Roadha Mihaaru
ރައުދާގެ މަރު ތަހުގީގުކުރަން ފުލުހުންނަށް އަމުރުކޮށްފި

ރައުދާގެ މަރުގެ މައްސަލަ ރަނގަޅަށް ތަހުގީގުކުރަން ކޯޓުން އަމުރުކޮށްފި

10 އެޕްރީލް 2017

ބަނގްލާދޭޝްގައި "ދަންޖެހިގެން" މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ ތަހުގީގު ރަނގަޅަށް ކުރި އަށް ގެންދަން އެ ގައުމުގެ ރާޖްޝާހީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން މިއަދު ފުލުހުންނަށް އަމުރު ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަނގްލާދޭޝްގައި "ދަންޖެހިގެން" މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ ތަހުގީގު ރަނގަޅަށް ކުރި އަށް ގެންދަން އެ ގައުމުގެ ރާޖްޝާހީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން މިއަދު ފުލުހުންނަށް އަމުރު ކޮށްފި އެވެ.

ބަނގްލަދޭޝްގެ ފުލުހުންގެ މައްޗަށް މި އަމުރު ނެރުނީ، އޮޓޮޕްސީ ރިޕޯޓަށް ބަލައި ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ނިންމި ނިންމުން ގަބޫލުނުކޮށް، އާއިލާ އިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ. އާއިލާ އިން ގަބޫލުކުރާ ގޮތުގައި ރައުދާގެ ކަރުގައި ހިފައި މަރައިލީ އެވެ.

ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ބުނި ނަމަވެސް ކޯޓުން އެ މައްސަލަ ބަލައިގަތީ ވަކީލުން ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

"ވަކީލުންގެ ޓީމުން ކޯޓަށް ވަނީ ހެކި ހުށަހަޅާފައި، ރައުދާގެ ކަރުގައި ހިފައި މަރާލީ ކަމަށް. އަނިޔާގެ ނިޝާންތައް ކަރުގައި ފެންނަން ހުރި ހެކިތައް ވެސް ހުށަހެޅި،" ބަނގްލާދޭޝްގައި ހުންނެވި އާތިފް ފޯނުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ފަހު ބަޔާންތައް ކޯޓަށް ހުށަހަޅަން ވެސް ފުލުހުންގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ.

އާއިލާ އިން ބުނާ ގޮތުގައި ރައުދާގެ މަރާ ގުޅޭ ގޮތުން ސުވާލު އުފެދޭ އެތައް ކަމެއް ވަނީ ފެންމަތިވެފަ އެވެ. އެކަމަކު ތަހުގީގުގައި އެ ކަންކަން ބަލަން ބަނގްލާދޭޝްގެ ފުލުހުން އިހުމާލުވެފައިވާ ކަމަށް އާއިލާ އިން ގަބޫލުކުރެ އެވެ.

ރައުދާ ކިޔަވަން އުޅުނު އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ހޮސްޓެލްގެ ކޮޓަރި ތެރޭ ރައުދާ "ދަންޖެހިފައި" ހުއްޓާ ފެނުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މެންދުރު ކުރީގެ ވަގުތެއްގަ އެވެ.

ބަނގްލަދޭޝް އަށް ދިޔަ ދިވެހި ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ރައުދާގެ ފޯނު ހުޅުވައިގެން ބެލި އިރު 28 ވަނަ ދުވަހުގެ ރޭ ވަޓްސްއެޕުން ލޯބިވެރިޔާއާ ވަރަށް ގިނައިރު ޗެޓްކޮށްފައި ހުރި ކަމާއި ވާހަކަ ދައްކާފައި ވަނީ ލޯބިވެރިޔާގެ އަމަލުތައް ހުރި ގޮތުން ވަރަށް ރުޅި އައިސްގެންކަން އެނގޭ ކަމަށް ބަނގްލާދޭޝްގެ ޑިޓެކްޓިވް ބްރާންޗުގެ އޮފިޝަލަކު ޑެއިލީ ސްޓާ ނޫހަށް ވަނީ ވިދާޅުވެފަ އެވެ.