Roadha Mihaaru
ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން ފުރުސަތު އެބައޮތް: ޕޮލިސް

ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން 50 ޕަސެންޓް ޗާންސް އެބައޮތް: ޕޮލިސް

05 އެޕްރީލް 2017

ދިވެހި މޮޑެލް ރައުދާ އާތިފް ބަންގްލާދޭޝްގައި ކިޔަވަން ހުރި ކޮލެޖްގެ ހޮސްޓެލްގައި މަރުވެފައި ހުއްޓާ ފެނުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އޭނާ މަރާލީ ކަމަށް ވެސް ބަލައިގެން ކަމަށާއި އޭނާ ދަންޖެހުނީ ކަމަށް ނުބަލަން 50 ޕަސެންޓް ޗާންސް އެބަ އޮތް ކަމަށް ބަންގްލާދޭޝް ފުލުހުން އިއްޔެ ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދިވެހި މޮޑެލް ރައުދާ އާތިފް ބަންގްލާދޭޝްގައި ކިޔަވަން ހުރި ކޮލެޖްގެ ހޮސްޓެލްގައި މަރުވެފައި ހުއްޓާ ފެނުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އޭނާ މަރާލީ ކަމަށް ވެސް ބަލައިގެން ކަމަށާއި އޭނާ ދަންޖެހުނީ ކަމަށް ނުބަލަން 50 ޕަސެންޓް ޗާންސް އެބަ އޮތް ކަމަށް ބަންގްލާދޭޝް ފުލުހުން އިއްޔެ ބުނެފި އެވެ.

ރާޖްޝާހީ މެޓްރޮޕޮލިޓަން ޕޮލިސް (އާރްއެމްޕީ) ގެ އެސިސްޓެންޓް ކޮމިޝަނަރު އަމީން ހުސައިން ޑާކާ ޓްރިބިއުން އަށް ވިދާޅުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޮޓަރި ތެރޭގައި "ދަންޖެހިފައި" ހުއްޓާ ފެނުނު ވަގުތުން ފެށިގެން ތަހުގީގު ކުރިއަށްދާ ކަމަށާއި ރައުދާގެ ފޯނާއި ލެޕްޓޮޕް ވެސް މިހާރު ވަނީ ވެރިރަށް ޑާކާގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް އިތުރު ތަހުގީގަށް ފޮނުވާފައި ކަމަށެވެ.

"އޭނާ (ރައުދާ) އަމިއްލައަށް މަރުވީ ކަމަށް ނުބަލަން 50 ޕަސެންޓް ޗާންސް އެބައޮތް،" އަމީން ވިދާޅުވި އެވެ.

ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުުގައި ބުނި ނަމަވެސް އާއިލާއިން ތުހުމަތުކުރަނީ އޭނާ މަރާލީ ކަމަށެވެ. ރައުދާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށާއި އޭނާއާ އެކު އުޅުނު ބައެއް ދަރިވަރުންނަށް މަރާ ގުޅިގެން ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

މިހާރު ތަހުގީގު ކުރިއަށް ގެންދަނީ ދިވެހި ދެ ފުލުހަކާ ވެސް އެކުގަ އެވެ. އެއީ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒާއި ޗީފް އިންސްޕެކްޓާ އަހްމަދު އަލީ އެވެ. މި ދެ ފުލުހުން ވަނީ ރައުދާ ކިޔެވި ކޮލެޖް ކަމަށްވާ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަށް ވަޑައިގެން ރައުދާގެ އެކުވެރިންނާއި ކޮލެޖްގެ އިސް ބައެއް ބޭފުޅުންނާ ވާހަކަ ދައްކަވައިފަ އެވެ.

ޑެއިލީ ސްޓާ ނޫހަށް ރައުދާގެ މަންމަ އާމިނަތު މުހައްރިމަތު އިއްޔެ ބުނި ގޮތުގައި ރައުދާގެ އޮޓޮޕްސީ ރިޕޯޓް އަދިވެސް އާއިލާއަކަށް ނުލިބެ އެވެ.

"މިތަނުގެ އިދާރާތަކުން ބުނަމުން ދަނީ އަމިއްލައަށް މަރުވީ ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް އަދިވެސް އޮޓޮޕްސީ ރިޕޯޓެއް ނުލިބޭ. މެޑިކަލް ބޯޑުން ދީފައި އޮތީ ވަގުތީ ރިޕޯޓެއް،" ރައުދާގެ މަންމަ ބުނެފައިވެ އެވެ.

އޭނާ ބުނީ އޮޓޮޕްސީގައި ހަދަންޖެހޭ އިތުރު ޓެސްޓްތައް ޑާކާގައި ހަދަމުން އަންނަ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާއާ އެކު ރިޕޯޓް ލިބެން ވަގުތު ނަގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ޑެއިލީ ސްޓާއިން ބުނި ގޮތުގައި ފުލުހުން ވަނީ ރައުދާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނު އިންޑިއާގެ ދެ ފިރިހެން ކުއްޖަކާ ސުވާލު ވެސް ކޮށްފަ އެވެ. ބަންގްލާދޭޝް ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނީ ދިވެހި ފުލުހުން ބޭނުންވަނީ ރައުދާ މަރުވީތޯ ނުވަތަ މަރާލީތޯ ބަލަން ކަމަށެވެ.

"އެ މީހުން ބޭނުންވަނީ ރައުދާ އަމިއްލައަށް މަރުވީތޯ ނުވަތަ މަރާލީތޯ އަދި އޭގެ ސަބަބަކީ ކޮބައިތޯ ބަލަން،" ތަހުގީގު އަދިވެސް ދަނީ ކުރިއަށްކަން ފާހަގަކުރައްވަމުން، ޑިޓެކްޓިވް ބްރާންޗުގެ އެސިސްޓެންޓް ކޮމިޝަނަރު އަލް އަމީން ހުސައިން ޑެއިލީ ސްޓާއަށް ވިދާޅުވެފައިވެ އެވެ.