ ކޮޓަރި ތެރޭ ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މެންދުރު ކުރީގެ ވަގުތެއްގަ އެވެ.

ބަންގްލާދޭޝް އަށް ދިޔަ ދިވެހި ފުލުހުން މިދިޔަ ބުރާސްފަތިދުވަހު ރައުދާގެ ފޯނު ހުޅުވައިގެން ބެލި އިރު 28 ވަނަ ދުވަހުގެ ރޭ ވަޓްސްއެޕުން ލޯބިވެރިޔާއާ ވަރަށް ގިނައިރު ޗެޓްކޮށްފައި ހުރި ކަމާއި ވާހަކަ ދައްކާފައި ވަނީ ލޯބިވެރިޔާގެ އަމަލުތައް ހުރި ގޮތުން ވަރަށް ރުޅިއައިސްގެންކަން އެނގޭ ކަމަށް ބަންގްލާދޭޝްގެ ޑިޓެކްޓިވް ބްރާންޗުގެ އޮފިޝަލަކު ޑެއިލީ ސްޓާ ނޫހަށް ވިދާޅުވި އެވެ.

ބަންގްލާދޭޝްގައި ހުރި ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވެސް އެ ނޫހަށް ބުނެފައިވާ ގޮތުގައި ރައުދާގެ ފޯނުން ފެނުނު ޗެޓްލޮގްގެ ބައެއް ދިވެހި ފުލުހުން އޭނާ އަށް ވެސް ދެއްކި އެވެ.

"އެއީ އާދަޔާ ޚިލާފް ވާހަކަތަކެއް ނޫން. ރައުދާ ހުރީ ކަމަކާ ހިތްހަމަނުޖެހި ރުޅި އައިސްފައިކަން އެ ވާހަކަތަކުން އެނގޭ. އަހަންނަށް ޔަގީން އަހަރެންގެ ދަރިފުޅަކީ ހިތްވަރުގަދަ އަދި އެފަދަ ކަމަކާ ކުރިމަތިލެވޭ ވަރުގެ ކުއްޖެއްކަން،" ފޯނުން ފެނުނު މެސެޖްތަކާ ބެހޭ ގޮތުން ރައުދާގެ ބައްޕަ ބުންޏެވެ.

ރައުދާ އާތިފް

ރައުދާ އާތިފް

ޑިޓެކްޓިވް ބްރާންޗުގެ އެސިސްޓެންޓް ކޮމިޝަނަރު އަލަމީން ހުސައިން ޑެއިލީ ސްޓާއަށް ވިދާޅުވި ގޮތުގައި، ރައުދާގެ ފޯނުގެ ވަޓްސްއެޕުން މެސެންޖާ މެދުވެރިކޮށް ދައްކާފައި ހުރި ވާހަކަތަކާއި އޭނާގެ ލެޕްޓޮޕުން ކޮށްފައި ހުރި މުއާމަލާތްތައް ލެބޯޓަރީގައި އިތުރަށް ތަހުގީގު ކުރާނެ އެވެ.

ބަންގްލާދޭޝް އަށް ދިޔަ ދިވެހި ދެ ފުލުހުންގެ މަސައްކަތް ނިންމައި ފުރަން ޑާކާއަށް ގޮސްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެއާޕޯޓްގައި ހުންނަވައި ނޫހަށް ދިން އިންޓަވިއުއެެއްގައި ދިވެހި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޑް މުހައްމަދު ރިޔާޒް ވިދާޅުވީ ފޯނުން ލިބުނީ ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށާއި އެކަމާ ގުޅޭ ތަފްސީލް ހާމަކުރާނީ ބަންގްލާދޭޝް ފުލުހުން ކަމަށެވެ.

ރައުދާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުގައި ބުނި ނަމަވެސް އާއިލާއިން އެ ރިޕޯޓް ގަބޫލެއް ނުކުރެ އެވެ. ރައުދާގެ ކަރުގައި ހިފާފައި ހުރި ކަމުގެ ނިޝާންތަކެއް ހުރި ކަމަށާއި ރައުދާ މަރުވެފައި ހުއްޓާ ފެނުނު ކޮޓަރިން ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ފެނުނު ކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ.